ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ބްލެކް އީގަލްސް ހޯދައިފި އެވެ.
މުބާރާތުގައި ރޭ ވަނީ ގްރޫޕް އޭގެ ފަހު ދެ މެޗު ކުޅެފަ އެވެ. ބްލެކް އީގަލްސް ސެމީ ފައިނަލް ކަށަވަރުކުރީ ވޭލިއަންޓް ސްޕޯޓްސް ކްލަބް 0-14 ބަލިކޮށްގެންނެވެ. އަނެއް މެޗުގައި ޕިޓީ ޕިއު ޕިއު ވަނީ 1-9 އިން ޔުނައިޓެޑް އީގަލްސް ބަލިކޮށްފަ އެވެ.
މޮޅާ އެކު ބްލެކް އީގަލްސް ސެމީގެ ޖާގަ ކަށަވަރުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ މުހައްމަދު ޒިޔާން ރިވްޒީ އެވެ. ޕިއު ޕިއު މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު ނާއިފް ތޮލާލް އެވެ.

ރޭގެ މެޗުތަކާ އެކު ގްރޫޕް އޭގެ އެއް ވަނަ ހޯދީ ޕިޓީ ޕިއު ޕިއު އެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ބްލެކް އީގަލްސް ދެ ވަނަ ކަށަވަރުކުރީ 6 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ލިބުނު ޔުނައިޓެޑް އީގަލްސް އާއި ވޭލިއަންޓް ސްޕޯޓްސް ކްލަބަށް ލިބުނީ 1 ޕޮއިންޓެވެ.
ގްރޫޕް އޭގެ ސެމީ ފައިނަލުގެ ޖާގަތައް ފިއު ފިއު އާއި ބްލެކް އީގަލްސް ކަށަވަރު ކުރިއިރު، ގްރޫޕް ބީގެ ސެމީގެ ޖާގަތައް ހޯދީ އެމްޕަޔާ ސްޕޯޓްސް ކްލަބާއި އެޕޮކަލިޕްސް ލެޖެންޑްސް އެވެ.
ތުލުސްދޫ ފުޓްސަލް ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭނީ ފިރިހެން އަދި އަންހެން ޑިވިޝަނުގެ ވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.
ގްރޫޕް ބީގެ ފަހު ދެ މެޗުގެ ތެރެއިން 21:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ އެމްޕަޔާ ސްޕޯޓްސް ކްލަބާއި އެޕޮކަލިޕްސް ލެޖެންޑްސް އެވެ. އަދި 22:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ތުލުސްދޫ ވެޓަރަންސް އާއި ޕަވާ ހައުސް އެވެ. މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ސެމީ ފައިނަލަށް ހޮވޭ ޓީމުތަކަށް ބަދަލެއް ނާންނާނެއެވެ.
އަންހެން ޑިވިޝަނުގައި ވާދަކުރާ ތިން ޓީމުގެ ތެރެއިން މިރޭ 20:15 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޓީމް ކޭއޭއީސީ އާއި ކުއީން ބީސް އެވެ. މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އަންހެން ޑިވިޝަނުގެ ފައިނަލުގެ ދެ ޖާގަ ކަށަވަރުވާނެ އެވެ.