އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރު ވަމުން އަންނަ ށ. ފޭދޫ ކައުންސިލް ކަޕްގައި ފަސް ޓީމަކުން ވާދަކުރާ އިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ އެއް ޓީމަކީ އެންބްލެކް އެފްސީ އެވެ. ޖުމްލަ ފަސް ޓީމަކުން ވާދަކުރާ މި މުބާރާތުގައި އޮތް އެންމެ ކާމިޔާބު ޓީމަކީ އެއީ އެވެ.
ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކައުންސިލް ކަޕްގެ ނަމުގައި މިހާތަނަށް ހަތަރު މުބާރާތް ބާއްވާފައިވާއިރު އޭގެ ތެރެއިން ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވަނީ އެންބްލެކުންނެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް ކަޕްގެ ދެ މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދާފައިވާ އެންބްލެކްގެ މިފަހަރުގެ އަމާޒަކަށް ޔަގީނުންވެސް ވާނީ މުބާރާތް ތިންވަނަ ފަހަރަށް ކާމިޔާބުކޮށް ކައުންސިލް ކަޕްގެ ތާރީހުގައި އެ ޓީމުގެ ނަން ރަން އަކުރުން ފަވާލުމެވެ.
ލީގު އުސޫލުން ކުޅޭ ގޮތަށް ހަމަޖެހިފައިވާ މިފަހަރުގެ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދާ ފުރަތަމަ ޓީމަށް ވުމަށްޓަކައި އެންބްލެކުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ ޓާގެޓް ހާސިލްކުރުމަށްޓަކައި އެންބްލެކުން މިފަހަރު ބޭނުންކުރާނެ އެންމެ ވަރުގަދަ ހަތިޔާރަކީ އެ ޓީމުގެ ސްކޮޑްގައި ހިމަނާފައި ތިބި ރަށުން ބޭރު ދެ ކުޅުންތެރިން ކަމަށްވާ ތިމަރަފުށްޓަށް އުފަން އަހްމަދު އަފްލާޒް އާއި އިބްރާހިމް އަސްވަދު (ގަބޭ) އެވެ.
މި ދެ ކުޅުންތެރިންގެ ތެރެއިން އަހްމަދު އަފްލާޒްއަކީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގްގެ މަގާމު 2025 ވަނަ އަހަރު ހޯދާފައިވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. އަނެއްކޮޅުން ގަބޭ އަކީ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް މިދިޔަ ދެ އަހަރު ރޯޑް ރިކްރިއޭޝަން ކްލަބުން ކާމިޔާބުކުރި އިރު އެ ޓީމުގެ އެންމެ މުހިންމު އެއް ތަނބެވެ. އެއީ ފުޓްސަލްގެ އެންމެ މަތީ ފެންވަރުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ.
ކޮންމެ އަހަރަކު ވެސް އެންބްލެކުން ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ފުޓްސަލް ތަރިން ހިމަނަން. އެކަމަކު މިފަހަރު މި ގެންނަ ދެ ކުޅުންތެރިންނަކީ މިހާތަނަށް މި ޓީމުގައި ހިމެނޭނެ އެންމެ މޮޅު ދެ ކުޅުންތެރިން. އޭގެ ބޭނުމަކީ ތިންވަނަ ފަހަރަށް މި މުބާރާތް ހޯދުން
އެންބްލެކުން މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އާ ވާހަކަ ދައްކަމުން އެ ޓީމުގެ މެނޭޖަރު އާހިލް އަހްމަދު މުހައްމަދު ބުންޏެވެ.
ރަށުން ބޭރުން ހިމަނާފައިވާ ދެ ކުޅުންތެރިންގެ އިތުރުން އެންބްލެކްގައި ގިނައީ ފޭދޫގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
އާހިލް ފާހަގަކުރި ގޮތުގައި ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތެއްގެ ތަށި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، އެންބްލެކަށް އެކަން ވިޔަ ނުދިނުމަށްޓަކައި އެހެން ޓީމުތަކުން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ގަބޫކުލުކުރާ ކަމަށެވެ.

"މިފަހަރު ވަރަށް ޗެލެންޖިން ވާނެ ކަމަށް މި ބަލަނީ. ހުރިހާ ޓީމެއްވެސް މިފަހަރު ފެންނަނީ ވަރުގަދަކޮށް. ހާއްސަ ކޮށް އެންމެ ވާދަވެރި ޑާކް ވުޑާ، ކްލަބް ޑާކް ވުޑް ވެސް މިފަހަރު ވަރުގަދަވާނެ ކަމަށް މި ބަލަނީ." އާހިލް ބުންޏެވެ.
https://www.fahuminet.com/tournaments/sh-feydhoo-council-cup-2026
ފޭދޫ ކައުންސިލް ކަޕްގައި އެންބްލެކުން އަދި މިހާތަނަށް ވާދަކޮށްފައިވަނީ ވެސް އެންމެ ދެ ފަހަރު އެވެ. ކައުންސިލް ކަޕް އުފަންވުމުގެ ކުރިން ރަށުގައި ބާއްވަމުން އައި ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވަމުން އައީ ހިނިކް އެފްސީ އަކީ އެންބްލެކްގެ މާޒީ އެވެ. އޭރު ފޭދޫ ނުފޫޒް ޖަމިއްޔާއިން ބާއްވަމުން އައި ފުޓްސަލް މުބާރާތް އެއްފަހަރު ކާމިޔާބުކޮށްފައިވާ ހިނިކް އެފްސީގެ ހަރަކާތްތައް ވަޅުޖެހި 2024 ވަނަ އަހަރު އަލުން އެނބުރި އައީ އެންބްލެކްގެ ނަމުގައެވެ.
އެންބްލެކްގެ ޓީމުން މުބާރާތަށް ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު ސަޕޯޓަރުންގެ ފޯރި އިތުރުކުރުމަށްޓަކައިވެސް އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަޕޯޓާސް ޖޯޒީ ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. މިހާރުވެސް ސަތޭކައަށްވުރެ ގިނަ އޯޑަރު ލިބިފަ އޮތީ. އެހެންވީމަ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނމެ ކަމަށް މި އުންމީދުކުރަނީ.
ފޭދޫ ކައުންސިލް ކަޕްގައި އެންބްލެކުން ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ވާދަކުރާނީ މުޅިން އަލަށް މިފަހަރުގެ މުބާރާތުގައި ބައިވެރިވާ އެޑީ ސްޕޯޓްސް ކްލަބާ އެވެ.