ގާފަރުގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ޕެންތާސް އާއި ހަންޓާސްގެ އިތުރުން އޯކޭ ބޯއީޒް މޮޅުވެއްޖެ އެވެ.
ރޭ އެންމެ ފުރަތަމަ ކުޅުނީ ޕެންތާސް އާއި ޖުމެއިރާ އެވެ. މި މެޗު 1-2 އިން ކާމިޔާބުކުރީ ޕެންތާސް އެވެ. މެޗުގައި ޕެންތާސްގެ ދެ ގޯލު ޖެހީ އައްޒާމް ނިޔާޒު އާއި ޔޫސުފް ޝާއިފް އެވެ. ޖުމެއިރާގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ނަޒީމް އެވެ.
ރޭގެ ދެ ވަނަ މެޗުގައި ހަންޓާސް އިން މާލިންސް ސްޕޯޓްސް ބަލިކުރީ 1-2 އިންނެވެ. މެޗުގައި ހަންޓާސް އަށް ގޯލުތައް ކާމިޔާބުކޮށްދިނީ މައިޝް ލަތީފް އާއި އަޒްޔާން އިބްރާހީމް އެވެ. މާލިންސްގެ ގޯލު ކާމިޔާބުކޮށްދިނީ ޝަޔާން އުމަރު އެވެ.

ރޭ ކުޅުނު ފަހު މެޗުގައި ހަންޓާސް އެލީޓް އަތުން އޯކޭ ބޯއީޒް މޮޅުވީ 3-0 އިންނެވެ. މި މެޗުގައި އޯކޭ ބޯއީޒްގެ މާހީ މުފީދު ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ އިބްރާހީމް ރިމާހު (ރިމޭ) އެވެ.
ދެ ގްރޫޕަށް ބަހާލައިގެން ކުޅޭ މުބާރާތުގެ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ 7 ޕޮއިންޓާ އެކު އޯކޭ ބޯއީޒް އެވެ. މިއާއެކު އޯކޭ ބޯއީޒް ވަނީ ސެމީގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި 4 ޕޮއިންޓާ އެކު ހަންޓާސް އޮތްއިރު ތިން ވަނައިގައި 3 ޕޮއިންޓާ އެކު އޮތީ ހަންޓާސް އެލީޓް އެވެ. ހަތަރު ވަނައިގައި އޮތް އެކްސް ބޯއީޒް ފުރަތަމަ މެޗުން ބަލިވިއިރު ފުލުގައި އޮތް މާލިންސް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ޕެންތާސް އޮތީ 6 ޕޮއިންޓާ އެކު އެވެ. ފުރަތަމަ ދެ މެޗުން މޮޅުވުމާ އެކު އެޓީމަށް ވެސް ސެމީ ފައިނަލުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތީ 3 ޕޮއިންޓާ ހޯދާފައިވާ އޯކޭ ޔުނައިޓެޑެވެ. އޯކޭ ލެޖެންޑްސް ފުރަތަމަ މެޗުން ބަލިވެފައިވާއިރު ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވި ޖުމެއިރާ ރިސޯޓެވެ.
https://www.fahuminet.com/tournaments/gaafaru-council-cup-2026
ދެ މެޗުން ބަލިވުމާއެކު، ފަހު މެޗުން ޖުމެއިރާ މޮޅުވާން މަޖުބޫރުވާނެ އެވެ. ރޭ ހަނި ނަތީޖާއަކުން ބަލިވިއިރު ފުރަތަމަ މެޗުގައި އޯކޭ ޔުނައިޓެޑް އަތުން ވެސް އެޓީމު ބަލިވީ 3-4 ގެ ކުޑަ ތަފާތަކުންނެވެ. މޮޅުވާން މަޖުބޫރު މެޗުގައި ޖުމެއިރާ ނުކުންނާނީ އޯކޭ ލެޖެންޑްސްއާ ދެކޮޅަށެވެ.
ގާފަރު ކައުންސިލް ކަޕްގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. މިއަހަރުގެ މުބާރާތުގައި 9 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގައި ގާފަރުގެ މަޝްހޫރު ފުޓްސަލް ތަރިންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ވެސް އަންނަނީ ކުޅެމުންނެވެ.