DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް އައިހަމް، ފުޓްސަލް އިން އެއް ވަނަ ހޯދީ އިންމި
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް އައިހަމް، ފުޓްސަލް އިން އެއް ވަނަ ހޯދީ އިންމި
އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމް ހޯދި އިންމި (ކ) އަދި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި މާޒިޔާގެ އައިހަމް

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް އައިހަމް، ފުޓްސަލް އިން އެއް ވަނަ ހޯދީ އިންމި

ފަހުމިނެޓް
ފަހުމިނެޓް
6 ގަޑިއިރު ކުރިން • 8 އޮކްޓޫބަރު 2026

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަހުމަދު އައިހަމް (އައިހު) ހޯދިއިރު ފުރަތަމަ ފަހަރަށް ހޮވި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމް ގައުމީ ފުޓްސަލް ޓީމާއި އެސްޓީއޯ އަށް ކުޅެމުން އަންނަ މުހައްމަދު އިމްރާން (އިންމި) ހޯދައިފި އެވެ. 

ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލްގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތުގައި ވަނީ ފުޓްބޯޅަ އާއި ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގެ ހާއްސަ އިނާމުތައް އަރުވައިފަ އެވެ. 

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އައިހަމް އަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރެކެވެ. ހއ. އުތީމަށް އުފަން އައިހަމް ވަނީ މިދިޔަ ސީޒަނުގައި މާޒިޔާ އިން ލީގު ހޯދިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ގައުމީ ޓީމުގެ މެޗުތަކުގައި ވެސް އައިހަމްގެ ކުޅުން ފާހަގަކުރެވުނެވެ. މިހާރުވެސް ގައުމީ ޓީމާއި ކްލަބްގައި އައިހަމް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. 

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ދެ ވަނަ ލިބުނީ ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށެވެ. ތިން ވަނަ ލިބުނީ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު އަދި މިހާރު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. 

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ ޝަރަފްވެރި އެވޯޑް ލިބުނު އިންމި ވަނީ މިއަހަރު ރާއްޖޭން ކާމިޔާބުކުރި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ރާއްޖޭގެ ފުޓްސަލް ޓީމުގެ ކެޕްޓަންގެ ޒިންމާ ވެސް ނަގަމުން އަންނަ އިންމި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި 9 ގޯލު ޖެހި އެވެ. ގައުމީ ފުޓްސަލް ޓީމުގެ އިތުރުން އިންމި އަކީ ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރަމުން އަންނަ އެސްޓީއޯ ޓީމުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ. 

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބުނީ، އޮޑި ސްޕޯޓްސް ކްލަބުގެ ފާތިމަތު ޝާލިޔާ އަށެވެ. ޝާލިޔާ މިވަގުތު ހުރީ ކޯޗިންގެ ދާއިރާއިން އިތުރު ތަމްރީނު ހޯދުމަށް ހަންގޭރީގަ އެވެ. 

ސަޕޯޓަރުންގެ އެއް ވަނަ ކުޅުންތެރިޔަކަށް ހޮވުނީ ހަމްޕު އެވެ. އެންމެ ގިނަ ގޯލު ޖަހައިގެން 22 ގޯލާ އެކު ރަން ބޫޓު ހާސިލްކުރީ ސެންޓޭ އެވެ. މި ދެކުޅުންތެރިން ވެސް ނިސްބަތްވަނީ ފުޓްބޯޅައިގައި މަޝްހޫރު ބ. އޭދަފުއްޓަށެވެ. 

މިދިޔަ ސީޒަނުގައި ރާއްޖޭގެ ލީގުގައި ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދެއްކި ގޯމޭޒް ޑަ ސިލްވާ އެވެ. ގޯމޭޒް އަންނަނީ މި ސީޒަނުގައި ނިއު ރޭޑިއަންޓުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.  

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މުހައްމަދު ފައިސަލް އެވެ. އުމުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު އުންމީދީ ކުޅުންތެރިޔާގެ މަގާމް ލިބުނީ މާޒިޔާގެ މުހައްމަދު އިލާން އިމްރާނަށެވެ. އިލާން އަކީ މިހާރު ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. 

އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދައިދިން، ލުއިޒް މެނުއަލް ހެނާންޑޭޒް މާޓިން އެވެ. 

އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމް ހޯދީ ހުސައިން ސިނާން އެވެ. އެންމެ މޮޅު ގޯލަކަށް ހޮވުނީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ލީގުގައި ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. 

އެންމެ މޮޅު ރީޖަނަލް ކްލަބްގެ މަގާމް ހޯދީ ބިސް ބުރު ސްޕޯޓްސް ކްލަބެވެ. ދެ ވަނަ ދިއްދޫ ސްޕޯޓްސް ކްލަބަށް ލިބުނުއިރު ތިން ވަނަ ލިބުނީ ގައްދޫ ރެކްރިއޭޝަން ކްލަބަށެވެ. 

އެފްއޭއެމް އެވޯޑްސްގެ އެއް ވަނަ ކްލަބަކަށް ހޮވުނީ ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އެވެ. 

ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ފުޓްސަލް ޓީމު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދުމާއި މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަ ޓޯކެންއެއް އަރުވައިފަ އެވެ. 

މިރޭގެ ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރުތަކުގައި ދުނިޔެ ދޫކޮށްފައިވާ ފުޓްބޯޅައިގެ ތިން ހިދުމަތްތެރިން ކަމަށްވާ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތި) އާއި ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ގައުމީ ޓީމަށް ކުޅުނު ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) ގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވައިފަ އެވެ. 

މިރޭގެ ހަފްލާގައި ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު އާއި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Predict
Settings