DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް ޑާކްވުޑުން ޗެމްޕިއަން ފަހަތަށް ޖެއްސި އިރު، ބަފަނައިން އެޑީގެ ހިތް ހަލާކު ކޮށްލައިފި
ކްލަބް ޑާކްވުޑުން ޗެމްޕިއަން ފަހަތަށް ޖެއްސި އިރު، ބަފަނައިން އެޑީގެ ހިތް ހަލާކު ކޮށްލައިފި
ކްލަބް ޑާކް ވުޑުން އެންބްލެކް ބަލިކުރި މެޗުގެ ތެރެއިން. މެޗުގައި ފެނުނީ ބޮޑު ވާދަވެރިކަމެއް. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ކްލަބް ޑާކްވުޑުން ޗެމްޕިއަން ފަހަތަށް ޖެއްސި އިރު، ބަފަނައިން އެޑީގެ ހިތް ހަލާކު ކޮށްލައިފި

ފަހުމިނެޓް
ފަހުމިނެޓް
19 ގަޑިއިރު ކުރިން • 17 އޮކްޓޫބަރު 2026

ށ. ފޭދޫގައި މިހާރު ކުރިއަށްދާ ފޭދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގައި، ރޭ ކްލަބް ޑާކްވުޑުން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އެންބްލެކް އެފްސީ ބަލިކުރިއިރު އެޑީ ސްޕޯޓްސް ކްލަބް އަނެއްކާވެސް ހިތްދަތި ގޮތަކަށް ބަލިވެއްޖެ އެވެ.

ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ހަމައެކަނި ރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ޑާކްވުޑުން އެންބްލެކްގެ މައްޗަށް ކުރި ހޯދީ 3-5 އިންނެވެ. މުބާރާތުގައި މި ދެ ޓީމުން ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވުމާއި އެކު މި މެޗަކީ ފޯރިގަދަވާނެ މެޗެއްގެ ގޮތުގައި ކުރިންވެސް އޮތީ ބެލެވިފަ އެވެ.

ފޭދޫ ކައުންސިލް ކަޕް މީގެ ކުރިން އެއް ފަހަރު ކާމިޔާބުކޮށްފައިވާ ކްލަބް ޑާކްވުޑާއި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެންބްލެކް ރޭ ވާދަކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ޑާކްވުޑުންނެވެ. އެކަމަކު މެޗުގެ ފުރަތަމަ މިނެޓްގައި އެ ޓީމުގެ މާއިލް މުހައްމަދު އެންބްލެކްގެ ގޯލް ހުޅުވާލިތާ މިނެޓެއްވެސް ނުވަނީސް އެންބްލެކްގެ އަހްމަދު އަފްލާޒް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.

ދެން ފެނުނީ މުޅި މެޗުގައިވެސް އައި އެންމެ ޝައުގުވެރި ވަގުތުކޮޅެވެ. އެންބްލެކުން ނަތީޖާ ހަމަހަމަކުރިތާ އިރުކޮޅެއް ނުވަނީސް ޑާކްވުޑުން ފުލުފުލުގައި ތިން ގޯލް ޖަހައި އެންބްލެކަށް އަލުން މެޗުގެ ތެރެއަށް އެނބުރި އަންނަން އުނދަގޫވާނެ ވަރު ކޮށްލި އެވެ. މި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު ފާއިން މުހައްމަދު ކާމިޔާބުކުރި އިރު އަނެއް ގޯލް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލް ޖެހި މާއިލް އެވެ.

ޑާކްވުޑުން ބޮޑު ލީޑެއް ނެގިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި އެންބްލެކަށް ކުޅެމުން އަންނަ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް އަސްވަދު (ގަބޭ) ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. އެކަމަކު އެ ލަނޑާއެކު އިތުރު ހިތްވަރެއް ލައިގެން އެންބްލެކުން ކުޅެން މަސައްކަތްކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ ނަތީޖާއަށް އިތުރު ބަދަލެއް ނައިހެވެ.

