ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ އިން ދެ ވަނައިގައި އިތުރަށް ގަދަކުރި އިރު ބިސް ބުރުން ބޮޑު ކުރިއެރުމެއް ހޯދައިފި
މާޒިޔާ އިން ދެ ވަނައިގައި އިތުރަށް ގަދަކުރި އިރު ބިސް ބުރުން ބޮޑު ކުރިއެރުމެއް ހޯދައިފި
ގޯލު ޖެހުމަށް ފަހު މާޒިޔާގެ އިލާން އާއި ލޫތު އުފާފާޅުކުރަނީ. ދެކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: އެފްއޭއެމް

މާޒިޔާ އިން ދެ ވަނައިގައި އިތުރަށް ގަދަކުރި އިރު ބިސް ބުރުން ބޮޑު ކުރިއެރުމެއް ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން • 23 ނޮވެމްބަރު 2026

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބިސް ބުރު ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ މޮޅުވީ ދިއްދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް 2-5 އިންނެވެ. 

މެޗުން މާޒިޔާ މޮޅުވީ ދިއްދޫން ލީޑު ނަގާފައިވަނިކޮށެވެ. މެޗުގެ ފުރަތަމަ ގޯލު 36 ވަނަ މިނެޓުގައި ޖެހީ ދިއްދޫގެ މުހައްމަދު ތަޝްމީން (ތައްތި) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ހުމެއިދު ހަސަން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. 

ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނަސް، ދެ ވަނަ ހާފު މާޒިޔާ އިން ފެށީ ވަރުގަދަކޮށެވެ. މި ހާފު ފަށައިގެން ފުރަތަމަ މިނެޓު ތެރޭ އެޓީމުގެ ނާޝިއު އަހުމަދު ޝިހާމް ގޯލެއް ޖަހައި މާޒިޔާ އަށް ލީޑު ނަގައިދިނެވެ. ދެން ފެނުނީ މެޗުގެ މުޅި ކޮންޓްރޯލް މާޒިޔާއިން ނެގި ތަނެވެ. 

މާޒިޔާއިން ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު އިލާން އިމްރާން މުހިއްމު ދައުރެއް އަދާކުރި އެވެ. ދެވަނަ ހާފުގައި އިލާން ވަނީ ގޯލެއް ޖަހައި ދެ އެސިސްޓް ކޮށްދީފަ އެވެ. 

މާޒިޔާގެ ތިން ވަނަ ގޯލު 58 ވަނަ މިނެޓުގައި އިލާން ޖެހިއިރު ހަތަރު ވަނަ ގޯލު 67 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ލޫތު އިބްރާހީމް އެވެ. މާޒިޔާގެ ފަހު ގޯލު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. 

ގައްދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ބިސް ބުރުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް
ގައްދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ބިސް ބުރުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

މިއަދު ހަވީރު ކުޅުނު ގައްދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް ބިސް ބުރު މޮޅުވީ 1-0 އިންނެވެ. ގައްދޫ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަރެމޫ ޓިމޮތީ އޮލުވަސުން އެވެ. 

މިއަދުގެ މެޗުތަކާ އެކު މާޒިޔާ ވަނީ 16 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގައި ލީޑެއް ނަގައިފަ އެވެ. މާޒިޔާ އަތުން ބަލިވި ދިއްދޫ އޮތީ 5 ޕޮއިންޓާ އެކު 8 ވަނައިގަ އެވެ. 

ބިސް ބުރުން މުހިއްމު މޮޅެއް ރަށުން ބޭރުގައި ހޯދިއިރު، އެޓީމު ވަނީ 12 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ބިސް ބުރު އަތުން ބަލިވި ގައްދޫ އޮތީ ހަތް މެޗުން ވެސް ބަލިވެ ފުލުގަ އެވެ. 

https://www.fahuminet.com/tournaments/dhivehi-premier-league-202627

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ. އީގަލްސް މިވަގުތު ހަތް ވަނައިގައި އޮތްއިރު ބުރު ސްޕޯޓްސް ކްލަބް އޮތީ 9 ވަނައިގަ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
Upcoming
Predict
Settings