ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން، މޮޅުވާން މަޖުބޫރު މެޗަކަށް ގާފަރުގެ އެންމެ ކާމިޔާބު ފުޓްސަލް ޓީމު، އެކްސް ބޯއީޒް މިރޭ ނުކުންނާނެ އެވެ.
ގާފަރުގެ އެންމެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ މާއިސް (މައްޓު) ގެ މަސްއޫލުވެރިކަމުގެ ދަށުން ފުޓްސަލްގައި ވާދަކުރަމުން އަންނަ އެކްސް ބޯއީޒް އަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. މިއަހަރުގެ މުބާރާތުގައި އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މޮޅު ހޯދީ ރޭ ހަންޓާސް އެލީޓާ ވާދަކޮށެވެ. މި މެޗުން އެކްސް ބޯއީޒް މޮޅުވީ 5-2 އިންނެވެ.
މެޗުގައި އެކްސް ބޯއީޒްގެ ފަސް ލަނޑުގެ ތެރެއިން، ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެން ގޯލު ޖެހީ ޝާފީ އުމަރާއި މައްޓުގެ އިތުރުން އަހުމަދު މަދީހު އެވެ. ހަންޓާސް އެލީޓުގެ ދެ ގޯލު ޖެހީ މުހައްމަދު ރާއިން ނިސާރު އެވެ.
މި ގްރޫޕުގައި ދެން ހިމެނޭ އޯކޭ ބޯއީޒް ރޭ ވަނީ 1-12 އިން މާލިންސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މެޗުގައި އޯކޭ ބޯއީޒްގެ މާހީ މުފީދު ހަތަރު ގޯލު ޖެހި އެވެ. އަދި މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) ހެޓްރިކް ހެދި އެވެ. އަދި އެޓީމުގެ މުހައްމަދު ނިހާލް ދެ ގޯލު ޖެހި އެވެ. ބާކީ ގޯލުތައް ޖެހީ ޚަމީސް ރަޝީދު އާއި އިބްރާހީމް ރިމާހުގެ އިތުރުން ނާއިހު މުފީދެވެ. މާލިންސްގެ ހަމައެކަނި ގޯލު ޖެހީ އިޝްކާން އަރްޖީލް އެވެ.

ގްރޫޕް އޭގެ ފަހު މެޗުގައި މިރޭ އެކްސް ބޯއީޒް ނުކުންނާނީ ހަންޓާސްއާ ދެކޮޅަށެވެ. ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާ އޯކޭ ބޯއީޒް އެވެ. ދެ ވަނައިގައި އޮތީ 7 ޕޮއިންޓް ހޯދާފައިވާ ހަންޓާސް އެވެ. އެކްސް ބޯއީޒް ތިން ވަނައިގައި އޮތީ 6 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ހަންޓާސް އެލީޓާއި ފުލުގައި އޮތް މާލިންސް ވަނީ މުބާރާތުން ކަޓައިފަ އެވެ.
މިރޭ ހަންޓާސްއާ ދެކޮޅަށް ނުކުންނައިރު، ސެމީގެ ޖާގައެއް އެކްސް ބޯއީޒް އަށް ލިބޭނީ މެޗުން މޮޅުވެގެންނެވެ. އެއްވަރުކޮށްލައިގެން ހަންޓާސް އަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ. އެހެންވެ، މިރޭގެ މެޗު ވާނީ އެކްސް ބޯއީޒް މި މުބާރާތުގައި ވާދަކުރަން ފެށިފަހުން ތާރީހުގައި ނުކުންނާނެ އެންމެ ޕްރެޝަރު އެއް މެޗަށެވެ.

ރޭ ވަނީ ގްރޫޕް ބީގައި ހިމެނޭ ޖުމެއިރާ ރިސޯޓާއި އޯކޭ ލެޖެންޑްސް ވެސް ވާދަކޮށްފަ އެވެ. މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި ޖުމެއިރާގެ މުހައްމަދު އިޝާން ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ އަހުމަދު ޒާހިދު އެވެ. ގާފަރު ލެޖެންޑުންގެ ޓީމުގެ ތިން ގޯލު ޖެހީ މުހައްމަުދ ނިހާންގެ އިތުރުން ދެ ގޯލު ޖެހި މުހައްމަދު އައްޒާމް އެވެ.
https://www.fahuminet.com/tournaments/gaafaru-council-cup-2026
ގްރޫޕް ބީގެ ފަހު މެޗުގައި މިރޭ އޯކޭ ޔުނައިޓެޑާއި ޕެންތާސް ވާދަކުރާނެ އެވެ. މި ދެޓީމު ވެސް ވަނީ ސެމީ ފައިނަލް ކަށަވަރުކޮށްފަ އެވެ. އެހެންވެ މިރޭގެ މެޗުން ކަނޑައެޅިގެންދާނީ ގްރޫޕް ބީގެ އެއް ވަނަ އާއި ދެ ވަަނަ އެވެ.