DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ސަހަރާ ކަންމަތިން ތަށި ދިފާއުކުރަން ތައްޔާރަށް އޮތްއިރު، އަހަރުން ހިސާބު ބޮޑު ޔަގީން ކަމެއްގައި
ސަހަރާ ކަންމަތިން ތަށި ދިފާއުކުރަން ތައްޔާރަށް އޮތްއިރު، އަހަރުން ހިސާބު ބޮޑު ޔަގީން ކަމެއްގައި
މި އަހަރުގެ މުބާރާތުގެ ލީގު ބުރުގައި ކްލަބް ސަހަރާ ކަންމައްޗާއި، އަހަރުން ހިސާބު ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ވިލުފުށި ކައުންސިލް

ސަހަރާ ކަންމަތިން ތަށި ދިފާއުކުރަން ތައްޔާރަށް އޮތްއިރު، އަހަރުން ހިސާބު ބޮޑު ޔަގީން ކަމެއްގައި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން • 10 ނޮވެމްބަރު 2026

ތ. ވިލުފުށި ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން މިހާރު އެ ރަށުގައި ކުރިއަށްގެންދާ ދި ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ސަހަރާ ކަންމައްޗާއި، މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އަހަރުން ހިސާބު މިއަދު ހަވީރު ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން ވަހީދުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ސަހަރާ ކަންމައްޗާއި، އަހަރުން ހިސާބަކީ މި މުބާރާތަށް އެންމެ ފުރިހަމައަށް ތައްޔާރުވި ދެ ޓީމެވެ.

ދެ ޓީމުގައިވެސް ވިލުފުށީގައި ތިބި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ހިމަނާފައިވުމުގެ އިތުރުން ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ތަރިން ދެ ޓީމަށް ވެސް ވަނީ ގެނެސްފަ އެވެ.

ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލުން ސަހަރާ ކަންމަތި ޖާގަ ހޯދީ މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަހަރުން ހިސާބަށް ފައިނަލުން ފުރުސަތު ލިބުނީ ލީގު ބުރުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގައި ޕްލޭ އޮފްގައި ވާދަކޮށް، ތިންވަނަ ހޯދި ސަނދަރަ ގޯޅި އަތުން ޕްލޭ އޮފް ގައި ބޮޑު މޮޅެއް ހޯދައިގެންނެވެ. ލީގު ބުރުގައި ސަހަރާ ކަންމައްޗާއި އަހަރުން ހިސާބު ވާދަކުރި މެޗު 1-2 އިން ކާމިޔާބުކޮށްފައިވަނީ ސަހަރާ ކަންމައްޗެވެ.

ސަހަރާ ކަންމަތިން ބުނަނީ ކުރިން މޮޅުވެފައި އޮތަސް މި މެޗު ފަސޭހަ ނުވާނެ ކަމަށް

ގްރޫޕް ސްޓޭޖުގައި ސަހަރާ ކަންމައްޗާއި، އަހަރުން ހިސާބު ވާދަކުރި މެޗުން ސަހަރާ ކަންމައްޗަށް ކުރި ލިބިފައި އޮތުމަކީ ޓީމަށް ލިބޭނެ ހިތްވަރެއް ކަމަށާއި، އެކަމަކު އެ މެޗުގެ ނަތީޖާއަކީ ފައިނަލް މެޗުގައި އިތުރު އެހެން އެއްވެސް ފައިދާއެއް ޓީމަށް ކުރާނެ ނަތީޖާއެއް ނޫން ކަމަށް ސަހަރާ ކަންމަތީގެ ކޯޗު ރީޝަން ހަސަން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ވަނީ ބުނެފަ އެވެ.

ކުރީ މެޗުގެ ނަތީޖާއަކީ މާދަމާގެ މެޗަށް މުހިންމު އެއްޗެއް ނޫން. އެއީ އަދި މާ ބޮޑު މޮޅެއް ކަމަކަށްވެސް ނުބަލަން. އެކަމަކު މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލަށް އާދެވުމަކީ ޓީމުގެ ކޮންފިޑެންސް ލެވަލް އިތުރުވާނެ ކަމެއް. 

މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުގެ ކުރިން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ސަހަރާ ކަންމަތީގެ ކޯޗު ރީޝަން ބުންޏެވެ.

މިއަދު ކުޅޭ ފައިނަލް މެޗަށް ނުކުންނައިރު ސަހަރާ ކަންމައްޗަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން އިބްރާހީމް ރިޝާމް އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތުމެވެ.

"ޓީމުގެ ކެޕްޓަނަށް ކުޅެވޭނެ ކަމުގެ ފިފްޓީ ފިފްޓީ ޗާންސެއް އޮތީ. އެ ކުޅުންތެރިޔާ ނުލާ ކުޅުމަކީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް. އެކަމަކު އެތަން ފޫބައްދަން އަހަރެމެންގެ އެހެން ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް." ރީޝަން ބުންޏެވެ.

ސަހަރާ ކަންމައްޗާއި އަހަރުން ހިސާބު ވާދަކުރި ލީގު ބުރުގެ މެޗުގެ ތެރެއިން. މިއަދުގެ މެޗު ވާދަވެރިވާނެ. ފޮޓޯ: ވިލުފުށި ކައުންސިލް
ސަހަރާ ކަންމައްޗާއި އަހަރުން ހިސާބު ވާދަކުރި ލީގު ބުރުގެ މެޗުގެ ތެރެއިން. މިއަދުގެ މެޗު ވާދަވެރިވާނެ. ފޮޓޯ: ވިލުފުށި ކައުންސިލް

ރީޝަން އިތުރަށް ފާހަގަކުރި ގޮތުގައި ފައިނަލްގައި ވާދަކުރާ އަހަރުން ހިސާބަކީ ވަރުގަދަ ޓީމެއް ކަމަށާއި، މެޗުން މޮޅުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

"ފައިނަލް މެޗު ވަރަށް ޗެލެންޖިން ވާނެ. އަހަރުން ހިސާބަކީ ވަރުގަދަ ޓީމެއް. ވަރަށް މަސައްކަތްކޮށްގެން، ލިބޭ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަގަޅަށް ކުރާ ބަޔަކަށް ކާމިޔާބު ލިބޭނީ." މިދިޔަ ފަހަރުގެސް ސަހަރާ ކަންމަތި ގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ރީޝަން ރޭ މި ނޫހާ ވާހަކަދައްކަމުން ބުންޏެވެ.

އަހަރުން ހިސާބަށް އޮތް ޔަގީންކަން ބޮޑު

މިއަދުގެ ފައިނަލް މެޗަށް އަހަރުން ހިސާބު ނުކުންނައިރު އަނިޔާގެ މައްސަލައެއް އެ ޓީމުގައި ނެތަސް ސެމީ ފައިނަލް މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމުގެ އަހްމަދު ރައްޔާން ވަނީ ފައިނަލް މެޗަށް ސަސްޕެންޑް ވެފަ އެވެ.

އަހަރުން ހިސާބުގެ މެނޭޖްމަންޓުން "ފަހުމިނެޓް"އަށް މައުލޫމާތު ދިން ގޮތުގައި ރައްޔާނަށް މިއަދުގެ މެޗުގައި ނުކުޅެވުނު ކަމުގައި ވިޔަސް ޓީމުގައި ތިބި އެހެން ކުޅުންތެރިން އެތަން ފޫބައްދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލަން ކެތްމަދުވެފައި ކަމަށެވެ.

އުންމީދުކުރި ވަރަށްވުރެ ވެސް ރަނގަޅަށް މި ޓީމުން މުބާރާތުގަ މިހާތަނަށް ކުޅެފަ ވަނީ. ހުރިހާ ކުޅުންތެރިންވެސް ތިބީ މާދަމާގެ ފައިނަލް މެޗު ކާމިޔާބުކުރަން ވަރަށް ފޯރީގަ. ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް. މެޗު ކާމިޔާބުކުރެވޭނެ ކަމުގެ. 

އަހަރުން ހިސާބުގެ މެނޭޖަރު އުސްމާން ޖަޒްލާން (ޖަޑޭ) ރޭ "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

ޖަޑޭ ފާހަގަކުރި ގޮތުގައި ގްރޫޕް ސްޓޭޖުގައި ސަހަރާ ކަންމައްޗާ ވާދަކޮށް އަހަރުން ހިސާބު ބަލިވުމުގެ މައިގަނޑު ސަބަބަކަށްވީ އެ މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށާއި، ފައިނަލް މެޗުގައި އެކަން ރަގަޅު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

https://fahuminet.com/tournaments/the-unity-futsal-championship-vilufushi

"އެ މެޗުގައި ރަގަޅަށް ކުޅެ ގިނަ ފުރުސަތުތައް ވެސް ހޯދީ އަހަރުން ހިސާބުން. އެކަމަކު ނިންމާ ނުލެވުން އެންމެ ބޮޑު މައްސަލައަކަށް ދިމާވީ. ފައިނަލް މެޗުގައި އެންމެ ބޮޑަށް މަސައްކަތް ކުރާނީ. އެކަން ރަގަޅު ކުރަން." ޖަޑޭ ބުނެފައިވެ އެވެ.

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2026 ގައި ކްލަބް ސަހަރާ ކަންމައްޗާއި، އަހަރުން ހިސާބު ވާދަކުރާ ފައިނަލް މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.  

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings