ށ. ނޫމަރާގައި މިހާރު ކުރިއަށްދާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ކަމްބެކާސް އާއި ހަމަކިރިޔާ ޖާގަ ހޯދައިފި އެވެ.
ތިން ޓީމު ވާދަކުރާ މުބާރާތުގެ ދެ ވަނަ މެޗު މިރޭ ވަނީ ކުޅެފަ އެވެ. މި މެޗުގައި ކަމްބެކާސް ވަނީ 8-5 އިން ސްޓްރައިކާސް ބަލިކޮށްފަ އެވެ.
މި ނަތީޖާއާ އެކު ފައިނަލުގެ ޖާގަ ކަމްބެކާސް އާއި ހަމަކިރިޔާ އަށް ކަށަވަރުވީ، ސްޓްރައިކާސް ކުޅުނު ދެ މެޗުން ބަލިވެ ފައިނަލުގެ ފުރުސަތު ބަންދުވުމުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވަރަށް ވާދަވެރި ކުޅުމަކަށް ފަހު ސްޓްރައިކާސް ވަނީ ހަމަކިރިޔާ އަތުން 13-12 އިން ބަލިވެފަ އެވެ. މިރޭ ކުޅުނު މެޗުގައި ވެސް އެޓީމުން ހިތްވަރުކުރި އެވެ. އެކަމަކު ދެ މެޗުން ބަލިވުމާ އެކު ލީގު ބުރުގެ ކުޅުން ނިމި އެޓީމަށް ފައިނަލުގެ ފުރުސަތު ބަންދުވީ އެވެ.
މިރޭގެ މެޗުގައި ކަމްބެކާސް އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިނީ ފާތިމަތު ނައުހާ އެވެ. ނައުހާ ވަނީ އެޓީމުގެ 8 ގޯލުގެ ތެރެއިން 5 ގޯލު ކާމިޔާބުކޮށްފަ އެވެ. އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އާއިޝަތު ޝައިނާ އާއި އާމިނަތު ނޫރާގެ އިތުރުން އާއިޝަތު ސިޔާދާ އެވެ.
ސްޓްރައިކާސްގެ އާއިޝަތު ނިޔާޒާ ހެޓްރިކް ހެދިއިރު އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އާމިނަތު ސޮބީހާ އާއި އާމިނަތު ރާމިޒާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަމްބެކާސްގެ އާއިޝަތު އާއިދާ އެވެ.
https://fahuminet.com/tournaments/noomaraa-council-handball-tournament
މުބާރާތުގައި މާދަމާ ރޭ ކުޅޭނީ ލީގު ބުރުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ފައިނަލަށް ހޮވިފައިވާ ކަމްބެކާސް އާއި ހަމަކިރިޔާ އެވެ. މި މެޗުން ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ކަށަވަރުވާނެ އެވެ.
ކަމްބެކާސް އާއި ހަމަކިރިޔާ ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.