މި ހުރިހާ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލް ވައްޓާލައި، އެ މަގާމަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
ސިޓީ ވަނީ ރޭ ރަށުން ބޭރުގައި 1-0 އިން ބާންލީ ބަލިކޮށްފަ އެވެ.
މޮޅާ އެކު ސިޓީ އާއި އާސެނަލަށް ވެސް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ދެޓީމުގެ ފައިދާ ގޯލު ވެސް އެއްވަރެވެ. ސިޓީ އަށް އެއް ވަނަ ލިބެނީ ޖެހި ގޯލުން ކުރި ލިބޭތީ އެވެ. ސިޓީން 66 ގޯލު ޖަހާފައިވާއިރު އާސެނަލުން ޖަހާފައިވަނީ 63 ގޯލެވެ.
ލީގުގައި ދެޓީމަށް ވެސް ބާކީ އޮތީ ފަސް މެޗެވެ. ފަސް މެޗުން މޮޅުވެގެން ސިޓީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމުގެ ފުރުސަތު ބޮޑެވެ.
ރޭގެ މެޗުގައި ސިޓީގެ ހަމައެކަނި ގޯލު 5 ވަނަ މިނެޓުގައި ޖެހީ އާލިން ހާލަންޑެވެ.
ލީގުގައި މި ހުރިހާ ދުވަހަކު އެއް ވަނައިގައި އޮތީ އާސެނަލެވެ. އެކަމަކު އެހެން ސީޒަންތަކެކޭ އެއްގޮތަށް މި ސީޒަނުގެ ވެސް ފަހު މެޗުތަކުގައި އާސެނަލަށް ނަތީޖާތައް ނުނެރެވި އެޓީމު މިވަނީ ދެ ވަނަ އަށް ވެއްޓިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯ ވަނީ އެޓީމަށް 6 ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިއީ 9 އަހަރުތެރޭ ގާޑިއޯލާ ސިޓީ އަށް ކާމިޔާބުކޮށްދޭން މަސައްކަތްކުރާ 7 ވަނަ ލީގު ތައްޓެވެ. އަނެއްކޮޅުން ސިޓީން ވަނީ ސީޒަނުގެ ފަހުކޮޅު ފޯމު ދަމަހައްޓައިފަ އެވެ. އެޓީމު އެންމެ ފަހުން ބަލިވީ މިދިޔަ ޖަނަވަރީ މަހު މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ. އޭގެފަހުން ބަލިނުވެ އެޓީމު ވަނީ 11 މެޗު ފުރިހަމަކޮށްފަ އެވެ.
ސިޓީ އަތުން ބަލިވެ ބާންލީ ވަނީ ރެލިގޭޓްވެފަ އެވެ. ސްކޮޓް ޕާކާގެ ކޯޗުކަމުގައި އެޓީމަށް މިހާތަނަށް ލިބުނީ އެންމެ ހަތަރު މޮޅެވެ. ރެލިގޭޓްވުމާ އެކު ބާންލީ އަންނަ ސީޒަނުގައި އަނެއްކާވެސް ވާދަކުރާނީ އިނގިރޭސި ޗެމްޕިއަންޝިޕްގަ އެވެ. ބާންލީގެ އިތުރުން މިހާތަނަށް ލީގުން ރެލިގޭޓްވެފައިވަނީ ފުލުގައި އޮތް ވުލްވްސް އެވެ.
