ކ. ތުލުސްދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެޕޮކަލިޕްސް ލެޖެންޑްސް އަދި އަންހެން ޗެމްޕިއަންކަން ރޯޔަލް ސްޓްރައިކާސް ހޯދައިފި އެވެ.
ފުޓްސަލް ދެ ފައިނަލްވެސް ރޭ ކުޅުނީ ތުލުސްދޫ ފުޓްސަލް ދަނޑުގަ އެވެ.
ފިރިހެން ފުޓްސަލްގެ ޗެމްޕިއަންކަން އެޕޮކަލިޕްސް ލެޖެންޑްސް ހޯދީ ފައިނަލުގައި އެމްޕަޔާ ސްޕޯޓްސް ކްލަބް 1-3 އިން ބަލިކޮށްގެންނެވެ.
ރޭގެ ފައިނަލުގައި ފުރަތަމަ ލީޑު ނެގީ އެމްޕަޔާ އިންނެވެ. މި ގޯލު 6 ވަނަ މިނެޓުގައި ޖެހީ ޝައްފާން އެވެ. އެޕޮކަލިޕްސް ލެޖެންޑްސް އިން ޗެމްޕިއަންކަން ހޯދީ ފަހަތުން އަރައި ތިން ގޯލު ކާމިޔާބުކޮށްގެންނެވެ. މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ މިދުހަތު އެވެ.
އެޕޮކަލިޕްސް ލީޑު ނެގި ގޯލު ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ޖެހީ މުހައްމަދު ނިޝާހު އެވެ. އަދި، އެޓީމުގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖެހީ ވެސް މޮޅު ކުޅުމެއް ދެއްކި ނިޝާހު އެވެ. ދެ ގޯލާ އެކު ނިޝާހު ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
މުބާރާތުގެ ފައިނަލުން އެޕޮކަލިޕްސް ލެޖެންޑްސް ފުރުސަތު ހޯދީ 1-0 އިން ޕިޓީ ޕިއު ޕިއު ބަލިކޮށްގެންނެވެ. އެމްޕަޔާ ފައިނަލަށް ދަތުރުކުރީ ބްލެކް އީގަލްސްއާ ވާދަކުރި ސެމީ ފައިނަލް މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީގައި 4-5 އިން ކުރި ހޯދައިގެންނެވެ.

އަންހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރިއިރު، ފައިނަލް މެޗުން ރޯޔަލްސް ސްޓްރައިކާސް މޮޅުވީ ޕެނަލްޓީގައި ކުއީން ބީސްއާ ވާދަކޮށް 3-1 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު 11 ވަނަ މިނެޓުގައި ޖެހީ ރޯޔަލް ސްޓްރައިކާސްގެ މިޒްހާ އެވެ. ކުއީން ބީސް އިން ނަތީޖާ ހަމަހަމަކުރީ 28 ވަނަ މިނެޓުގައި މުސްލިމާ ޖެހި ގޯލުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރޯޔަލް ސްޓްރައިކާސްގެ އާމިނަތު މިލްނާ އެވެ.