ފުރަތަމަ ސަފްޙާ / ޚަބަރު / އަސްލު ފެންވަރުތަ؟ ނޫނީ ފެންދީފަ ކަތިލާން އުޅެނީތަ؟
އަސްލު ފެންވަރުތަ؟ ނޫނީ ފެންދީފަ ކަތިލާން އުޅެނީތަ؟
ޕީއެސްޖީން ޗެލްސީ ބަލިކުރި މެޗުގެ ތެރެއިން. އިނގިރޭސި އެއްވެސް ކްލަބަކަށް ފުރަތަމަ ލެގުން ކުރިއެއް ނުހޯދުނު.

އަސްލު ފެންވަރުތަ؟ ނޫނީ ފެންދީފަ ކަތިލާން އުޅެނީތަ؟

ފަހުމިނެޓް
ފަހުމިނެޓް
6 ގަޑިއިރު ކުރިން 12 މާރޗް 2026

މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކްލަބް ދަތުރުކުރުމުން ޕްރިމިއާ ލީގު ވަރެއް ނެތް ކަމަށް ބުނާ މީހުންގެ އަޑު ނިކަންގަދަވި އެވެ. އެކަމަކު ރެއާއި އޭގެ ކުރީ ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުތަކަށް ފަހު އެ ވާހަކަ ދެއްކި މީހުންނަށް މިހާރު އަމާޒުވާންފަށާފައި އޮތީ މަލާމާތެވެ.

އަންގާރަ ދުވަހުގެ ރޭ ގަދަ 16 ގައި ކުޅުނު އިނގިރޭސި ކްލަބުތަކުގެ ތެރެއިން ޓޮޓެންހަމް ހޮޓްސްޕާ، އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 2-5 އިން ބަލިވުމަކުން ގިނަ ބަޔަކު ހައިރާނެއް ނުވި އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ވެސް ދަށް ނަތީޖާތަކެއް ނެރެމުން އައުމުގެ ސަބަބުން ރެލިގޭޓްވުމުގެ ބިރާވެސް ކުރިމަތިވެފައި އޮތް ޓޮޓެންހަމަށް ލިބުނު ނަތީޖާއާ އެކީ ހަމައެކަނި މީހުން އުފެއްދި ސުވާލަކީ އެޓީމުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި އިގާ ޓުޑޯ އަށް މަގާމުގައި ދެމިހުރެވިދާނެތޯ އެވެ.

ޓޮޓެންހަމަށް ފަހު ދެން އޮތީ ލިވަޕޫލެވެ. ލިވަޕޫލުން އަންގާރަ ދުވަހުގެ ރޭ ގަދަ 16 ގައި ވާދަކުރީ ތުރުކީގެ ގަލަޓަސަރާއީ އާއެވެ. ގަލަޓަސަރާއީގެ ދަނޑަކީ އިނގިރޭސި ކްލަބްތަކަށް އަބަދުވެސް އުނދަގޫ ދަނޑެކެވެ. އަނެއްކޮޅުން މިފަހަރުގެ ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް އެގޮތް މިގޮތަށް ހުރުމާއެކު ގަލަޓަސާރާއީ އަތުން ރަށުން ބޭރުގައި 1-0 އިން ލިވަޕޫލް ބަލިވުމަކީ ސިއްސައިގެންދާ ވަރުގެ ހަބަރަކަށް ނުވި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން އެ ލީގުގެ ޝަރަފްކިރިޔާވެސް ދެމެހެއްޓި ޓީމަކީ ނިއުކާސަލް ޔުނައިޓެޑެވެ. ސްޕެނިޝް ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާ އާ ވާދަކޮށް ނިއުކާސަލް ޔުނައިޓެޑް ވަނީ އެއްވަރުކޮށްފައެވެ. ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު 1-1 އިން އެއްވަރުވިއިރު ބާސެލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުވެސް ހަމަވާން އުޅެނިކޮށް ލިބުނު ޕެނަލްޓީ އަކުންނެވެ.

ރެއާލް މެޑްރިޑާ މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. ސިޓީ ކޮޅަށް ރެއާލުން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހި 
ރެއާލް މެޑްރިޑާ މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. ސިޓީ ކޮޅަށް ރެއާލުން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހި 

އިނގިރޭސި ޕްރިމިއާ ލީގާ އެގާ ގަޔާނުވާ ފަރާތްތަކަށް އަނގަ ހުޅުވާލަން ފުރުސަތު ލިބުނީ ރޭ ކުޅުނު މެޗުތަކުން ވެސް އިނގިރޭސި އެއްވެސް ކްލަބަކަށް ކުރި ނުލިބުމުންނެވެ. އަނެއްކޮޅުން ބޮޑު ތަފާތަކުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ރޭ ބަލިވުމާއެކު ފާޑުކިޔާ ފަރާތްތަކަށް އެރީ އަމަށަކު ފޯރިއެއް ނޫނެވެ. ރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ވާދަކޮށް 3-0 އިން ސިޓީ ބަލިވިއިރު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަތުން ސިޓީ ބަލިވީ 2-5 އިންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބޮނޑިއެއް ނުބޮއެ ރޭ ސަލާމަތްވީ ހަމައެކަނި ޓީމަކީ އާސެނަލެވެ. އެކަމަކު އެއީ ވެސް ހަމަ ކިރިޔާ އެވެ. ބުންޑަސް ލީގާގެ ހަ ވަނައިގައި މިވަގުތު އޮތް ބެޔާ ލެވަކޫސަނާ ވާދަކޮށް 1-1 އިން އާސެނަލް އެއްވަރުކުރި އިރު އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިއޮއްވައި ލިބުނު ޕެނަލްޓީ އަކުންނެވެ. މުބާރާތުގެ ލީގު ފޭސްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތަރުކުރި އާސެނަލަށް މިއީ އެހާ ހިތްހަމަޖެހޭ ނަތީޖާއަކަށް ނުވާނެކަން ޔަގީނެވެ.

ޕްރިމިއާ ލީގަކީ ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ލީގު ކަމަށް ބުނާ ބުނުމަކީ ހުސްވާހަކައެއް ނޫންކަން ސާބިތުކޮށްދޭން އިނގިރޭސި ކްލަބުތަކަށް މިއޮތީ ވަރުގަދަމަސައްކަތެއް ކުރަން ޖެހިފަ އެވެ. ގަދަ 16 ގައި ވާދަކުރަމުން އަންނަ އިނގިރޭސި ހަ ކްލަބްގެ ތެރެއިން ފަސް ކްލަބަކުން ދެވަނަ ލެގުގެ މެޗު ކުޅޭނީ އަމިއްލަ ދަނޑުގައެވެ. އޭގެތެރެއިން ސިޓީ، ޗެލްސީ އަދި ޓޮޓެންހަމަށް އޮތީ ތިން ގޯލުގެ ތަފާތެއް ނައްތާލައިގެން މޮޅުވާން މަޖުބޫރުވެފަ އެވެ. އާސެނަލާ ލިވަޕޫލަށް އަމިއްލަ ދަނޑުގައި ކުރަންޖެހޭ މަސައްކަތް ނިސްބަތުން ކުޑަ ވުމާއެކު އެ ދެ ޓީމަށް އޮތް އުންމީދު ބޮޑެވެ.

ކޮމެންޓްސް