އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ އުތުރުގެ ޒޯން ދޭއްގެ ޗެމްޕިއަންކަން ފައިނަލުގައި ރ. އިނގުރައިދޫ ބަލިކޮށް އަވައްޓެރި ރ. ދުވާފަރުން ހޯދައިފި އެވެ.
ނ. މަނަދޫގައި ކުރިއަށްދިޔަ ޒޯން ދޭއްގެ ފައިނަލުގައި މިރޭ އިނގުރައިދޫއާ ވާދަކޮށް ދުވާފަރު މޮޅުވީ 1-0 އިންނެވެ.
މިއީ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި އިނގުރައިދޫގެ މައްޗަށް ދުވާފަރުން ކުރި ހޯދި ދެ ވަނަ ފަހަރެވެ. ފުރަތަމަ ކާމިޔާބީއަކީ ރ. އަތޮޅު ބުރުގެ ފައިނަލުގައި އިނގުރައިދޫ ދަނޑުގައި ކުޅެ 3-1 އިން މޮޅުވުމެވެ.
އިނގުރައިދޫ އާއި ދުވާފަރުގެ ކުރިމަތިލުންތަކަކީ އަބަދުވެސް ވާދަވެރި ކުރިމަތިލުންތަކަކަށް ވާއިރު، މިރޭގެ ފައިނަލް ބެލުމަށް އެ ދެރަށުން އެތައް ސަތޭކަ ސަޕޯޓަރުންނެއް މަނަދޫ އަށް ގޮސްފައިވެ އެވެ.
ވާދަވެރިކޮށް ފެނުނު މެޗުގެ ހަމައެކަނި ގޯލު 17 ވަނަ މިނެޓުގައި ޖެހީ ދުވާފަރުގެ ތަރި މުހައްމަދު އިސާމް (ޝަންޓޭ) އެވެ. މިއީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ތިރިތިރިން ޖަހައި ގޯލަށް ވައްދާލައިގެން ޝަންޓޭ ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި އިނގުރައިދޫން ބޮޑަށް މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު ދުވާފަރުން ދިޔައީ ވިސްނުންތެރިކަމާ އެކު ޑިފެންސް ކުރަމުންނެވެ. އަދި، ކައުންޓަ އެޓޭކުގައި ގޯލު ޖަހާނެ ފުރުސަތުތައް ވެސް އެޓީމުން ތަނަވަސްކުރި އެވެ.
މި ހާފުގައި އިނގުރައިދޫގެ ގިނަ ހަމަލާތައް ހުއްޓުވުމުގައި ދުވާފަރުގެ ގޯލްކީޕަރު އިބްރާހީމް ނަދީމް އާދަމް މުހިއްމު ދައުރެއް އަދާކުރި އެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ނަދީމް އެވެ.
ދުވާފަރު މިވަނީ ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމަށް ވެފަ އެވެ.
ދުވާފަރާއި އިނގުރައިދޫ ދެން ވާދަކުރާނީ ހދ. ނައިވާދޫ އާއި ހއ. އިހަވަންދޫ ހިމެނޭ ނޯތު ރީޖަން ލީގުގަ އެވެ.
ޒޯން ދޭއްގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދީ މަނަދޫގެ ހަލަފް އަހުމަދެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މަނަދޫގެ މުހައްމަދު ސަދުވާން ޖައުފަރެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ރ. އިނގުރައިދޫ އެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ހަތް ގޯލާ އެކު ތުޅާދޫ ޓީމުގެ ހައްޔާން ހަސަން ހުސައިން އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ދުވާފަރަށް އިރުޝާދުދިން މުހައްމަދު އަލީ އެވެ.
ޒޯން ދޭއްގެ ގަދަ ފަސް ކުޅުންތެރިންނަށް ހޮވުނީ އިނގުރައިދޫގެ ބިދޭސީ ކުޅުންތެރިޔާ އުލާންގެ އިތުރުން އެޓީމުގެ އަލީ ހާފިޒް (ހާއްޕެ)، ދުވާފަރު ޓީމުގެ އިބްރާހީމް އަނާން އަލީ، ދުވާފަރުގެ އަހުމަދު އީސާ އަދި ދުވާފަރު ޓީމުގެ ގޯލްކީޕަރު އިބްރާހީމް ނަދީމް އާދަމް އެވެ.
އުތުރުގެ ޒޯން ދޭއްގެ ކިންގުގެ މަގާމް ހޯދީ އިނގުރައިދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހާއްޕެ އެވެ.
https://www.fahuminet.com/tournaments/fam-futsal-north-zone-2
ނިންމުމުގެ ރަސްމިއްޔާތުގައި މަނަދޫ ކައުންސިލުން ވަނީ ހަނދާނީ ފިލައެއް ކްލަބް މޯލްޑިވްސް އަށް އަރުވައިފަ އެވެ. އަދި ކްލަބް މޯލްޑިވްސް އިން ވެސް ވަނީ މަނަދޫ ކައުންސިލަށް ހަނދާނީ ފިލައެއް ދީފަ އެވެ.
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި މާދަމާ އޮންނާނީ ނޯތު ޒޯން އެކެއްގެ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ނައިވާދޫ އާއި އިހަވަންދޫ އެވެ.