ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް މުބާރާތުގެ ލީގު ބުރުގެ ފަހު މެޗު މިރޭ ކުޅެފި އެވެ.
ނޫމަރާ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެލްކަންއާ ވާދަކޮށް 3-2 އިން ކުރި ހޯދީ ކޭލި އެވެ.
ލީގު ބުރުގެ ކުޅުން ނިމުނުއިރު އެއް ވަނަ ހޯދީ 7 ޕޮއިންޓާ އެކު ކަތިރިއަންސް އެވެ. ދެ ވަނަ ލިބުނު ކޭލި ވެސް 7 ޕޮއިންޓް ހޯދި އެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން އެއް ވަނަ ލިބުނީ ކަތިރިއަންސް އަށެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ކަތިރިއަންސް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ.
ލީގު ބުރުގެ ތިން ވަނަ އަށް ދިޔަ ކަތިރިއަންސް ޖޫނިއާސް އާއި ހަތަރު ވަނަ އަށް ދިޔަ ފެލްކަން އަށް ލިބުނީ އެއް ޕޮއިންޓެވެ. މިރޭގެ މެޗަށް ފަހު ތިން ވަނަ އާއި ހަތަރު ވަނަ ޓީމު ތަރުތީބު ކުރަން ޖެހުނީ ގުރު ނަގައިގެންނެވެ. އެއީ މެޗުތައް ނިމުނުއިރު ކަތިރިއަންސް ޖޫނިއާސް އާއި ފެލްކަން ހުރިހާ ގޮތަކުން ވެސް އެއްވަރުވުމުންނެވެ.
ގުރު ނަގައިގެން ކަތިރިއަންސް ޖޫނިއާސް އަށް ތިން ވަނަ ލިބުމާ އެކު އެޓީމަށް ވަނީ ޕްލޭ އޮފް މެޗުން ފުރުސަތު ލިބިފަ އެވެ. އަނެއްކޮޅުން ގުރު ނަގައިގެން ދިމާނުވި ފެލްކަން ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފަ އެވެ.
https://fahuminet.com/tournaments/noomaraa-council-futsal-tournament
މިރޭ މެޗުގައި ފުރަތަމަ ދެ ގޯލު ލީޑެއް ނެގީ ވެސް ފެލްކަން އިންނެވެ. އެކެމަކު ކޭލިން ފަހަތުން އަރައި ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލީ އެވެ.
ފުރަތަމަ ހާފުގައި ފެލްކަންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ރާއިދު އާއި ހުސައިން މާރިޝް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޭލީގެ އަލީ ޝާހިލް ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. ކޭލިން ނަތީޖާ ހަމަހަމަކުރި ގޯލު ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ހައްމާޒް އެވެ.
ކޭލި މެޗުން މޮޅުވީ، މެޗު ނިމެން ހަތް ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ފެލްކަންގެ ހުސައިން މާރިޝް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މި ގޯލާ އެކު މެޗުގެ ބާކީ ހަތް މިނެޓުގައި ލީޑުގައި އޮވެ ކޭލިން މެޗު ނިންމާލި އެވެ.
ކޭލި އާއި ކަތިރިއަންސް ޖޫނިއާސް ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ރެ އެވެ.
ހޭންޑްބޯލް ފައިނަލުގެ ކުރިން ހަމަކިރިޔާ އާއި ކަމްބެކާސްގެ ވާދަވެރި ކުރިމަތިލުމެއް
ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ލީގު ބުރުގެ ފަހު މެޗު ވެސް މިރޭ ވަނީ ކުޅެފަ އެވެ. މި މެޗުގައި ވާދަކުރާ ފައިނަލުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ހަމަކިރިޔާ އާއި ކަމްބެކާސް އެވެ.

ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 6-7 އިން ކާމިޔާބުކުރީ ހަމަކިރިޔާ އެވެ. މި މޮޅާ އެކު ތިން ޓީމު ވާދަކުރި ލީގު ބުރުގެ އެއް ވަނަ ލިބުނީ ހަމަކިރިޔާ އަށެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ކަމްބެކާސް އަށް ދެ ވަނަ ލިބުނުއިރު، މުބާރާތުން ކެޓީ ދެ މެޗުން ވެސް ބަލިވި ސްޓްރައިކާސް އެވެ.
މިރޭގެ މެޗުގައި ހަމަކިރިޔާގެ ރުހާ ހަސަން ހެޓްރިކް ހެދި އެވެ. އަދި، އިޝާ އަބްދުލްހަންނާން އާއި ސާރާ ސަމީމް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
https://fahuminet.com/tournaments/noomaraa-council-handball-tournament
ކަމްބެކާސްގެ 6 ގޯލުގެ ތެރެއިން، ފާތިމަތު ނައުހާ ދެ ގޯލު ޖެހި އެވެ. އެއް ގޯލު ބައިކޮޅަށް ވަންއިރު ދެން ގޯލު ޖެހީ ސިތާރާ އަލީ އާއި އާއިޝަތު ސިޔާދާގެ އިތުރުން އާމިނަތު ނޫރާ އެވެ.
ހޭންޑްބޯލް ފައިނަލުގައި ހަމަކިރިޔާ އާއި ކަމްބެކާސް ވާދަކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރެ އެވެ.