DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ރަށު މުބާރާތް ދޫކޮށްލި ތިން ކުޅުންތެރިން ވެސް ގައުމީ ޓީމަށް، ގާފަރަށް ބޮޑު ޝަރަފެއް
ރަށު މުބާރާތް ދޫކޮށްލި ތިން ކުޅުންތެރިން ވެސް ގައުމީ ޓީމަށް، ގާފަރަށް ބޮޑު ޝަރަފެއް
ގާފަރަށް ނިސްބަތްވާ ފައިއްޓޭ، ސާމިން އަދި ޝަނާން. ގައުމީ ފުޓްސަލް ޓީމުގެ މި ކުޅުންތެރިން ހިމެނުނީ ގާފަރުގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ކުރިއަށްދަނިކޮށް.

ރަށު މުބާރާތް ދޫކޮށްލި ތިން ކުޅުންތެރިން ވެސް ގައުމީ ޓީމަށް، ގާފަރަށް ބޮޑު ޝަރަފެއް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން • 29 އޮކްޓޫބަރު 2026

އަންނަ މަހު ޗައިނާގައި އޮންނަ ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ފައިނަލްގެ ސްކޮޑްގައި ގާފަރަށް އުފަން ތިން ކުޅުންތެރިން ހިމެނިއްޖެ އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ޗައިނާ ގައި ފަށާ މި މުބާރާތަށް ނެގި 14 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނުނު ގާފަރުގެ ތިން ކުޅުންތެރިންނަކީ ޝަނާން ރަޝާދާއި، ސާމިން މުހައްމަދު ނަސީރު (ސާންކޮ) ގެ އިތުރުން ގޯލްކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓޭ) އެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށަށް ނިސްބަތްވާ މި ތިން ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ  މިހާރު ގާފަރުގައި ކުރިއަށްދާ ގާފަރު ކައުންސިލް ކަޕްގައި ވާދަކުރާ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ އެކްސް ބޯއީޒް އާއި އޯކޭ ބޯއިޒްގެ ޓީމުގައި ހިމަނާފައި ވަނިކޮށެވެ. މި ކުޅުންތެރިން ނުލައި މުބާރާތުގައި ވާދަކުރުމަކީ އެ ޓީމުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވިޔަސް ގައުމީ ޓީމުން އެ ކުޅުންތެރިންނަށް ފުރުސަތު ލިބުން އެއީ އެ ޓީމުތަކުގެ މެނޭޖްމަންޓުންވެސް ކުރަމުން އައި އުންމީދެކެވެ.

ޝަނާން އާއި ސާމިން ނެތުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެއް. އެކަމަކު އެ ދެ ކުޅުންތެރިންނަށް ލިބުނު ފުރުސަތަކީ ދޫކޮށްލައިގެން ވާނެ ފުރުސަތަކަށް ނުވާތީ  އަޅުގަނޑުމެން އެކަމުގެ ހުރަހަކަށް ވާކަށާ ބޭނުމެއް ނޫން. އެ ދެ ކުޅުންތެރިންނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. 

ގާފަރު ކައުންސިލް ކަޕް މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އެކްސް ބޯއީޒްގެ މެނޭޖަރު އަހްމަދު ނާހިދު (ނާޑު) މިފަހަރުގެ މުބާރާތް ފެށުމުގެ ކުރިން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

އަނެއްކޮޅަށް ގައުމީ ފުޓްސަލް ޓީމަށް މިފަހަރު ނެގި ފައިއްޓޭ އަކީ އެކްސް ބޯއީޒްއާ އެންމެ ވާދަވެރި އޯކޭ ބޯއީޒް އިން މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ޓީމުގައި ހިމެނި އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.  

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިދިޔަ އަހަރު ވާދަކުރި ގާފަރު ޓީމުގެ ކުޅުންތެރިން. އެރަށުގެ ތިން ކުޅުންތެރިންނަށް ގައުމީ ފުޓްސަލް ޓީމުން ފުރުސަތު ލިބުނު. ފޮޓޯ: ގާފަރު ފުޓްސަލް ޓީމް
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިދިޔަ އަހަރު ވާދަކުރި ގާފަރު ޓީމުގެ ކުޅުންތެރިން. އެރަށުގެ ތިން ކުޅުންތެރިންނަށް ގައުމީ ފުޓްސަލް ޓީމުން ފުރުސަތު ލިބުނު. ފޮޓޯ: ގާފަރު ފުޓްސަލް ޓީމް

ހަތަރު ގައުމަކުން ވާދަކުރާ ޗައިނާ މުބާރާތަށް ރާއްޖެއިން މިފަހަރު ނެގި ޓީމުގައި މިއަހަރުގެ ކުރީކޮޅު ތައިލެންޑްގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުން ރަން މެޑަލް ހޯދި ގައުމީ ޓީމުގައި ހިމެނުނު ފަސް ކުޅުންތެރިޔަކަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. ގާފަރަށް ނިސްބަތްވާ ތިން ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމުން ފުރުސަތު ލިބިފައި ނުވާ ތިން ކުޅުންތެރިންނަށްވާ އިރު ގައުމީ ޓީމުން މިފަހަރު އަލުން ފުރުސަތު ލިބުނު އަނެއް ދެ ކުޅުންތެރިންނަކީ މުހައްމަދު ސާދު ނިޒާރާއި، އިސްމާއިލް ވަޖީހް (ވައްޖެ) އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކުޅުންތެރިންގެ ތެރެއިން މިފަހަރު ފުރުސަތު ގެއްލުނު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހުޒައިފަތު ރަޝީދު (ހުޒޭ)  އާއި އަލީ ހައިޝަމް (ޗުމްޕު) އާއި ޢަބްދުﷲ ޖުނައިދު (ޖެންނޭ)ގެ އިތުރުން ހުސައިން ޝަރީފް (އޮންލީ) އާއި ބަދަލު ގޯލްކީޕަރެއްގެ ގޮތުގައި ކުރިން ޓީމުގައި ހިމެނުނު އިބްރާހިމް ނާޖިހް (ހޭޓް) އެވެ. މީގެތެރެއިން ބައެއް ކުޅުންތެރިން އެކި ސަބަބުތަކާ ހެދި ޓީމުގެ ފަރިތަކުރުންތަކުގައި މިފަހަރު ބައިވެރިވެފައެއްނުވެ އެވެ. 

ޗައިނާގައި އޮންނަ މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ދެކުނު ކޮރެޔާ އާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ހޮންކޮންގްއާ ދެކޮޅަށެވެ. ފަހު މެޗުގައި ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ވާދަކުރާނީ ޗައިނާއާ އެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings