DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފޯރިގަދަ މެޗެއް، ދިއްދޫ އިން އީގަލްސްގެ ކުރިއެރުން ވެސް ހުއްޓުވައިފި
ފޯރިގަދަ މެޗެއް، ދިއްދޫ އިން އީގަލްސްގެ ކުރިއެރުން ވެސް ހުއްޓުވައިފި
ދިއްދޫ އާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން. އީގަލްސް ޕޮއިންޓެއް ހޯދީ މެޗުގެ ފަހު ވަގުތު އެއްވަރުކޮށްގެން. ފޮޓޯ: އެފްއޭއެމް

ފޯރިގަދަ މެޗެއް، ދިއްދޫ އިން އީގަލްސްގެ ކުރިއެރުން ވެސް ހުއްޓުވައިފި

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން • 16 އޮކްޓޫބަރު 2026

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ހއ. ދިއްދޫގެ ދަނޑުގައި ކްލަބް އީގަލްސްއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ. 

ދިއްދޫގެ ދަނޑުގައި މިދިޔަ ހަފްތާ ހޮނިހިރު ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ 2-2 އިންނެވެ. 

މިއަދުގެ މެޗަށް ނުކުތްއިރު އީގަލްސް އޮތީ ލީގުގެ ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފަ އެވެ. މިއަދުގެ މެޗުން މޮޅުވެގެން އެޓީމަށް ލީގުގެ އެއް ވަނަ އަށް އެރެން އޮތެވެ. އެކަމަކު ދިއްދޫ އިން މިއަދު ވެސް މޮޅު ކުޅުމެއް ދައްކައި އީގަލްސް ހުއްޓުވީ އެވެ. 

ދިއްދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަށައިގެން ތިބި ދަނޑުގައި ކުޅުނު މެޗު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. މެޗުގައި ދެ ރަތް ކާޑާއި ދެ ޕެނަލްޓީ ވެސް ފެނުނެވެ. 

މެޗު ފަށައިގެން ދިއްދޫން މޮޅަށް ކުޅެމުން ގޮސް 13 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ޓެޓޭ ޖިޑެއޮން ޖެހި ޕެނަލްޓީ އީގަލްސްގެ ޕާކިސްތާނު ގޯލްކީޕަރު ސާގިބު ހަނީފް މަތަކުރީ އެވެ. 

ޕެނަލްޓީ ނާކާމިޔާބުވުމުގެ ހިތާމައިގައި ދިއްދޫ ކުޅެމުން ދަނިކޮށް އީގަލްސް ވަނީ 42 ވަނަ މިނެޓުގައި ގޯލު ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމް އެވެ. އާމިރު ޝުއައިބު ދިން ބޯޅަ ހޯދުމަށް ފަހު ޖައިލަމް ގޯލަށް ވައްދާލީ ކީޕަރު ވެސް ކަޓުވާލުމަށް ފަހު އެވެ. 

ފުރަތަމަ ހާފު އީގަލްސް ކުރީގައި އޮވެގެން ނިމުނުއިރު، ދިއްދޫން ދެ ވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. އަދި 53 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޗިއާ ފެލިކްސް ގްވައިން ގޯލު ޖެހި އެވެ. މިއީ އުފާލް އަބްދުﷲ އަށް އީގަލްސް ކުޅުންތެރިއަކު ފައުލް ކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ޕެނަލްޓީ ދިނުމާ އެކު އީގަލްސް އިން ވަރަށް ބޮޑަށް ރެފްރީގެ ނިންމުމާ ދެކޮޅު ހެދި އެވެ. 

ދިއްދޫގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. ފޮޓޯ: އެފްއޭއެމް
ދިއްދޫގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. ފޮޓޯ: އެފްއޭއެމް

އީގަލްސް އަށް މައްސަލަތައް ކުރިމަތިވީ 66 ވަނަ މިނެޓުގައި އެޓީމުގެ އަލީ އިޝްފާގު ހަސަން މަޖީދު ކުރި ފައުލަކަށް ރެފްރީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. 

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އީގަލްސް ދިޔައީ ބޮޑަށް ޑިފެންސް ކުރަމުންނެވެ. މެޗުގައި ދިއްދޫން ދެ ވަނަ ގޯލު ޖެހީ 73 ވަނަ މިނެޓުގައި ޓެޓޭ ޖިޑެއޮން އެވެ. މުހައްމަދު ޝަނާއު ނަސީރު ނަގައިދިން ބޯލަ އޭރިޔާތެރޭ ހުރެ ޓެޓޭ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ. 

ދިއްދޫ މޮޅުވާން ދަނިކޮށް އީގަލްސް އިން ނަތީޖާ ހަމަހަމަ ކުރީ 88 ވަނަ މިނެޓުގަ އެވެ. އަރިމަތިން މުހައްމަދު ޝަމްހާން ނަގައިދިން ބޯޅަ އޭރިޔާތެރޭ ހުރެ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން މި ގޯލު ޖެހީ ވެން-ޑޭވް ބޮވޭ ހާމަން އެވެ. 

މެޗުގެ ފަހު މިނެޓުގައި ދިއްދޫގެ އާދަމް ޝިޔާން މުހައްމަދު ކުރި ފައުލަކަށް ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. 

އީގަލްސްއާ އެއްވަރުވިއިރު، ދިއްދޫ މިއަދު ވެސް ލިބުނު މާޔޫސް ކަމަކީ ފަހު ވަގުތު ގޯލު ވަދެ ތާރީހީ ތިން ޕޮއިންޓް ކަށަވަރު ނުކުރެވުމެވެ. ލީގުގައި ދިއްދޫން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މޮޅުވާން ދަނިކޮށް ފަހު ވަގުތު އެއްވަރުވީ އެވެ. 

https://www.fahuminet.com/tournaments/dhivehi-premier-league-202627

ލީގުގައި ހަތަރު މެޗުން ހޯދި 10 ޕޮއިންޓާ އެކު އީގަލްސް އޮތީ ދެ ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު ފައިދާ ގޯލު ގިނައިން ހޯދާފައިވާ ވިކްޓްރީ އެވެ. މިއަދުގެ މެޗާ އެކު ދިއްދޫ އިން ލީގުގައި ފަސް މެޗު ހަމަކުރިއިރު އެޓީމަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. އަދި އެޓީމު މިވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings