ކ. ތުލުސްދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށްގެންދާ ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގަތައް އެމްޕަޔާ ސްޕޯޓްސް ކްލަބާއި އެޕޮކަލިޕްސް ލެޖެންޑްސް ހޯދައިފި އެވެ.
ގްރޫޕް ބީގެ މި ދެ ޓީމު ސެމީ ފައިނަލް ކަށަވަރުކުރީ ރޭ ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ. މިގޮތުން ރޭ އެމްޕަޔާ ސްޕޯޓްސް ކްލަބް ވަނީ ތުލުސްދޫ ވެޓަރަންސްއާ ވާދަކޮށް 19-2 ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްޕަޔާގެ މުހައްމަދު ޝައިޚާން އެވެ.
ރޭގެ އަނެއް މެޗުގައި އެޕޮކަލިޕްސް ލެޖެންޑްސް ވަނީ 6-4 އިން ޕަވާ ހައުސް ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލެޖެންޑްސް ޓީމުގެ އާދަމް އަޒްމީން އެވެ.
މި ދެ ޓީމަށް ސެމީ ފައިނަލް ކަށަވަރުވީ ބާކީ މެޗެއް އޮއްވަ އެވެ. ދެ ޓީމަށް ވެސް 6 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ގްރޫޕުގެ އެއް ވަނައިގައި އޮތީ އެމްޕަޔާ ސްޕޯޓްސް އެވެ. ތިން ވަނައިގައި އޮތް ޕަވާ ހައުސް އާއި ފުލުގައި އޮތް ތުލުސްދޫ ވެޓަރަންސް އަށް ބާކީ މެޗެއް އޮތަސް ގްރޫޕުގެ އެއް ވަނަ އާއި ދެ ވަނަ އަށް އެރުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ.

ތުލުސްދޫ ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ މެޗެއް ވެސް ރޭ ވަނީ ކުޅެފަ އެވެ. ތިން ޓީމު ހިމެނޭ އަންހެން ޑިވިޝަނުގައި ރޯޔަލް ސްޓްރައިކާސްއާ ވާދަކޮށް 1-3 އިން މޮޅުވީ ކުއީން ބީސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުއީން ބީސްގެ މުސްލިމާ ޒަރީރު އެވެ.
އަންހެން ޑިވިޝަނުގެ ހިމެނޭ ތިން ޓީމުގެ ތެރެއިން ކުއީން ބީސް އާއި ރޯޔަލް ސްޓްރައިކާސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ޕޮއިންޓެއް ނުލިބި އޮތީ ޓީމް ކޭއޭއީސީ އަށެވެ. އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅޭނީ ކުއީން ބީސް އާއި ޓީމް ކޭއޭއީސީ އެވެ.

ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ފަހު މެޗުތަކެވެ. ފުރަތަމަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ ބްލެކް އީގަލްސް އާއި ވޭލިއަންޓް ސްޕޯޓްސް ކްލަބެވެ. ދެ ވަނަ މެޗުގައި މިރޭ 9:30 ގައި ބައްދަލުކުރާނީ ޕިޓީ ފިއު ފިއު އާއި ޔުނައިޓެޑް އީގަލްސް އެވެ.
ގްރޫޕް އޭގެ ފަހު މެޗުތަކަށް ނުކުންނައިރު ޕިޓީ ފިއު ފިއު އިން ވަނީ ސެމީ ފައިނަލް ޔަގީންކޮށްފަ އެވެ. މިރޭގެ މެޗުތަކާ އެކު މި ގްރޫޕުން ސެމީ ފައިނަލުގައި ވާދަކުރާ ދެ ވަނަ ޓީމު ކަށަވަރުވާނެ އެވެ.