DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އިންނަމާދޫގައި، ޗެމްޕިއަނަށް ބައި މިލިއަން
އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އިންނަމާދޫގައި، ޗެމްޕިއަނަށް ބައި މިލިއަން
2022 ވަނަ އަހަރު ބޭއްވި ރ. އެޓޯލް ފުޓްސަލް ޗެލެންޖުގައި އިންނަމާދޫ ކުޅުންތެރިއަކު ބޯޅަ ހިފައިގެން. އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ބާއްވަން އިންނަމާދޫ ކައުންސިލުން އަންނަނީ ތައްޔާރުވަމުން. ފޮޓޯ: އިންނަމާދޫ ފުޓްސަލް ޓީމް

އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އިންނަމާދޫގައި، ޗެމްޕިއަނަށް ބައި މިލިއަން

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން • 11 ނޮވެމްބަރު 2026

ޗެމްޕިއަން ޓީމަށް އެންމެ ބޮޑު އިނާމު ހުށަހަޅައިގެން މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތް ރ. އިންނަމާދޫ ކައުންސިލް އިދާރާއިން އިއުލާންކޮށްފި އެވެ.

އައިސީއައި. ރ. ފުޓްސަލް ޗެލެންޖް 2026 ގެ ނަމުގައި އިންނަމާދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދަން ރާވާފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައި މިލިއަން ރުފިޔާ ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް ދެ ލައްކަ ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މި މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ވެސް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.

މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކުން ރަޖިސްޓްރީ ވާން އިންނަމާދޫ ކައުންސިލް އިދާރާއިން ކަނޑައަޅާފައިވާ ސުންގަޑި އަކީ މި މަހުގެ 22 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 އެވެ. މުބާރާތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަން ކުރަންޖެހެނީ އިންނަމާދޫ ކައުންސިލް އިދާރާއިން މުބާރާތަށް ހާއްސަކޮށްގެން  ތައްޔާރުކޮށްފައިވާ ޕޯޓަލެއް މެދުވެރިކޮށެވެ.

އެއް އަތޮޅެއްގައި މީހުން ދިރިއުޅޭ އެންމެ ގިނަ ރަށް އޮތް ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާކޮށް، ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދަން ރާވާފައިވާ މި މުބާރާތުގައި ކޮންމެ ރަށަކުން ބައިވެރިވެވޭނީ އެންމެ ޓީމަކަށެވެ. އަދި، މުބާރާތުގައި އެ ޓީމަކަށް ބައިވެރިވެވޭނީ މުބާރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ އެ ޓީމެއް ނިސްބަތްވާ ރަށެއްގެ ކައުންސިލް އިދާރާ ނުވަތަ ކްލަބް ޖަމިއްޔާއެއް މެދުވެރިކޮށް އެ ރަށުގެ ނަމުގަ އެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 15 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތްއިރު ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ދެ ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު މުބާރާތުގެ ގަވައިދުން ވަނީ ފަހިކޮށްދީފަ އެވެ.

ރ. އަތޮޅަކީ ރާއްޖޭގެ ފުޓްސަލްގައި މިހާރުވެސް އެންމެ ނަން ހިނގާ ބައެއް ތަރިން ނިސްބަތްވާ އަތޮޅެކެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ އިނގުރައިދޫ އަށް އުފަން އަލީ ހާފިޒް (ހާއްޕެ) އާއި ދުވާފަރަށް އުފަން މުހައްމަދު އިސާމް (ޝަންޓޭ) އެވެ. އިނގުރައިދޫ އާއި ދުވާފަރަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ވާދަވެރި ދެ ރަށުގެ ގޮތިގައި ގިނަ ބަޔަކު ގަބޫލުކުރާ ދެ ރަށެވެ.

ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ އިންނަމާދޫއިން ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ހުޅުވާލުމަކީ ރ. އަތޮޅުގައި ތިބި ފުޓްސަލް އަށް ލޯބިކުރާ އެތައް ބަޔަކަށް ލިބޭނެ ބޮޑު އުފަލެކެވެ. އަދި، މިއީ އަތޮޅުގެ ވަރަށް ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރު ކުރާނެ ކުޅިވަރު އީދަށް ވާނެކަން ވެސް ޔަގީނެވެ.

 

ކޮމެންޓްސް

Matches
2
Ongoing
Upcoming
Predict
Settings