ށ. ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް މިރޭ ފަށައި، މުބާރާތުގެ ފުރަތަމަ ދެ މެޗު ކުޅެފި އެވެ.
ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެޑީ ސްޕޯޓްސް ކްލަބާއި އެންބްލެކް އެފްސީ އެވެ. ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 4-3 އިން ކާމިޔާބުކުރީ އެންމެ ފަހުގެ ދެ މުބާރާތުގެ ވެސް ޗެމްޕިއަން އެންބްލެކެވެ.
މެޗުގައި އެންބްލެކަށް ކުޅޭ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި އަހުމަދު އަފްލާޒް ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ އިބްރާހީމް އަސްވަދު (ގަބޭ) އެވެ. މި ދެކުޅުންތެރިންނަކީ ވެސް ރަށުން ބޭރުން ކުޅުންތެރިން ޖަހަން ލިބުނު ފުރުސަތުގައި އެންބްލެކް ޓީމުގައި ހިމެނި ދެ ކުޅުންތެރިންނެވެ. ރާއްޖޭގެ ފުޓްސަލްގައި ކާމިޔާބު މި ދެކުޅުންތެރިން ވަނީ މިރޭގެ މެޗުގައި ވެސް އުންމީދުކުރި ގޮތަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެންބްލެކް ކޮޅަށް އެޑީ ސްޕޯޓްސް ކްލަބުގެ ތިން ގޯލު ޖެހީ އަލީ އަލްސަން އާއި އަހުމަދު މާކިން މައުރޫފްގެ އިތުރުން މުހައްމަދު އަރުޝަދު އެވެ.

ދެ ވަނަ މެޗުގައި ބައްދަލުކުރީ އެއް މެނޭޖްމަންޓަކަށް ނިސްބަތްވާ ކްލަބް ޑާކް ވުޑާއި ޑާކް ވުޑް ސްޕޯޓްސް ކްލަބެވެ. މި މެޗު 1-14 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ކްލަބް ޑާކް ވުޑެވެ.
މެޗުގައި ކްލަބް ޑާކް ވުޑްގެ އަހުމަދު ފާއިން މުހައްމަދާއި މުހައްމަދު އިސާމް (ޝަންޓޭ)، މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖެހި އެވެ. ފުޓްސަލްގެ ތަރި ޝަންޓޭ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
ކްލަބް ޑާކް ވުޑްގެ މާއިލް މުހައްމަދު މެޗުގައި ހެޓްރިކް ހެދިއިރު އިބްރާހީމް އަނާން އަލީ ދެ ގޯލު ޖެހި އެވެ. ދެން ގޯލު ޖެހީ ހަސަން ހައިޝަމް ހާމިދު އެވެ. މެޗުގައި ޑާކް ވުޑް ސްޕޯޓްސް ކްލަބުގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ޝާމިހު އެވެ.

ފޭދޫ ކައުންސިލް ކަޕް މިރޭ ފެށީ ކުލަގަދަ ރަސްމިއްޔާތަކާ އެކު އެވެ.
https://www.fahuminet.com/tournaments/sh-feydhoo-council-cup-2026
ކައުންސިލް ކަޕް ކުޅެނީ ލީގު ބުރެއް ކުޅުމަށް ފަހު އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގައި ހުކުރު ދުވަހުގެ ރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންބްލެކާއި ކްލަބް ޑާކް ވުޑެވެ. އަނެއް މެޗުގައި ވާދަކުރާނީ އެޑީ ސްޕޯޓްސް އާއި ބަފަނަ ސްޕޯޓްސް ކްލަބެވެ.