އަހުމަދު ޔާސިރު ހެދި ހަތަރު ހެޓްރިކާ އެކު، ދި ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ސަހަރާ ކަންމަތިން ހޯދައިފި އެވެ.
ވިލުފުށީ ކައުންސިލުން އިންތިޒާމުކުރާ ފުޓްސަލް މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު، މިއަދު ވެސް ލީގު ބުުރުގެ މުހިއްމު ދެ މެޗު ވަނީ ކުޅެފަ އެވެ.
މިއަދު ހަވީރު ކުޅުނު ފުރަތަަމަ މެޗުގައި ސަހަރާ ކަންމަތިން ވަނީ 6-23 ގެ ބޮޑު ތަފާތަކުން ޔުނައިޓެޑް މަރުހަބާ ބަލިކޮށްފަ އެވެ. ޖުމްލަ 29 ގޯލު ފެނުނު މި މެޗުގައި ސަހަރާ ކަންމަތީގެ ޔާސިރު ވަނީ 12 ގޯލު ޖަހައިފަ އެވެ. މިއީ މުބާރާތުގެ ރެކޯޑެކެވެ.
ޔާސިރު ޖެހި 12 ގޯލާ އެކު އޭނާ ވަނީ މިހާތަނަށް 15 ލަނޑު ހަމަކޮށް، ލަނޑު ލިސްޓުގެ އެއް ވަނަ އަށް ވެސް އަރައިފަ އެވެ. ކުރިން މި މަގާމަށް ވާދަކުރީ ސަހަރާ ކަންމަތީގެ އަލީ ހާފިޒް (ހާއްޕެ) އާއި އަހަރުން ހިސާބުގެ އިބްރާހީމް ރިމާހު (ރިމޭ) އެވެ.
ޔާސިރުގެ އިތުރުން އެޓީމުގެ ހުސައިން ރިފާއު އާއި ގާއިދު ގާސިމް ހެޓްރިކް ހެދި އެވެ. އަދި، ހަސަން ނިމާޒް އާއި އީސާ ޒަރީރު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ގޯލު ޖެހީ އެޓީމުގެ ގޯލްކީޕަރަށް ކުޅުނު މުހައްމަދު މައްދާހު އެވެ.
ޔުނައިޓެޑް މަރުހަބާގެ ހަ ގޯލުގެ ތެރެއިން ރިފާއު ހަސަން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ ހުސައިން ޝަހުމީ އާއި އަހުމަދު އިހުސާނު އެވެ.

ދެ ވަނަ މެޗުގައި، ޒުވާން ކުޅުންތެރިން ނިސްބަތްވާ އިމްޕީރިއަމް ސްޕޯޓްސް ކްލަބާ ވާދަކޮށް ސަނދަރަ ގޯޅި މޮޅުވީ 2-0 އިންނެވެ. މެޗުގައި ސަނދަރަ ގޯޅީގެ ދެ ގޯލު ޖެހީ މުހައްމަދު ހުޝާމް އާއި އިބްރާހީމް އަޝްހަމް އަބްދުﷲ އެވެ.
މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބެނީ ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަށެވެ. މި ޖާގަ ސަހަރާ ކަންމަތި ކަށަވަރުކުރީ ލީގު ބުރުގެ ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.
މިއަދުގެ ދެ މެޗަށް ފަހު ދެ ވަނައިގައި އޮތް އަހަރުން ހިސާބާއި ތިން ވަނައިގައި އޮތް ސަނދަރަ ގޯޅި އަށް ވަނީ 6 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް އިމްޕީރިއަމް އާއި ފުލުގައި އޮތް ޔުނައިޓެޑް މަރުހަބާ އަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ. މިއާއެކު، ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުކުރަން ކުޅޭ ޕްލޭއޮފް މެޗުގައި ވާދަކުރާނީ އަހަރުން ހިސާބާއި ސަނދަރަ ގޯޅިކަން ވަނީ ކަށަވަރުވެފަ އެވެ.
https://fahuminet.com/tournaments/the-unity-futsal-championship-vilufushi
ވިލުފުށީ ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ޕްލޭއޮފް މެޗުގައި ކުޅެން ހަމަޖެހިފައިވާ އަހަރުން ހިސާބާއި ސަނދަރަ ގޯޅި އެވެ. ފަހު މެޗުގައި ބައްދަލުކުރާނީ މުބާރާތުން ކަޓާފައިވާ އިމްޕީރިއަމް އާއި ޔުނައިޓެޑް މަރުހަބާ އެވެ.