މިހާރު ކުރިއަށްދާ ގާފަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެކްސް ބޯއީޒް ބަލިކޮށް ހަންޓާސް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ގާފަރު ކައުންސިލް ކަޕްގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެކްސް ބޯއީޒްގެ މައްޗަށް މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި އެ ޓީމު އަތުން ބަލިވި ހަންޓާސް އިން ކުރި ހޯދީ 1-2 އިންނެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ގްރޫޕްގެ ތިން ވަނައިގައި އޮތް އެކްސް ބޯއީޒް އަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ހަމައެކަނި ގޮތަކަށް އޮތީ ހަންޓާސް ބަލިކުރުމެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓްގެ ތެރޭގައި އެކްސް ބޯއީޒްގެ ޝާފީ އުމަރު އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް އެކްސް ބޯއީޒް ނިންމާލީ ލީޑުގައި އޮވެގެންނެވެ. އެއާއެކު މިދިޔަ ތިން އަހަރުވެސް މުބާރާތުގެ ތަށި އުފުޅާލި އެކްސް ބޯއީޒް އިން މިފަހަރުގެ މުބާރާތުގައި ވެސް އެ ހިސާބަށް ދާން އެއް ފިޔަވަޅު ރޭ ކުރިއަށް އަޅާނެ ކަމަށް ހީކުރެވުނެވެ. އެކަމަކު ފަހު ހާފުގައި ހަންޓާސް އިން ކުޅުން ރަގަޅުކޮށް ކައިރި ކައިރީގައި ދެ ގޯލް ޖަހައި އެކްސް ބޯއީޒްގެ އުންމީދުތައް ކަފުންކުރި އެވެ. މެޗުގައި ހަންޓާސްއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަހްމަދު އަޝްފާގާއި، އަޒްޔާން އިބްރާހީމް އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ގާފަރު ކައުންސިލް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ބެލި ތިން ޓީމު ކަމަށްވާ އެކްސް ބޯއީޒް އާއި ހަންޓާސްގެ އިތުރުން އޯކޭ ބޯއީޒް ވެސް ވާދަކުރި ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ހަންޓާސް އިން ރޭ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިދިޔަ ދެ އަހަރުވެސް ފައިނަލްގައި ވާދަކޮށް ބަލިވި އޯކޭ ބޯއީޒް އެވެ. އެކަމަކު 10 ޕޮއިންޓާއެކު އެއް ވަނަ ހޯދި އޯކޭ ބޯއީޒް އަށް ހަންޓާސްއަށްވުރެ ކުރި ލިބިފައި ވަނީ ގޯލުގެ ތަފާތުންނެވެ.

ގްރޫޕް ބީގެ ފަހު މެޗުގައި ރޭ އޯކޭ ޔުނައިޓެޑާއި، ޕެންތާސް ވާދަކުރި އިރު މެޗަށް ނުކުތް އިރުވެސް އެ ދެ ޓީމަށް އޮތީ ސެމީ ފައިނަލުން ޖާގަ ލިބިފަ އެވެ. ޖުމްލަ ހަ ޕޮއިންޓާއެކު ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވާ މި ދެ ޓީމުގެ ކުރިމަތިލުން ރޭ ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ޕެންތާސް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އައްޒާމު ނިޔާޒެވެ. އަނެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާރިހް އިބްރާހިމް އެވެ. ރޭގެ މެޗުގައި އޯކޭ ޔުނައިޓެޑުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ޝަވާން ސާމިރު ކާމިޔާބުކުރިއިރު މެޗުގެ ނަތީޖާ ހަމަހަމަކޮށް ގްރޫޕްގެ އެއްވަނަ އޯކޭ ޔުނައިޓެޑަށް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް މުހައްމަދު ނާއިފެވެ.
އޯކޭ ޔުނައިޓެޑަށް ގްރޫޕް ބީގެ އެއް ވަނަ ކަށަވަރުވުމާއެކު ސެމީ ފައިނަލްގައި އެ ޓީމާ އެއް އާއިލާގައި ހިމެނޭ އޯކޭ ބޯއީޒްއާ ނުޖެހި ވަނީ ސަލާމަތްވެފަ އެވެ.
ސެމީ ފައިނަލްގެ ދެ މެޗު ވެސް މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު މިރޭ 09:15 ގައި ފަށާ ދެވަނަ ސެމީ ފައިނަލް މެޗުގައި އޯކޭ ޔުނައިޓެޑް އިން ވާދަކުރާނީ ހަންޓާސް އާ އެވެ. މިރޭ 08:15 ގައި ފަށާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އޯކޭ ބޯއީޒް ނުކުންނާނީ ޕެންތާސްއާ ދެކޮޅަށެވެ.
https://www.fahuminet.com/tournaments/gaafaru-council-cup-2026
ސެމީ ފައިނަލްގެ ދެ މެޗުގައިވެސް އޯކޭ އާއިލާގެ ޓީމަކުން ވާދަކުރާ އިރު މި ފަހަރުގެ ފައިނަލަކީ އޯކޭގެ ދެ ޓީމުގެ ކުރިމަތިލުމަކަށް ވުން ވެސް ގާތެވެ. އެކަމަކު މިރޭ ކުޅޭ ސެމީ ފައިނަލްގައި ވާދަކުރާ ހަތަރު ޓީމަކީ ވެސް އަދި މި މުބާރާތުގައި އެއްވެސް މެޗަކުން ބަލިވެފައި ނެތް ހަތަރު ޓީމަށް ވުމާއެކު މާދަމާރޭ ކުޅޭ ފައިނަލްގައި މިއިން ކޮންމެ ޓީމެއްވެސް ފެނުމަކީ ވެދާނެ ކަމެކެވެ.