ށ. ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ އަންނަ ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.
ނޫމަރާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާކޮށް، ހަށިހެޔޮ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި މި ކުޅިވަރު އީދުގައި ފުޓްސަލް މުބާރާތަކާއި، ހޭންޑްބޯލް މުބާރާތެއް ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ. ފުޓްސަލް މުބާރާތް ފިރިހެނުންނަށް ހާއްސަކޮށްފައިވާ އިރު ހޭންޑްބޯލް މުބާރާތް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.
ހަމައެކަނި ރަށަށް ހުޅުވާލައިގެން ދެ މުބާރާތް ވެސް ކުރިއަށްގެންދާއިރު މި ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތް ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ މިއީ ހަ ވަނަ ފަހަރެވެ. އަދި، ސްޕޯޓްސް ފިއެސްޓާގައި ހޭންޑްބޯލް މުބާރާތް ހިމެނި މިއީ ތިން ވަނަ ފަހަރެވެ.
އެހެން ގިނަ ރަށްރަށާ ތަފާތުކޮށް ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާއިން ފެންނަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދެ މުބާރާތަށް ކަނޑައަޅައިފައިވާ ފައިސާގެ އިނާމުގައި ތަފާތެއް ނެތުމެވެ. ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭ އިނާމަށްވުރެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭ އިނާމު ގިނަ ރަށްރަށުން ބޮޑުކޮށް ދެމުން އައި ނަމަވެސް ނޫމަރާގައި ބާއްވާ ސްޕޯޓްސް ފިއެސްޓާގައި ދެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް ހުށަހަޅައިފައިވަނީ 10,000 ރުފިޔާ އެވެ.
ގާތްގަނޑަކަށް ފަސްސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ ނޫމަރާގައި އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ އިރު ހޭންޑްބޯލް މުބާރާތުގައި ތިން ޓީމަކުން ވާދަކުރާނެ އެވެ.
މިދިޔަ ދެ އަހަރުގެ ސްޕޯޓްސް ފިއެސްޓާގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތާ ތަފާތުކޮށް މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ މުބާރާތުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހަޅައިގެން މުބާރާތާ ގުޅުނު ހަތަރު ޓީމެވެ.
މިދޔަ ދެ އަހަރުގެ މުބާރާތް ކުރިއަށްގެންސްފައިވަނީ ފުޓްސަލް މުބާރާތުގައި ކުޅެން ބޭނުންވާ ކުޅުންތެރިން ތިން ޓީމަކަށް ބަހާލައިގެންނެވެ. މިފަހަރުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ މި މުބާރާތް އެއްފަހަރު ކާމިޔާބުކޮށްފައި ވާ ކަތި ރިޔަންސް އާއި، މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ތިން ޓީމު ކަމަށްވާ ފެލްކަންސް، ކޭލި އަދި ކަތިރިޔަންސް ޖޫނިއާސް އެވެ.

ނޫމަރާ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގައި ޖުމްލަ ތިން ޓީމަކުން ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކަމްބެކާސްގެ އިތުރުން ސްޓްރައިކާސް އާއި ހަމަކިރިޔާ އެވެ. ހޭންޑްބޯލް މުބާރާތް ފަށާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
ނޮވެމްބަރު މަހުގެ 2 އިން 10 އަށް ފުޓްސަލް މުބާރާތް ކުރިއަށްގެންދާ ގޮތަށް ނޫމަރާ ކައުންސިލް އިދާރާއިން ރާވައިފައިވާއިރު މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ލީގު ބުރުން އެއް ވަނަ ހޯދާ ޓީމަށް މުބާރާތުގެ ފައިނަލުން ސީދާ ޖާގަ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު ފައިނަލްގެ ދެ ވަނަ ޖާގަ ލިބޭނީ ލީގު ބުރުން ދެވަނަ އަދި ތިންވަނައަށް އަންނަ ދެ ޓީމު ވާދަކުރާ ޕްލޭ އޮފް މެޗަކުން މޮޅުވާ ޓީމަކަށެވެ.
https://www.facebook.com/permalink.php?story_fbid=pfbid037wyFHLiuP5xK4Xsy3yG3SMWKr6aGDFcmkjKvAQXuhtStZWQU5S39vfP7N3xtJqG8l&id=100071184283658&__cft__[0]=AZgh9aVXVQmerjk0b2Y5wCc5FMcljEudaR5ATy_JteMrKqoRTybQM1MbWLi6CS9DuH2ZzMwD59-zK5RTpZV3LWXUbHiDInJ3vkIMW3Q5L3ABKo2TSu87eN0HZCNphWFvqX3JrVJHsLVwnVPsNw2ZUplqRs5wDm4vBHgmCaatuR6Xe5bSlWcevVZgfOE&__tn__=%2CO%2CP-R
ނޮވެމްބަރު މަހުގެ 5 އިން 9 އަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ބައްދަލުކުރުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ ފައިނަލްގަ އެވެ.
ނޫމަރާ ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. ފިއެސްޓާގައި ހިމެނޭ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯގެ އިތުރުން މި ދެ މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.