ދިވެހި ޕްރިމިއާ ލީގަށް މުޅިން އަލަށް ކޮލިފައިވެ އަމިއްލަ ރަށުގައި ކުޅުނު ފުރަތަމަ މެޗުގައި ހއ. ދިއްދޫ އިން، ރާއްޖޭގެ އެންމެ މަޝްހޫރު ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ 2-2 އިން އެއްވަރުކޮށްފި އެވެ.
ފުރިހަމަ ތައްޔާރީތަކާ އެކު ދިއްދޫގައި ކުޅުނު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ވަރުގަދަ ނިއު އަތުން ދިއްދޫ މޮޅުވާން ދަނިކޮށް ނަތީޖާ ހަމަހަމަވީ މެޗުގެ ފަހުމިނެޓުގަ އެވެ. އެއްވަރުވި ވިޔަސް ދިއްދޫ އަށް ގަދަފަދަ ނިއު ރޭޑިއަންޓާ ވާދަކޮށް ޕޮއިންޓެއް ލިބުމަކީ ތާރީހީ ކާމިޔާބީއެކެވެ.
މިއަދުގެ މެޗުގެ ފުރަތަމަ 12 މިނެޓުތެރޭ ދިއްދޫ އިން ވަނީ ދެ ގޯލު ޖަހައި ބޮޑު ސިހުމެއް ގެނުވައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުފާލް އަބްދުﷲ އެވެ. މިއީ އަރިމަތިން ނަގައިދިން ހުރަހަކުން ބޮލުން އުފާލް ޖެހި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން ދިއްދޫ އަށް ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޓެޓޭ ޖިޑެއޮން އެވެ. މިއީ އުފާލް ދިން ބޯޅައަކުން ޓެޓޭ ކާމިޔާބުކުރި ގޯލެކެވެ.
ދެ ގޯލު ފަހަތުގައި އޮއްވައި ނިއު އަށް ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދިއްދޫ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދަގަނޑޭ ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ނިއު އިން ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު ދިއްދޫ އިން ދިޔައީ ވަރަށް ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. ދިއްދޫ ކޮޅަށް ނިއު އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 ވަނަ މިނެޓުގަ އެވެ. ދިއްދޫގެ ކީޕަރު ގައިގައި ޖެހިފައި ވެއްޓުނު ބޯޅަށް ގޯލަށް ފޮނުވާލައިގެން ނިއު އަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު އަބްދުﷲ ބިލިޓީ އެވެ.
ބިލިޓީގެ ގޯލަށް ފަހު ވެސް މެޗުގެ ފަހު ބޯޅައިގައި ނިއުގެ ބިދޭސީ ފޯވާޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ.
ފަހު ވަގުތު ތާރީހީ މޮޅު ނުލިބުނަސް، ދިއްދޫ އިން މިއަދު ދެއްކި ކުޅުމަކީ މޮޅު އަދި ތައުރީފު ހައްގު ކުޅުމެކެވެ.
މިއަދުގެ މެޗު ބެލުމަށް ކައިރި ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން ދިއްދޫ އަށް ވަނީ ގޮސްފަ އެވެ. އަދި މެޗަށް މުޅި ދިއްދޫ އޮތީ ވަރަށް ސަޅިކޮށް ތައްޔާރުކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗު ވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ގޯލު ކޯނަރެއްގައި 28 ވަނަ މިނެޓުގައި ޖެހީ ވިކްޓްރީގެ ޑިފެންޑަރު ފުކަތު ޔޮން ޚަސަންބޮއެވް އެވެ. މާޒިޔާ އިން ނަތީޖާ ހަމަހަމަކުރި ގޯލު 56 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ލޫތު އިބްރާހީމް އެވެ.
މެޗުގެ ފަހު ދެ ގޯލު ފެނުނީ ފަހު ދިހަ މިނެޓުގަ އެވެ. މާޒިޔާ އިން 82 ވަނަ މިނެޓުގައި އަހުމަދު އައިހަމްގެ ގޯލުން ލީޑު ނަގާފައިވަނިކޮށް 86 ވަނަ މިނެޓުގައި ވިކްޓްރީގެ ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
https://www.fahuminet.com/tournaments/dhivehi-premier-league-202627
ލީގު މިހާރު އޮތް ގޮތަށް ބަލާއިރު އެއް ވަނައިގައި އޮތް ވިކްޓްރީ އާއި ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވަނީ 7 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އާއި ދިއްދޫ އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.
ލީގު މެޗެއް ދެން އޮންނާނީ މާދަމާ ރެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.