އާ ފުޓްބޯޅަ ސީޒަނަށް މަޝްހޫރު ކުޅުންތެރިން ހިމަނައިގެން ނުކުތް ވިކްޓްރީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-5 އިން މޮޅުވެއްޖެ އެވެ.
ވިކްޓްރީން އާ ސީޒަނާ ކުރިމަތިލިއިރު އެޓީމާ ގުޅުނު އެންމެ މަޝްހޫރު ދެ ކުޅުންތެރިންނަކީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އެވެ. އެކަމަކު އަނިޔާއިން ރަނގަޅުވަމުން އަންނަ ހަމްޕު ރޭގެ މެޗުގައި ކުޅެފައެއްނުވެ އެވެ.
އާ ސީޒަން ފެށުމުގެ ކުރިން އެޓީމުން ލަންކާގައި ކޭމްޕެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ތިން ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ މިރަޖްލޯލް ކަސިމޯވް ކެންޒަޔެޗިވް އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން 10 ވަނަ މިނެޓުގައި ޓީސީގެ މާޔިޒް ވަހީދު ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު، ވިކްޓްރީން ވަނީ ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ނަތީޖާ ބަދަލުކޮށްލާފަ އެވެ. ދެ ވަނަ ހާފުގައި ވިކްޓްރީން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އަނެއް ގޯލުތައް ޖެހީ އަހުމަދު ހަސަން އާއި ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ އެވެ. ގެރޯ އަކީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފެނުނު ކުޅުންތެރިއެކެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ތިން މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު 3:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ގައްދޫ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ރަށުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އިއްޔެ ކުޅެން އޮތް މި މެޗު ފަސްކުރަން ޖެހުނީ ގައްދޫ އަށް މާބޮޑަށް ވިއްސާރަވުމުންނެވެ.
https://fahuminet.com/tournaments/dhivehi-premier-league-202627
މިއަދު ގަލޮޅު ދަނޑުގައި ކުޅޭ ދެ މެޗުގެ ތެރެއިން ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ބިސް ބުރު ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބް ނުކުންނާނީ ދިއްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި 10 ޓީމު ވާދަކުރެ އެވެ. މީގެތެރޭގައި އަތޮޅުތެރެއިން ލީގަށް ކޮލިފައިވި ތިން ޓީމު ހިމެނެ އެވެ. އެއީ އަތޮޅުތެރެއިން ކޮލިފައިވި ދިއްދޫ އާއި ގައްދޫގެ އިތުރުން މާލޭން ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.