DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / މުޅި ކަނޑިތީމު މާޔޫސްކޮށްލި ދެ ގޯލާ އެކު އިހަވަންދޫ ފައިނަލަށް
މުޅި ކަނޑިތީމު މާޔޫސްކޮށްލި ދެ ގޯލާ އެކު އިހަވަންދޫ ފައިނަލަށް
ކަނޑިތީމާ އެއްވަރުކޮށް ފައިނަލުގެ ޖާގައެއް ހޯދުމަށް ފަހު އިހަވަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ނައިވާދު ކައުންސިލް

މުޅި ކަނޑިތީމު މާޔޫސްކޮށްލި ދެ ގޯލާ އެކު އިހަވަންދޫ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
6 ގަޑިއިރު ކުރިން • 5 އޮކްޓޫބަރު 2026

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް އުތުރުގެ ޒޯން އެކެއްގެ ފައިނަލުގެ ޖާގައެއް ކަށަވަރުވާން ހިނދުކޮޅަކަށް ވެފައިވަނިކޮށް ށ. ކަނޑިތީމަށް އެ ފުރުސަތު ގެއްލި ފައިނަލުގެ ޖާގަ ހއ. އިހަވަންދޫ ހޯދައިފި އެވެ. 

އުތުރުގެ ޒޯން އެކެއްގައި ވާދަކުރަނީ ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކެވެ. މި ތިން އަތޮޅުގެ ފަސް ރަށް ލީގު ބުރަށް ކޮލިފައިވި އެވެ. 

ޒޯން އެކެއްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ހދ. ނައިވާދޫ އެވެ. ދެ ވަނަ ޖާގަ އަށް މަސައްކަތްކުރީ އިހަވަންދޫ އާއި ކަނޑިތީމެވެ. މި ދެޓީމުގެ ވާދަވެރި ކުރިމަތިލުން މިއަދު ހަވީރު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު އިހަވަންދޫ އަށް ވަނީ ޒޯން ފައިނަލާ އެކު އުތުރު ސަރަހައްދުގެ ލީގުން ވެސް ފުރުސަތު ލިބިފަ އެވެ. 

މިއަދު ނައިވާދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު އެއްވަރުކޮށްލައިގެން އިހަވަންދޫ އަށް އޮތީ ފައިނަލުގެ ޖާގައެއް ލިބޭ ގޮތަށެވެ. އެކަމަކު ކަނޑިތީމަށް އެ ފުރުސަތު ލިބެން އޮތީ އިހަވަންދޫ ބަލިކޮށްގެންނެވެ. އެހެންވެ މެޗަށް އެޓީމު ނުކުތީ ވެސް އެވަރު ދަނެގެންނެވެ. މެޗުގެ ބޮޑުބައިގައި ލީޑުގައި އޮތީ ވެސް ކަނޑިތީމެވެ. އެޓީމަށް ފުރުސަތު ގެއްލުނީ މެޗުގެ ފަހު ފަސް މިނެޓުގައި އިހަވަންދޫން ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ. 

ވާދަވެރިކޮށް ފެނުނު މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ މިނެޓު ތެރޭ ޖެހީ ކަނޑިތީމުގެ ރައުލް ނިޒާޔެވެ. މި ގޯލާ އެކު ފުރަތަމަ ހާފު ނިމުނީ ކަނޑިތީމު ލީޑުގައި އޮވެގެންނެވެ. 

ކަނޑިތީމާއި އިހަވަންދޫ ވާދަކުރި މެޗުގެ ތެރެއިން. އިހަވަންދޫ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފަހު ފަސް މިނެޓުގައި ދެ ގޯލު ޖަހައިގެން. ފޮޓޯ: ކްލަބް މޯލްޑިވްސް
ކަނޑިތީމާއި އިހަވަންދޫ ވާދަކުރި މެޗުގެ ތެރެއިން. އިހަވަންދޫ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފަހު ފަސް މިނެޓުގައި ދެ ގޯލު ޖަހައިގެން. ފޮޓޯ: ކްލަބް މޯލްޑިވްސް

މެޗުގައި ފޯރި ހިފީ ދެ ވަނަ ހާފުގައި ގާތްގާތުގައި ގޯލުތައް ވައްދާލި ހިސާބުންނެވެ. ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ކަނޑިތީމުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޝާން އެވެ. އެކަމަކު 26 ވަނަ މިނެޓުގައި އިހަވަންދޫގެ ބިދޭސީ ކުޅުންތެރިޔާ އަހުމަދު އެލްސައިދް އަލީ ހަމީދު ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. 

