ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުތަކުން ބިސް ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
ލީގުގެ ކުޅުން މިއަދު އަލުން ފެށީ ގައުމީ ފުޓްބޯޅަ ޓީމުގެ އެކުވެރިކަމުގެ މެޗުތަކަށް މެދުކަނޑާލުމަށް ފަހު އެވެ. މިދިޔަ ދުވަސްތަކުގައި ގައުމީ ޓީމު އެކުވެރިކަމުގެ ތިން މެޗު ކުޅެން ލީގުގެ ކުޅުން މެދުކަނޑާލީ ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ.
މިއަދު ހަވީރު ކުޅުނު މެޗުން ބިސް ބުރު ސްޕޯޓްސް ކްލަބް މޮޅުވީ ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް 2-1 އިންނެވެ. މިރޭ ކުޅުނު މެޗުން އޮޑި ސްޕޯޓްސް ކްލަބް މޮޅުވީ ގައްދޫ ރެކްރިއޭޝަން ކްލަބާ ވާދަކޮށް 0-4 އިންނެވެ.
މިއީ ދެ ޓީމުން ޖެހިޖެހިގެން ހޯދި ދެ ވަނަ މޮޅެވެ. މީގެކުރިން ލީގުގައި ކުޅުނު މެޗުން އޮޑި ސްޕޯޓްސް ކްލްބުން 1-4 އިން ބުރު ސްޕޯޓްސް ބަލިކުރި އެވެ. އަދި ބިސް ބުރުން 0-1 އިން ދިއްދޫ ރެކްރިއޭޝަން ކްލަބް ބަލިކުރި އެވެ.

ބުރު ސްޕޯޓްސްގެ މައްޗަށް ބިސް ބުރު މިއަދު ކުރި ހޯދީ އެއް ގޯލު ފަހަތުގައި އޮއްވައި އެޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ވެސް ދެއްކި ފަހުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ ބުރު ސްޕޯޓްސްގެ އަބްދުﷲ ޔާމީން އެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޔާމީން މި ގޯލު ޖެހިއިރު މި ހާފުގައި މޮޅަށް ކުޅުނީ ވެސް ބުރު ސްޕޯޓްސް އެވެ.
ދެ ވަނަ ހާފުގެ 75 ވަނަ މިނެޓުގައި ބިސް ބުރުގެ އުލޫފް އަހުމަދަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން އެޓީމަށް އުނދަގޫވި އެވެ. އެކަމަކު އޭގެފަހުން ހިތްވަރު އެލުވާނުލައި ކުޅެ ބިސް ބުރުން ނަތީޖާ އަނބުރާލީ އެވެ.
މެޗުގައި ބިސް ބުރުން ނަތީޖާ ހަމަހަމަކުރީ ރަތް ކާޑު ދެއްކިތާ ހަތަރު މިނެޓު ފަހުންނެވެ. އެޓީމަށް ލިބުނު ކޯނަރެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ އަލީއު އޮވަލާބީ ފަތާއީ އެވެ. ބިސް ބުރު މެޗުން މޮޅުވި ގޯލު އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޖުދާން ސޯލިހެވެ.
އޮޑިން ގައްދޫ ބަލިކުރި މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ހަޑްސަން ޑިއާސް ޑި ޖީސުސް އާއި ޓޮމިސްލާވް ޓޮޑޮރޮވިޗްގެ އިތުރުން އަހުޒަމް ރަޝީދު އަދި އިބްރާހީމް ވަހީދު ހަސަން އެވެ.
މިރޭގެ މެޗުގެ 25 ވަނަ މިނެޓުގައި ގައްދޫގެ ބިދޭސީ ކުޅުންތެރިޔާ ޔުރޯސް ޖެމޮވިޗަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެހެންވެ މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ގައްދޫ އަށް ގޮންޖެހުން ކުރިމަތިވި އެވެ.
މޮޅާ އެކު އޮޑި އާއި ބިސް ބުރު ވެސް ތިން މެޗުން 6 ޕޮއިންޓް ހޯދައިފަ އެވެ. ބުރު ސްޕޯޓްސް ފުރަތަމަ ތިން މެޗުން ބަލިވިއިރު ގައްދޫ ވަނީ ފުރަތަމަ ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.
https://www.fahuminet.com/tournaments/dhivehi-premier-league-202627
ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ދެ މެޗު ކުޅޭނެ އެވެ. ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ވިކްޓްރީ އެވެ. އަދި ދިއްދޫ ދަނޑުގައި އެރަށުން ނިއު ރޭޑިއަންޓާ ދެކޮޅަށް މާދަމާ ހަވީރު ނުކުންނާނެ އެވެ. މިއީ ދިވެހި ޕްރިމިއާ ލީގުގައި އަމިއްލަ ރަށުގައި ދިއްދޫ ކުޅޭ ފުރަތަމަ މެޗެވެ.