DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގާފަރު ކައުންސިލް ކަޕް: ގޮންޖެހުންތަކެއް ހުއްޓަސް މައްޓުގެ އެކްސް ބޯއީޒް ފެންނާނީ ވަރުގަދަކޮށް
ގާފަރު ކައުންސިލް ކަޕް: ގޮންޖެހުންތަކެއް ހުއްޓަސް މައްޓުގެ އެކްސް ބޯއީޒް ފެންނާނީ ވަރުގަދަކޮށް
މިއަހަރު ތުލުސްދޫގައި ބޭއްވި މިޔަޓް ފުޓްސަލް ފިއެސްޓާގައި ވާދަކުރި އެކްސް ބޯއީޒް ޓީމު. ގާފަރުގެ އެންމެ ކާމިޔާބު ޓީމަކީ އެކްސް ބޯއީޒް. ފޮޓޯ: އެކްސް ބޯއީޒް ފޭސްބުކް

ގާފަރު ކައުންސިލް ކަޕް: ގޮންޖެހުންތަކެއް ހުއްޓަސް މައްޓުގެ އެކްސް ބޯއީޒް ފެންނާނީ ވަރުގަދަކޮށް

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން • 19 އޮކްޓޫބަރު 2026

ގާފަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާއިރު މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު އިންތިފާގުވާނެ އެއް ޓީމަކީ އެކްސް ބޯއީޒް އެވެ.

މިހާތަނަށް ބޭއްވި ގާފަރު ކައުންސިލް ކަޕްގެ ހަތް މުބާރާތުގެ ތެރެއިން ފަސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އެ ޓީމުންނެވެ. މި މުބާރާތުގެ ތަށި އުފުލާލުމުގެ ނަސީބު އެހެން ޓީމަކަށް އެންމެ ފަހުން ލިބިފައި އޮތީ 2022 ވަނަ އަހަރު އެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށް ކަމަށްވާ ގާފަރުގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް 2019 ވަނަ އަހަރު އުފަންވުމުގެ ކުރިންވެސް އެކްސް ބޯއީޒް އިން އައީ ގާފަރުގައި ބާއްވަމުން އައި ފުޓްސަލް އަދި ފުޓްބޯޅަ މުބާރާތްތަކުގައި ރަން ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ. ގާފަރުގައި އުފެދުނު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އަލީ މާއިސް (މައްޓު) ގެ ލީޑާޝިޕްގެ ދަށުން ނުކުންނަ އެކްސް ބޯއީޒް އިން ވަނީ މުޅި ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިޔަޓް ފުޓްސަލް ފިއެސްޓާގައި މިއަހަރު ވާދަކޮށް ސެމީ ފައިނަލްގައި ވެސް ކުޅެފަ އެވެ.

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދަން އެކްސް ބޯއީޒް އިން ތައްޔާރުވަމުން އަންނައިރު އެ ޓީމަށް މިފަހަރު ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަ އެވެ.  އެކްސް ބޯއީޒް އަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝަނާން ރަޝާދާއި، ސާމިން މުހައްމަދު ނަސީރު އަންނަ މަހު ޗައިނާގައި ބާއްވާ މުބާރާތަކަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑްގައި ހިމަނައިފައިވުމާއެކު މިފަހަރުގެ ކައުންސިލް ކަޕްގައި އެ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ.

ޝަނާން އަކީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގްގެ މަގާމު މިއަހަރު ހޯދި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ސާމިން ވަނީ އެ މުބާރާތުގެ ސެމީ ފައިނަލަށް ކްލަބް އެމްޓީސީ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.  

ޝަނާން އާއި ސާމިން ނެތުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެއް. އެކަމަކު އެ ދެ ކުޅުންތެރިންނަށް ލިބުނު ފުރުސަތަކީ ދޫކޮށްލައިގެން ވާނެ ފުރުސަތަކަށް ނުވާތީ އަޅުގަނޑުމެން އެކަމުގެ ހުރަހަކަށް ވާކަށް ބޭނުމެއް ނުވޭ. އެ ދެ ކުޅުންތެރިންނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. އަދި ކާމިޔާބަށް ވެސް އެދެން. 

