ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ވަނަ ޑިވިޝަނުގެ ބަލި ޓީމެއްގެ އަތްދަށުވެ ރެއާލް މެޑްރިޑް ކަޓައިފި

ދެ ވަނަ ޑިވިޝަނުގެ ބަލި ޓީމެއްގެ އަތްދަށުވެ ރެއާލް މެޑްރިޑް ކަޓައިފި

އެޑްމިން
އެޑްމިން
1 މަސް ކުރިން 15 ޖެނުއަރީ 2026

ކޮޕަ ޑެލް ރޭ މުބާރާތުގައި ސްޕެއިންގެ ދެ ވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ ވަރުގަދަ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ. ރޭގެ މެޗަކީ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިވި ފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ވަގުތީ ކޯޗު ސްޕެއިންގެ އަލްވާރޯ އާބެލޯގެ އިރުޝާދުގެ ދަށުން ރޭ ރަށުން ބޭރުގައި ދެވަނަ ޑިވިޝަންގެ 17 ވަނައިގައި އޮތް އަލްބަސެޓޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-3 އިންނެވެ.

ކުރިން ރެއާލް މެޑްރިޑަށާއި ލިވަޕޫލަށް ކުޅެފައިވާ އާބެލޯ ރޭގެ މެޗަށް ޓީމު ނެރުނީ ރެއާލްގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކިލިއަން އެމްބާޕޭ އާއި ރޮޑްރީގޯގެ އިތުރުން ޖޫޑް ބެލިންހަމްގެ އިތުރުން ގޯލްކީޕަރު ތިބައު ކޯޓުއާ ނުލަ އެވެ. އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ރެއާލުން ލެވަންޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް މި ކުޅުންތެރިން ރަގަޅަށް ތައްޔާރުވުމަށް ފުރުސަތުދިނުމަށް ފަހު އެ ކުޅުންތެރިންގެ ބަދަލުގައި އާބެލޯ ރޭގެ މެޗަށް ގިނައިން ނެރުނީ އެކަޑަމީގެ ކުޅުންތެރިންނެވެ.

ރޭގެ މެޗުން ބަލިވުމުން އާބެލޯއަށް އަމާޒުވި ފާޑުކިޔުންތައް ދިފާއުކުރަމުން އޭނާ ބުނެފައިވަނީ ރޭގެ މެޗަށް އޭނާ ނެރުނީ ކާމިޔާބު ހޯދުމުގެ ގާބިލްކަން ހުރި ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށެވެ.

“މި ނަތީޖާގެ ޒިންމާ އެއްވެސް މީހަކު އުފުލަންޖެހޭނަމަ އެމީހަކީ އަހަރެން. މެޗްގައި ކުޅޭނެ ކުޅުންތެރިން ކަނޑައެޅުމާއި، މެޗް ކުޅެންވީ ކިހިނެއް ކަމާއި، ގެނައި ބަދަލުތަކާއި، މިހުރިހާ ކަމެއް ނިންމީ އަހަރެން.” އާބެލޯ ބުނެފައިވެ އެވެ.

“ފެއިލްވެދާނެތީ އަހަރެން ބިރެއް ނުގަނޭ. އަހަރެންނަށް ގަބޫލުކުރެވޭ ބައެއް މީހުން މިއީ ވެއްޓުމެއް ކަމަށް ދެކެފާނެކަން. އެކަމަކީ ކާމިޔާބާ ހަމައަށް ދެވޭނީ ފެއިލް ވެސް ވެގެން.” އާބެލޯ އިތުރަށް ބުނެފައިވެ އެވެ.

ރޭގެ މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި އޮއްވައި ކާމިޔާބުކުރީ އަލްބަސެޓޭ އިންނެވެ. އަލްބަސެޓޭ އަށް ލިބުނު ކޯނަރެއް ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމުން އެބޯޅަ ބޮލުން ޖަހައި ރެއާލްގެ ގޯލަށް ވައްދާލީ ޑިފެންޑަރު ޖަވީ ވިލާ އެވެ. ރެއާލުން ފުރަތަމަ ހާފު ނުނިމެނީސް ނަތީޖާ ހަމަހަމަކުރި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއާލަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފްރޭންކޯ މަސްޓަންޓޫނޯ އެވެ.

މެޗް ނިމެން ދިހަ މިނެޓަށް ވީއިރުވެސް ނަތީޖާއަށް އޮތީ ބަދަލެއް ނައިހެވެ. މެޗްގެ ފޯރި އަނެއްކާވެސް ގަދަވީ އަލްބަސެޓޭގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ޖެފޭ ބެޓަންކޯ 82 ވަނަ މިނެޓްގައި ގޯލް ޖަހައި އަލްބަކޭޓަށް އަލުން ލީޑް ނަގައިދިން ހިސާބުންނެވެ. ދެން ފެނުނީ ރެއާލް މެޑްރިޑުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އަނެއްކާ ވެސް ހަމަހަމަކުރި ތަނެވެ. މިފަހަރު ރެއާލުން މެޗްގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގެ ތެރޭގައި ގޮންޒާލޯ ގާސިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަލްބަސެޓޭ މެޗް ކާމިޔާބުކުރި ލަނޑު އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ރެއާލްގެ ގޯލަށް ވައްދާލީ ދެވަނަ ގޯލް ވެސް ކާމިޔާބުކޮށްދިން ބެޓަންކޯ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!