ފަހު ހާފު ފަށައިގެން ކުޑައިރު ކޮޅެއް ނުވަނީސް އަނެއްކާވެސް ފެނުނީ ޑާކްވުޑުން ލަނޑެއް ޖަހައި މުޅި މެޗު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައި ތަނެވެ. މި ލަނޑު ޑާކްވުޑަށް ކާމިޔާބުކޮށްދިނީ  އެ ޓީމަށް ކުޅެމުން އަންނަ ދުވާފަރަށް އުފަން އިބްރާހިމް އަނާން އަލީ އެވެ. މި މެޗުގައި އެންބްލެކުން ޖެހި ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ  މުހައްމަދު ސިރްފާނެވެ.

އެޑީ ސްޕޯޓްސް ކްލަބާއި ބަފަނަ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ށ. ފޭދޫ ކައުންސިލް
އެޑީ ސްޕޯޓްސް ކްލަބާއި ބަފަނަ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ފޭދޫ ކައުންސިލް ކަޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި މުބާރާތުގައި މުޅިން އަލަށް ބައިވެރިވި އެޑީ ސްޕޯޓްސް ކްލަބް، ބަފަނަ ސްޕޯޓްސް ކްލަބާ ވާދަކޮށް ބަލިވީ 3-4 އިންނެވެ. މުބާރާތް ހުޅުވި ރޭ އެޑީ އިން އެންބްލެކާ ވާދަކޮށް ކުޅުނު މެޗުގައި ވެސް ނާކާމިޔާބީ އާއި  ކުރިމަތިލާން ޖެހުނީ ހަމަ މި ނަތީޖާ އިންނެވެ.

މި މުބާރާތް 2022 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ބަފަނަ އާއި އެޑީ ރޭ ވާދަކުރި މެޗުގައި ޖެހި ހަތް ލަނޑު ވެސް ފެނިފައިވަނީ ފަހު ހާފުގަ އެވެ. ފަހު ހާފު ފަށައިގެން ކުޑައިރު ކޮޅެއްގެ ތެރޭގައި ބަފަނައިން ދެ ގޯލް ޖަހައި ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އެކަމަކު އިސްމާއިލް މުނީޒް އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޝާއިން (ޝާއިންޓޭ) ގޯލްޖެހިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެޑީން ދެ ގޯލް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ  އަހްމަދު މާކިން މުހައްމަދާއި، އަލީ އަލްސަން އެވެ.

.https://fahuminet.com/tournaments/sh-feydhoo-council-cup-2026

މެޗުގައި ދެވަނަ ފަހަރަށްވެސް ލީޑް ނެގީ ބަފަނައިންނެވެ. އެކަމަކު ތިމަރަފުށްޓަށް އުފަން މުނީޒް އެ ލަނޑު ބަފަނައަށް ކާމިޔާބުކޮށްދިންތާ މާގިނައިރެއް ނުވެ ފެނުނީ އެޑީން ރައްދު ދިން ތަނެވެ. އެޑީއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ  އަލްސަން އާއެކު މަތިވެރި ފުޓްސަލް ޓީމުގައި ކުޅެމުން އަންނަ އަހްމަދު ފިރާޝް އެވެ.  

މި ލަނޑާއެކު އެޑީ އަށް ލިބުނު ބޮޑު ހިތްހަމަޖެހުން ގެއްލުނީ ހަމަ އިސާހިތަކު އެވެ. މެޗުން މަދުވެގެން ޕޮއިންޓެއް ހޯދަން އެޑީން ކުރި މަސައްކަތް ފަނުފުލުން ދިޔައީ ޖެހިގެން އައި މިނެޓްގައި ބަފަނައަށް ކުޅެމުން އަންނަ ނައިވާދޫއަށް އުފަން ޝާއިންޓޭ ވައްދާލި ގޯލާ އެކު އެވެ.

މިރޭވެސް ފޭދޫ ކައުންސިލް ކަޕްގައި ދެ މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި  ބަފަނަ އާއި ޑާކް ވުޑް އެސްސީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި  އެޑީ ނުކުންނާނީ ކްލަބް ޑާކްވުޑާ ދެކޮޅަށެވެ.

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings