ފުރަތަމަ ސަފްޙާ / ޚަބަރު / މިޔަޓް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް: ފުޓްސަލް ތަރިންނަށް މިރޭ ވަރުގަދަ އިމްތިހާނެއް
މިޔަޓް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް: ފުޓްސަލް ތަރިންނަށް މިރޭ ވަރުގަދަ އިމްތިހާނެއް
ކަންމަތީގެ މެޗެއްގައި މަޝްހޫރު ފުޓްސަލް ތަރި ޝާއްޕެ ބޯޅަ ހިފައިގެން. މިޔަޓް ފުޓްސަލްގެ ސެމީގެ ދެ މެޗު މިރޭ ކުޅޭނެ. ފޮޓޯ: މިޔަޓް

މިޔަޓް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް: ފުޓްސަލް ތަރިންނަށް މިރޭ ވަރުގަދަ އިމްތިހާނެއް

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން 9 އޮގަސްޓް 2026

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ތުލުސްދޫގައި ކުރިއަށްގެންދާ މިޔަޓް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ. 

ކ. އަތޮޅުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް ފިއެސްޓާގައި މިއަހަރު ނުވަ ޓީމު ބައިވެރިވި އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި ބްލެކް އީގަލްސް އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ކަންމަތި އެފްސީ އާއި ގާފަރަށް ނިސްބަތްވާ އެކްސް ބޯއީޒް އެވެ. 

ސެމީގައި ވާދަކުރާ އެޕޮކަލިޕްސް ވަނީ ގްރޫޕް ސްޓޭޖުގައި އެއް ވަނަ ހޯދައިފަ އެވެ. ގްރޫޕުގައި އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އެކްޒް ބޯއީޒްއާ ވާދަކޮށް އެއްވަރުވިއެވެ. 

މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމަކީ ވެސް އެޕޮކަލިޕްސް އެވެ. އެޓީމުގައި ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އޭގެތެރޭގައި ހުސައިން ޝަރީފް (އޮންލީ) އާއި އަހުމަދު އަފްލާޒް އަދި އަބްދުﷲ ޝައްފާން (ޝާކާ) ފާހަގަކޮށްލެވެ އެވެ. 

އެޕޮކަލިޕްސްގެ އޮންލީ މިހާތަނަށް މުބާރާތުގައި ހަ ގޯލު ޖަހާފައިވައިރު އަފްލާޒް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. 

އެޕޮކަލިޕްސްއާ ދެކޮޅަށް ނުކުންނަ ބްލެކް އީގަލްސް ސެމީ ފައިނަލްގެ ޖާގަ ހޯދީ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފަ އެވެ.  

ބްލެކް އީގަލްސް ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، އަލީ ހައިސަމް (ޗުމްޕު) އާއި މުހައްމަދު އިސާމް (ޝަންޓޭ) ގެ އިތުރުން އަބްދުﷲ ސުޒައިރު އާއި ހުސައިން އަފްސަލް ފާހަގަކޮށްލެވެ އެވެ. އެޓީމުގެ އަފްސަލް ވަނީ މުބާރާތުގައި މިހާތަނަށް ފަސް ގޯލު ޖަހައިފަ އެވެ. 

ގްރޫޕް ސްޓޭޖުގައި އެޕޮކަލިޕްސް އާއި އެކްސް ބޯއީޒް ވާދަކުރަނީ. މި ދެޓީމު ވެސް ސެމީ ފައިނަލުގައި މިރޭ ކުޅޭނެ. ފޮޓޯ: މިޔަޓް
ގްރޫޕް ސްޓޭޖުގައި އެޕޮކަލިޕްސް އާއި އެކްސް ބޯއީޒް ވާދަކުރަނީ. މި ދެޓީމު ވެސް ސެމީ ފައިނަލުގައި މިރޭ ކުޅޭނެ. ފޮޓޯ: މިޔަޓް

އަނެއް ސެމީގައި ވާދަކުރާ ކަންމަތި އެފްސީ އާއި އެކްސް ބޯއީޒްގައި ތިބީ ހުސް ތަރިންނެވެ. ކަންމަތި އެފްސީ ގްރޫޕުގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. މިހާތަނަށް މުބާރާތުގައި ސަތޭކަ ޕަސެންޓް ރެކޯޑް އޮތް ހަމައެކަނި ޓީމަކީވެސް އެއީ އެވެ. އަނެއްކޮޅުން ތިން މެޗުގައި އެޓީމު ޖެހި 28 ގޯލަކީ ވެސް ރެކޯޑެވެ. 

މި ހުރިހާ ރެކޯޑެއް އެޓީމަށް ލިބުމުގެ ސަބަބަކީ އެޓީމުގައި ތިބި އާދަޔާހިލާފު ހުނަރުވެރިންނެވެ. މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ތިން ކުޅުންތެރިން ވެސް ނިސްބަތްވަނީ ކަންމައްޗަށެވެ. އެއީ 8 ގޯލު ޖަހާފައިވާ ހުސައިން ސުހައިލް (ސޮކޭ) އާއި 7 ގޯލު ޖަހާފައިވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި 7 ގޯލު ޖަހާފައިވާ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. 

 މި ކުޅުންތެރިންގެ އިތުރުން މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގުގެ މަގާމް ހޯދީ ޔާމިން މުހައްމަދާއި ގައުމީ ފުޓްސަލް ޓީމުގެ މުހިއްމު ދެކުޅުންތެރިން ކަމަށް އަހުމަދު ހަމީދު (އައްމަޑޭ) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ވެސް ނިސްބަތްވަނީ ކަންމައްޗަށެވެ. 

ވަރުގަދަ ކަންމައްޗާ ދެކޮޅަސް ނުކުންނަ އެކްސް ބޯއީޒްއަކީ ގާފަރުގެ ތަރިން ހިމެނޭހެން ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންނާ އެކު އެކުލަވާލާފައިވާ ޓީމެކެވެ. 

އެކްސް ބޯއީޒް ޓީމަށް ގްރޫޕް ސްޓޭޖުގައި ދެ ވަނަ ލިބުނުއިރު، އެޓީމު ވަނީ ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފަ އެވެ. ގާފަރު ތަމްސީލުކުރާ މި ޓީމުގައި އެރަށަށް އުފަން މަޝްހޫރު ކުޅުންތެރިން ޓީމުގައި ހިމެނެ އެވެ. އޭގެތެރޭގައި މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމް ހޯދި ޝަނާން ރަޝާދު އާއި ކިންގްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް ރިމާހް (ރިމޭ) ގެ އިތުރުން، ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ މާއިސް (މައްޓު) ފާހަގަކޮށްލެވެ އެވެ. 

https://www.fahuminet.com/tournaments/myat-futsal-fiesta-2026

ރަށުން ބޭރުން އެޓީމުގައި ހިމަނާފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ގައުމީ ފުޓްސަލް ޓީމުގެ ތަރިން ކަމަށްވާ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ޝިޔާހް (ޝިޔަޅޭ) އެވެ. މީގެ އިތުރުން އެޓީމުގެ އިސްމާއީލް ވަޖީހު (ވައްޖެ) ވެސް އަންނަނީ މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. 

މިޔަޓް ފުޓްސަލް ފިއެސްޓާގެ މިރޭގެ ސެމީ ފައިނަލް މެޗުތަކަކީ މިހާތަނަށް މުބާރާތުގެ ތާރީހުގައި ކުޅޭނެ އެންމެ ވާދަވެރި އެންމެ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށް ވާނެކަމަށް ބެލެވެ އެވެ. މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން މިރޭ ތުލުސްދޫ އަށް ދިއުމަށް ހަމަޖެހިފައިވާއިރު، މިޔަޓްގެ އިންތިޒާމުތަކާ އެކު މުޅި ތުލުސްދޫ މިހާރު އޮތީ މިރޭގެ މެޗުތަކަށް ތައްޔާރަށެވެ. 

ފުރަތަމަ ސެމީ މެޗު މިރޭ 9 ޖަހާއިރު ފަށާއިރު، ދެ ވަނަ ސެމީ ފަށާނީ 10 ޖަހާއިރު އެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings