ފުރަތަމަ ސަފްޙާ / ޚަބަރު / ތިން މޮޅާއެކު ސޮލާރީ ރެއާލަށް ހަމަޖެހުން ގެނެސްދީފި

ތިން މޮޅާއެކު ސޮލާރީ ރެއާލަށް ހަމަޖެހުން ގެނެސްދީފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 8 ނޮވެމްބަރު 2018

އުނދަގޫ ހާލަތެއްގައި އޮތް ރެއާލް މެޑްރިޑާއި މީގެ ހަފްތާއެއް ކުރިން ވަގުތީގޮތުން ހަވާލުވި ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ރޭ ޗެމްޕިއަންސް ލީގުގައި އެޓީމުން ބޮޑު މޮޅެއް ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ވިކްޓޯރިއާ ޕްލެޒެން އާއި ވާދަކުރި މެޗުން އެޓީމު މޮޅުވީ 5-0 އިންނެވެ. ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުންވެސް މޮޅުވެ އެޓީމަށް މިހާރު ވަނީ ހަމަޖެހުމެއް ލިބިފައެވެ.

މި މެޗުގެ ކުރިން ކޮޕަޑެލްރޭ އާއި ލީގުގައި ކުޅުނު މެޗުތަކުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ތިން މެޗުގައި 11 ގޯލު ޖެހިއިރު ބައިކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. ރެއާލްގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ނެރުނު ދަށް ނަތީޖާތަކަށްފަހު ސޮލާރީ އެޓީމާއި ހަވާލުވުމަށްފަހު ބުނެފައިވަނީ ދާއިމީ ކޯޗަކަށް ވާން މަސައްކަތް ކުރާނެކަމަށެވެ. ސޮލާރީ ރެއާލާއި ހަވާލުވިއިރު ހުރީ އެޓީމުގެ ބީ ޓީމުގެ ކޯޗަކަށެވެ. ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕއަންސް ލީގު ރެއާލަށް ކާމިޔާބު ކޮށްދިނުމަށްފަހު މި ސީޒަން ފެށުމުގެ ކުރިން މަގާމް ދޫކޮށްލި ޒިނެދިން ޒިދާންވެސް އެޓީމުގެ ކޯޗުކަމާއި ހަވާލުވީ ރެއާލްގެ ބީ ޓީމުގައި ހުރެފައެވެ. ސޮލާރީއާއެކު ރެއާލުން ނެރެމުން އަންނަ ނަތީޖާތަކުގެ ސަބަބުން ދާއިމީ ކޯޗެއް ނެގުމާމެދު ރެއާލުން އަދި ގޮތެއް ނުނިންމައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ޖެހި ހަތަރު ގޯލުގެ ތެރެއިން އެޓީމުގެ ކަރިމް ބެންޒެމާ ވަނީ ދެގޯލު ޖަހައިފައެވެ. ބެންޒެމާ ރޭ ޖެހި ފުރަތަމަ ގޯލަކީ އެޓީމަށް އޭނާ ޖަހައިދިން 200 ވަނަ ގޯލެވެ. މީގެ ކުރިން ރެއާލަށް 200 ގޯލު ޖަހައިދީފައިވަނީ ހަ ކުޅުންތެރިއެކެވެ. ބެންޒެމާގެ އިތުރުން ރެއާލަށް ފުރަތަމަ ހާފުގައި ގޯލުތައް ޖަހައިދިނީ ބްރެޒިލްގެ ކަސެމީރޯ އާއި ގަރެތް ބޭލް އެވެ. ދެވަނަ ހާފުގައި ރެއާލްގެ ފަސްވަނަ ލަނޑު ޖެހީ ޓޮނީ ކްރޫސް އެވެ.

މި މޮޅާއެކު ރެއާލަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ތަނަވަސްވެފައެވެ. ނުވަ ޕޮއިންޓާއެކު އެޓީމު ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ރޯމާއަށްވެސް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ހަތަރު ޕޮއިންޓާއެކު ސީއެސްކޭއޭ މޮސްކޯ ތިންވަނައިގައި އޮތްއިރު އެއް ޕޮއިންޓާއެކު ފުލުގައި އޮތީ ވިކްޓޯރިއާ ޕްލެޒެން އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!