އެކްސް ބޯއީޒް އިން މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އާ ވާހަކަ ދައްކަމުން އެ ޓީމުގެގެ މެނޭޖަރު އަހްމަދު ނާހިދު (ނާޑު) ބުނެފައިވެ އެވެ.

ޝަނާން އާއި ސާމިންގެ އިތުރުން މިފަހަރުގެ މުބާރާތުގައި އެކްސް ބޯއީޒް އިން ނުފެންނާނެ އެންމެ އާންމު މޫނަކީ ގިނަ އަހަރުތަކެއް ވަންދެން އެ ޓީމުގެ ގޯލް ބެލެހެއްޓި ފައްޔާޒް ފަޔާޒް (ފައިއްޓޭ) އެވެ. މިއަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރި ކްލަބް އެޗްޑީސީގެ ގޯލް ބެލެހެއްޓުމުގައި ވެސް ހުށިޔާރުކަން ދައްކައިފައިވާ ފައިއްޓޭ ގާފަރު ކައުންސިލް ކަޕްގައި ވާދަކުރާ އެހެން ޓީމަކަށް ބަދަލުވުމާއެކު އެތަން ފޫބެއްދުމަށްޓަކައި އެކްސް ބޯއީޒް އިން ވަނީ ގާފަރުގައި މިވަގުތު ތިބި އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ އަދުހަމް އަހްމަދު އެ ޓީމަށް ގެނެސްފަ އެވެ. އަދުހަމް ވަނީ ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންސް ލީގުގެ ގޮތުގައި މަޝްހޫރުވެފައިވާ ކިންގްސް ކަޕްގެ މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

ގާފަރު ކައުންސިލް ކަޕްގައި ވާދަކުރާ ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު އެއް ކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތު އޮތް އިރު ރަށުން ބޭރު ކުޅުންތެރިއެއްގެ ގޮތުިގައި އެކްސް ބޯއީޒް އިން ހިމަނާފައިވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިުންގެ ތެރޭގައި ހިމެނޭ އަހްމަދު އަފްލާޒް އެވެ. ފުޓްސަލްގައި އެންމެ ކާމިޔާބު އެއް ރަށް ކަމަށްވާ ތިމަރަފުށްޓަށް އުފަން އަފްލާޒް ވަނީ 2025 ވަނަ އަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމު ހޯދައިފަ އެވެ.

"މުހިންމު ކުޅުންތެރިންތަކެއް މފަހަރު ޓީމުން ނުފެނުނަސް މިހާރު އޮތް ޓީމުވެސް ހަމަ ވަރުގަދަ ވާނެ. އިރާދަކުރެއްވިއްޔާ ތަށި ހޯދޭ ވަރުގެ ޓީމެއް މިފަހަރު ވެސް މި އޮތީ" އެކްސް ބޯއިޒްގެ މެނޭޖަރު ނާޑު ބުންޏެވެ. 

https://www.fahuminet.com/tournaments/gaafaru-council-cup-2026

ސްކޫލްގައި އެކުގައި ކިޔަވަން އުޅުނު ކުދިން ތަކެއް ރަށުގައި ކުރިން ބާއްވަމނުން އައި ސިކްސްއަ ސައިޑް ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަމުގައި މީގެ ވިއްސަކަށް އަހަރު ކުރިން އުފެއްދި އެކްސް ބޯއީޒްގެ މެނޭޖަރު ނާޑު ފާހަގަކުރި ގޮތުގައި އެކްސް ބޯއީޒް އަށް ކައުންސިލް ކަޕްގެ ތަށި ފަސް ފަހަރު ލިބިފައި ވަނީ މުބާރާތުގައި ބައިވެރިވާ އެހެން ޓީމުތަކުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާއި، މިފަހަރުގެ މުބާރާތުގައި ޓީމުތަކުގެ ވާދަވެރިކަން ކުރީ ފަހަރުތަކަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިފަހަރުގެ މުބާރާތް ވަރަށް ވާދަވެރިވާނެ ކަމަށް މި ބަލަނީ. ކޮންމެ ޓީމަކުންވެސް އެބަ މަސައްކަތް ކުރޭ ރަށުން ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިއަކު ގެންނަން.

ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ގާފަރު ކައުންސިލް ކަޕްގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދަން ރާވާފައވާއިރު މުބާރާތުގެ ގުރު ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

 

 

 

 

 

 

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings