ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކްލަބް، ރެއާލް މެޑްރިޑުން ކުޅުންތެރިއަކަށް ފުރުސަތު ލިބުމަކީ ކޮންމެ ކޮންމެ އިރަކު ވާނެކަމެއް ނޫން ކަމަށް ލިވަޕޫލުން ރެއާލަށް ބަދަލުވި 26 އަހަރުގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ބުނެފި އެވެ.
ލިވަޕޫލާ އެކު އާނޯލްޑް ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ މި ޖޫން މަހުގެ ނިޔަލަށެވެ. އެހިސާބަށް މަޑުކުރިނަމަ ރެއާލަށް ފްރީ ޓްރާންސްފާއެއްގައި އާނޯލްޑް ގެންދެވުނީހެވެ. އެކަމަކު ރެއާލުން ބޭނުންވީ އާދީއްތަ ދުވަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅުވަން، އާނޯލްޑް އޭގެކުރިން ގެންނާށެވެ. އެހެންވެ ލިވަޕޫލަށް ރިލީސް ފީ ދެއްކުމަށް ފަހު އާނޯލްޑްގެ ސޮއި ރެއާލުން ހޯދީ އެވެ.
އާނޯލްޑް ރަސްމީކޮށް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލީ އިއްޔެ އެވެ.
“ރެއާލް ކަހަލަ ކްލަބަކަށް ސޮއިކުރުން އެއީ ކޮންމެ ކޮންމެ ދުވަހަކު ވާނެކަމެއް ނޫން. މިއީ ހުވަފެނެއް ހަގީގަތަކަށް ވުން. އަހަރެން މިހުރީ ވަރަށް ފަހުރުވެރިވެ އަދި އުފަލުން. އަހަރެންނަށް ވާނެ ކަންކަން މި ކްލަބަށް ދައްކާލަން މިހުރީ ކެއްމަދުވެފަ. ބައިވަރު ތަށިތައް މި ކްލަބާއެކު ހޯދަން ބޭނުން. އެންމެ މޮޅު ކުޅުންތެރިންނާއެކު ފުޓްބޯޅައިގެ ހިތްހަމަޖެހުން ހޯދަން ބޭނުން” ރެއާލަށް ބަދަލުވުމަށް ފަހު ދެއްކި ވާހަކައިގައި އާނޯލްޑް ބުންޏެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ އާނޯލްޑަކީ ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ، މިވަގުތު ދުނިޔޭގައި އެންމެ މޮޅު އެއް ފުލްބެކް ކަމަށެވެ. އާނޯލްޑާއެކު ކާމިޔާބީގެ މުޅިން އާ ސަފްހާއެއް ލިޔެވޭނެކަމަށް އުއްމީދުކުރާކަމަށް ޕެރޭޒް ބުންޏެވެ.
ރަސްމީކޮށް ރެއާލަށް ސޮއިކުރުމަށްފަހު އާނޯލްޑް ދެއްކި ވާހަކައިގައި ސްޕެނިޝް ބަސްވެސް ވަނީ ބޭނުންކޮށްފައެވެ. އާނޯލްޑް ބުނީ ސްޕެނިޝް ބަސް ދަސްކުރާތާ މަސްތަކެއް ވެއްޖެ ކަމަށެވެ.
އާނޯލްޑް ރެއާލްގައި ބޭނުންކުރާނީ 12 ނަންބަރު ޖާޒީ އެވެ. ލިވަޕޫލްގައި އާނޯލްޑް ބޭނުންކުރީ ޖާޒީ ނަންބަރު 66 އެވެ.
އާނޯލްޑަކީ ޒުވާން އުމުރުއްސުރެ ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. ލިވަޕޫލާ އެކު ލީގު ޗެމްޕިއަންކަން ދެފަހަރު ހޯދައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. ލިވަޕޫލްގައި ދައްކަމުން އައި މޮޅު ކުޅުމާއެކު ގިނަ ބަޔަކު އާނޯލްޑް ހިމަނަނީ އެ މަގާމަށް ކުޅޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައެވެ.