DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފޭދޫ ކައުންސިލް ކަޕް: އަލުން ރަސްކަމަށް އަންނަން ޑާކްވުޑުން މިފަހަރު ދެ ލަޝްކަރު
ފޭދޫ ކައުންސިލް ކަޕް: އަލުން ރަސްކަމަށް އަންނަން ޑާކްވުޑުން މިފަހަރު ދެ ލަޝްކަރު
ށ. ފޭދޫގައި މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގައި ބައިވެރިވި ކްލަބް ޑާކް ވުޑްގެ ޓީމު މުބާރާތުގެ މެޗެއް ފެށުމުގެ ކުރިން ފޮޓޯއަކަށް އެތުރިގެން - ފޮޓޯ: ކްލަބް ޑާކްވުޑް

ފޭދޫ ކައުންސިލް ކަޕް: އަލުން ރަސްކަމަށް އަންނަން ޑާކްވުޑުން މިފަހަރު ދެ ލަޝްކަރު

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން • 14 އޮކްޓޫބަރު 2026

ށ. ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފޭދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ފެށެން ގާތްވެފައިވާއިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުން އަންނަނީ ފޯރިއާއެކު ފަރިތަކުރުންތައް ބާއްވަމުންނެވެ.

ބުރާސްފަތި ދުވަހު ފަށާ މި މުބާރާތުގައި މިފަހަރު ފަސް ޓީމަކުން ވާދަކުރާއިރު އެއް ކުޑައެއްގެ ދަށުން ނުކުންނަ ކްލަބް ޑާކް ވުޑާއި، ޑާކް ވުޑް އެސްސީ އަކީ މުބާރާތުގެ ފޯރި ފިސާރި ވަރުގަދައަށް ގެނެސްދޭނެ ދެ ޓީމު ކަމަށް ބެލެވެ އެވެ.

ލީގު އުސޫލުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ފޭދޫ ކައުންސިލް ކަޕްގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ކްލަބް ޑާކް ވުޑާއި، ޑާކް ވުޑް އެސްސީ ބައްދަލުކުރާއިރު ކްލަބް ޑާކް ވުޑުން ވަނީ މުބާރާތުގެ ތަށި 2023 ވަނަ އަހަރު އުފުލާލުމުގެ ޝަރަފް ހޯދައިފަ އެވެ. އެއާ ހިލާފަށް ޑާކް ވުޑް އެސްސީއިން ފޭދޫ ކައުންސިލް ކަޕްގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ.

މީގެ ތިން އަހަރު ކުރިން ކްލަބް ޑާކް ވުޑް އުފައްދައިގެން އެ އަހަރުގެ މުބާރާތަށް ނުކުތީ ޓާގެޓެއް ނެތި އެވެ. އެ ޓީމުގެ މެނޭޖަރު މުޙައްމަދު އަޔާންގެ ބަހުން ނަމަ އެފަހަރު މުބާރާތުގައި ބައިވެރިވީ "ހަމަ މަޖަލަކަށެވެ."  އެކަމަކު މުބާރާތް ކްލަބް ޑާކް ވުޑުން އެފަހަރު ނިންމާލީ ތަށްޓާ އެކު އެވެ.

"ފުރަތަމަ އަހަރު ހަމަ އެއްކޮށް އުޅޭ ކުދިން ކޮޅެއް މަޖާކޮށްލަން މުބާރާތުގަ ބައިވެރިވީ. މީހަކު ހިލޭ ދިން ޖޯޒީ ބައެއް އެފަހަރު ލީ ވެސް. އެއްވެސް ބަޖެޓެއް ނެތި ކުޅުނީ. ރަށުން ބޭރުން ވެސް ގެނައީ ރައްޓެހި ދެ ކުދިން ހިލޭ ހަމަ." ފުރަތަމަ މުބާރާތުގެ ތަޖުރިބާ "ފަހުމިނެޓް" އާ ހިއްސާކުރަމުން އަޔާން ބުންޏެވެ.

މުބާރާތާ ދޭތެރޭ ސީރިއަސްކޮށް ވިސްނަން ކްލަބް ޑާކް ވުޑުން ފެށީ ވެސް ފުރަތަމަ މުބާރާތުގެ ތަށި ލިބުނު ހިސާބުންނެވެ. އެކަމަކު ޖެހިގެން އައި އަހަރުގެ މުބާރާތް ފައިނަލްގައި ވާދަކުރުމުގެ ފުރުސަތު އެ ޓީމުން ހޯދި ނަމަވެސް ޗެމްޕިއަންކަން ދިފާއުކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ އުންމީދު ކުރި ގޮތަށް ކަންކަން ނުދިއުމާއެކު މިފަހަރުގެ މުބާރާތަށް ޑާކް ވުޑް އާއިލާއިން އެ ނުކުންނަނީ ވަރުގަދަ ދެ ލަޝްކަރާ އެކު އެވެ.

ކްލަބް ޑާކް ވުޑްގެ މެނޭޖަރު އަޔާން ފާހަގަކުރި ގޮތުގައި ދެ ޓީމަކީވެސް ތަށްޓަށް ވާދަކުރެވޭނެ ވަރުގެ ފެންވަރު ހުރި ދެ ޓީމެވެ.

ޑާކްވުޑްގަ ދެ ޓީމުގަ މި ތިބީ ފޭދޫ ފުޓްސަލް ޓީމުގައި ހިމެނޭ ގާތްގަނޑަކަށް ނުވަދިހަ ޕަސެންޓް ކުޅުންތެރިން. މިތަނުން ވަކި ޓީމެއް މޮޅޭ. ވަކި ޓީމެއް ދަށް ވާނެ އޭ ނުބުނެވޭނެ. އަހަރެމެންގެ ޓާގެޓަކީ މިފަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރާ ދެ ޓީމަކީ ޑާކްވުޑްގެ ދެ ޓީމަށް ވުން

އަޔާންގެ އުންމީދުތައް ހުރި ހިސާބު ކިޔައިދިނެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދީފައި އޮތް އިރު ކްލަބް ޑާކްވުޑްގެ ޓީމުގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މަގްބޫލް ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އިޝާމް (ޝަންޓޭ) ގެ އިތުރުން ޝަންޓޭ އާއެކު ދުވާފަރު ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުހައްމަދު އަނާން ވަނީ ހިމަނައިފަ އެވެ. ޑާކް ވުޑް އެސްސީއިން ރަށުން ބޭރު ދެ ކުޅުންތެރިންގެ ގޮތުގައި ދުވާފަރުގެ ކުޅުންތެރިޔަކާއި، ނޮޅިވަރަންފަރުގެ ކުޅުންތެރިޔަކު ވަނީ ހިމަނައިފަ އެވެ.

https://www.facebook.com/permalink.php?story_fbid=pfbid0udjHNt9CAJzqAzGJVYhLjyxsuMYz9EYXRMmjZg2hjjLytBYCz4zrtNP9mHC2DnADl&id=61562129224162&__tn__=%2CO*F

ފޭދޫ ކައުންސިލް ކަޕްގެ ތަށި އަލުން އުފުލާލަން ޑާކްވުޑުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމުގެ ގޮތުގައި އެޓީމުން ފާހަގަކުރަނީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންބްލެކް އެފްސީ އަށް ކުޅުނު އަހްމަދު ފާއިން މުހައްމަދު މިފަހަރުގެ މުބާރާތަށް ޑާކް ވުޑާ ގުޅުމެވެ. ފޭދޫގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފާއިން ވަނީ ފޭދޫ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ ވެސް އަދާކޮށްފަ އެވެ.

ވަރުގަދަ އަމާޒެއް ހާސިލްކުރަން ޑާކް ވުޑުން މުބާރާތާ ކުރިމަތިލާއިރު މިއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން އެ ޓީމަށް ވެސް އެނގެ އެވެ. ޑާކް ވުޑްގެ މެނޭޖަރު އަޔާން ފާހަގަކުރި ގޮތުގައި މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކުން ވެސް އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެއާއެކު ވެސް ޑާކްވުޑްގެ ކުޅުންތެރިންނާ ދޭތެރޭ މެނޭޖްމަންޓަށް އޮތް ޔަގީންކަން ބޮޑެވެ.

https://www.fahuminet.com/tournaments/sh-feydhoo-council-cup-2026

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ކުޅުންތެރިން  ދޭ ކޮމިޓްމަންޓް. ހުރިހާ ކުދިން ވެސް ވަރަށް ބަސް އަހާ. ވަރަށް ޑިސިޕްލިން. ޕްރެކްޓިސްއަށް ބަރާބަރަށް އާދޭ. އިރާދަކުރެއްވިއްޔާ މި ކުޅުންތެރިން ނަތީޖާ ނެރޭނެ." އަޔާން ބުންޏެވެ.  

 

 

 

 

 

 

 

 

 

 

 

ކޮމެންޓްސް

Matches
1
Ongoing
3
Upcoming
Predict
Settings