އަލްސައިދު މި ގޯލު ޖެހިތާ މިނެޓެއް ނުވަނީސް ރައުލްގެ އިތުރު ގޯލަކުން ކަނޑިތީމު 3-1 އަށް ނަތީޖާ ބަދަލުކޮށްލި އެވެ. ދެ ގޯލުގެ ފަރަގެއްގައި ކަނޑިތީމު އޮއްވައި އަލްސައިދު ވަނީ ގޯލެއް ޖަހައި 27 ވަނަ މިނެޓުގައި 3-2 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. 

ކަނޑިތީމުގެ ހަތަރު ވަނަ ގޯލު 33 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. މި ގޯލާ އެކު މެޗުގެ ބާކީ ހަ މިނެޓަށް ދިޔައިރު ކަނޑިތީމަށް ދެ ގޯލުގެ ލީޑެއް އޮތީ ލިބިފަ އެވެ. އެކަމަކު ބާކީ ބައިގައި ކަށިން ހިތްވަރުނެރެ އިހަވަންދޫން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި އެވެ. 

އިހަވަންދޫގެ ތިން ވަނަ ގޯލު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލްސައިދު އެވެ. މި ގޯލާ އެކު އަލްސައިދު ހެޓްރިކް ފުރިހަމަ ކުރިޔަސް އިހަވަންދޫ އޮތީ ކަޓާ ގޮތަށެވެ. އިހަވަންދޫ އަށް ދިރުން ގެނެސްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެޓީމުގެ ތަރި އިބްރާހީމް ހާމިދު ކާމިޔާބުކޮށްދިން ގޯލުންނެވެ. 

މެޗުގެ ނަތީޖާ 4-4 އަށް ބަދަލުވުމާ އެކު އިހަވަންދޫން ވަނީ ވިސްނުންތެރިކަމާ އެކު ކުޅެ އެ ނަތީޖާގައި ނިންމާލައި ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. ފައިނަލާ ވަރަށް ގާތަށް ގޮސް އެ ފުރުސަތު ގެއްލުމުން ކަނޑިތީމުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. 

https://www.fahuminet.com/tournaments/fam-futsal-north-zone-1

އުތުރުގެ ޒޯން އެކެއްގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ނައިވާދޫން ވަނީ 0-6 އިން ހަނިމާދޫ ބަލިކޮށްފަ އެވެ. މެޗުގައި ނައިވާދޫގެ ހަ ގޯލުގެ ތެރެއިން އަބްދުﷲ ވިސާމް ދެ ގޯލު ޖެހި އެވެ. ދެން އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާއިން އާއި ހުސައިން މައިޝާންގެ އިތުރުން އަލީ ހުސާމް އަދި ހުސައިން އަސްލަމެވެ. 

އުތުރު ޒޯން އެކެއްގެ ލީގު ބުރުގެ އެއް ވަނަ ނައިވާދޫ ހޯދީ 12 ޕޮއިންޓާ އެކު އެވެ. އެޓީމު ހަތަރު މެޗު ވެސް ކާމިޔާބު ކުރިއިރު ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. ދެ ވަނަ އިހަވަންދޫ އަށް ލިބުނީ 7 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ނިންމާލީ 5 ޕޮއިންޓް ލިބުނު ކަނޑިތީމެވެ. ފިއްލަދޫ އަށް 4 ޕޮއިންޓާ އެކު ހަތަރު ވަނަ ލިބުނުއިރު ފުލަށް ދިޔަ ހަނިމާދޫ ވަނީ ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. 

އުތުރުގެ ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫ އާއި އިހަވަންދޫ ވާދަކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. ފައިނަލަށް މި ދެޓީމު ވާދަކުރާނީ އިނގުރައިދޫ އާއި ދުވާފަރު ހިމެނޭ އުތުރުގެ ޒޯން ލީގުގަ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
2
Upcoming
Predict
Settings