DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ނޫމަރާ ފުޓްސަލްގެ ޗެމްޕިއަންކަން ކަތިރިއަންސް ހޯދައިފި
ނޫމަރާ ފުޓްސަލްގެ ޗެމްޕިއަންކަން ކަތިރިއަންސް ހޯދައިފި
ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަތިރިއަންސް ޗެމްޕިއަން ޝީލްޑާ އެކު. ފޮޓޯ: ނޫމަރާ ކައުންސިލް

ނޫމަރާ ފުޓްސަލްގެ ޗެމްޕިއަންކަން ކަތިރިއަންސް ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން • 11 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކަތިރިއަންސް ހޯދައިފި އެވެ. 

ކަތިރިއަންސް ޗެމްޕިއަންކަން ހޯދީ މިރޭ ނޫމަރާ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 1-6 އިން ކޭލި ބަލިކޮށްގެންނެވެ. 

މިއީ ކައުންސިލް މުބާރާތުގެ ޗެމްޕިއަންކަން ކަތިރިއަންސް ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން ދެ ފަހަރަކު ފައިނަލުގައި ވާދަކޮށް އެޓީމު ވަނީ ބަލިވެފަ އެވެ. އެހެންވެ މިފަހަރުގެ މުބާރާތަށް ޓީމު ނެރުނީ ތިން ވަނަ ފަހަރު ތަށީގައި އަތްލަން އަމާޒުހިފައިގެންނެވެ. 

މިރޭގެ މެޗުގައި ކަތިިރިއަންސް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ވެސް ހިފައިފަ އެވެ. 

މެޗުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖެހީ ކަތިރިއަންސްގެ އިބްރާހީމް ފަހުމީ އެވެ. އޭގެ ދެ މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އައިމަން އެވެ. ކަތިރިއަންސް ޓީމުގެ އަނެއް ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި އިބްރާހީމް އައިމަން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ އިބްރާހީމް ފުއާދު އެވެ. މެޗުގައި ކޭލީގެ ހަމައެކަނި ގޯލު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ އަހުމަދު އާޒިމް އެވެ. 

ފައިނަލް މެޗުގައި ހެޓްރިކް ހެދި، އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް އައިމަން ބޯޅަ ހިފައިގެން. އައިމަން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައި. ފޮޓޯ: ނޫމަރާ ކައުންސިލް
ފައިނަލް މެޗުގައި ހެޓްރިކް ހެދި، އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް އައިމަން ބޯޅަ ހިފައިގެން. އައިމަން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައި. ފޮޓޯ: ނޫމަރާ ކައުންސިލް

ނޫމަރާ ކައުންސިލް ކަޕްގައި ހަތަރު ޓީމު ވާދަކުރިއިރު، މި ދެ ޓީމު ލީގު ބުރުގައި ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެކަމަކު މިރޭގެ ފައިނަލުގައި ފެނުނީ ލީގު ބުރުގެ މެޗާ ހިލާފަށް ކަތިރިއަންސް މާ ވަރުގަދަކޮށެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި އިބްރާހީމް އައިމަން އެވެ. އިބްރާހީމް އައިމަން ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އިބްރާހީމް އައިމަން ލަނޑު ލިސްޓުގެ އެއް ވަނަ އަތުލީ 8 ގޯލާ އެކު އެވެ. 

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ކޭލީގެ ގޯލްކީޕަރު މުހައްމަދު ހުޝާމް އެވެ. 

އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ކަތިރިއަންސްގެ އިބްރާހީމް ފަހުމީ އާއި އެޓީމުގެ އިބްރާހީމް ފުއާދުގެ އިތުރުން  ކޭލީގެ ކީޕަރު މުހައްމަދު ހުޝާމް، ކޭލީގެ މުހައްމަދު އަހުސަމް އަދި ހަމަ އެޓީމުގެ އަހުމަދު ހައްމާޒް އެވެ. 

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ކަތިރިއަންސް ޖޫނިއާސްގެ މުހައްމަދު ޒާލިފް އެވެ. އަދި ފެއާޕްލޭ ޓީމުގެ މަގާމް ލިބުނީ ޕްލޭއޮފް މެޗުގައި ވާދަކުރި ކަތިރިއަންސް ޖޫނިއާސް އަށެވެ. 

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ކަތިރިއަންސް އަށް ތަށި ހޯދައިދިން ކޯޗު މުއާޒް ސޯލިހެވެ.

ނޫމަރާ ކައުންސިލް މުބާރާތުގެ ރަނަރަޕް ޓީމު ކޭލި. ފޮޓޯ: ނޫމަރާ ކައުންސިލް
ނޫމަރާ ކައުންސިލް މުބާރާތުގެ ރަނަރަޕް ޓީމު ކޭލި. ފޮޓޯ: ނޫމަރާ ކައުންސިލް

 ކަތިރިއަންސް ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ ކުރިން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި އެޓީމުން ބުނީ، މީގެކުރިން ތަށީގައި އަތްލެވިފައި ނުވުމާއެކު މިފަހަރުގެ މުބާރާތަށް ޓީމު އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންނަށް ބެލުމުގެ ބަދަލުގައި އެޓީމު ވަރުގަދަކުރީ ކައިރި އަތޮޅުތަކުން ކުޅުންތެރިން ގެނެސްގެންނެވެ. އެކުޅުންތެރިން މުބާރާތުގައި ތަފާތު ވެސް ދެއްކި އެވެ. 

މިފަހަރުގެ ކައުންސިލް މުބާރާތަކީ ކައުންސިލުން އިންތިޒާމުކުރި 6 ވަނަ ފުޓްސަލް މުބާރާތެވެ. ފުޓްސަލް މުބާރާތުގެ އިތުރުން ސްޕޯޓްސް ފިއެސްޓާގައި ހިމަނައިގެން ހޭންޑްބޯލް މުބާރާތެއް ވެސް ވަނީ ބާއްވައިފަ އެވެ. ހޭންޑްބޯލްގެ ޗެމްޕިއަންކަން ހޯދީ ކަމްބެކާސް އެވެ. 

https://fahuminet.com/tournaments/noomaraa-council-futsal-tournament

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ އެންމެ ބޮޑު ތަފާތަކީ ހޭންޑްބޯލް އާއި ފުޓްސަލްގެ ޗެމްޕިއަން ޓީމަށް ވެސް އެއްވަރަކަށް ފައިސާގެ އިނާމު ކަނޑައަޅާފައިވުމެވެ. މިގޮތުން ފުޓްސަލްގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ 10،000 ރުފިޔާ ހޭންޑްބޯލް ޗެމްޕިއަން ޓީމަށް ވެސް ވަނީ ދީފަ އެވެ. 

ފުޓްސަލްގެ ފައިނަލާ އެކު ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026 ވަނަ ނިމިފަ އެވެ. މިފަަހަރުގެ ފުޓްސަލް މުބާރާތުން ވެސް އެރަށުގެ ޒުވާން ހުނަރުވެރި ކުޅުންތެރިން ވަނީ ފާހަގަކުރެވިފަ އެވެ. 

ނޫމަރާ ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings