ވިލުފުށި ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ދި ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތް އިއްޔެ ފަށާފައިވާ އިރު މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ އަހަރުން ހިސާބު ގިނަ ބަޔަކު މިހާރު ހިމަނާނެކަން ޔަގީނެވެ.
ދި ޔުނިޓީ ޗެމްޕިއަންޝިޕްގެ ދެވަނަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ސަހަރާ ކަންމަތިން އިމްޕީރިއަމް ސްޕޯޓްސް ކްލަބްގެ މައްޗަށް 1-8 އިން ކުރި ހޯދިއިރު އޭގެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް މަރުހަބާ ކޮޅަށް 15 ލަނޑު ޖަހައި އަހަރުން ހިސާބުން ވަނީ އެހެން ޓީމުތަކަށް ފިތްކަނޑައިގެންދާ ވަރުގެ މެސެޖެއް ދީފަ އެވެ. މި މެޗު އަހަރުން ހިސާބުން ނިންމާލީ ބައިކޮޅަށް އެންމެ ގޯލެއް ވެސް ވަނަ ނުދީ އެވެ.
އަހަރުން ހިސާބު ނަމުގައި މި ޓީމު މިހާރު ފެންނަން އޮތަސް މި ޓީމުގެ އަސްލު އުފަންވުން ގުޅިފައި އޮތީ މީގެ 14 ވަރަކަށް އަހަރު ކުރިން އުފެއްދި ވައިޕާސްއާ އެވެ. މާލޭގައި ދިރިއުޅެމުން އައި ވިލުފުށްޓަށް ނިސްބަތްވާ ޒުވާނުންތަކެއް ވުޖޫދަށް ގެނައި މި ޓީމުން އާންމުގޮތެއްގައި ވާދަކުރަމުން އައިސްފައި ހުރީ ވެސް މާލެ ސަރަހައްދުގައި އޮންނަ މުބާރާތްތަކުގަ އެވެ.
ވައިޕާސްގެ ނަމުގައި މީގެ ކުރިން ވިލުފުށީގައި އޮތް ބައެއް މުބާރާތްތަކުގައި މި ޓީމުން ބައިވެރިވެފައި އޮތަސް އަހަރުން ހިސާބުގެ ނަމަށް މީގެ ފަސް އަހަރު ކުރިން މި ޓީމު ރީބްރޭންޑް ކުރި ފަހުން ރަށުގައި ބާއްވާ މުބާރާތެއްގައި އެ ޓީމު ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.
ދި ޔުނިޓީ ޗެމްޕިއަންޝިޕަށް އަހަރުން ހިސާބުގެ މިސްރާބު އަމާޒުކުރީ ވަރުގަދަ ޓާގެޓަކާ އެކު އެވެ. މިއީ މުބާރާތުގައި އެ ޓީމު ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވިޔަސް އަހަރުން ހިސާބުގެ އަމާޒަކަށް ހަދައިފައިވަނީ މުބާރާތުގެ ތަށީގައި އަތްލުމެވެ. އެ އަމާޒު ޔަގީންކުރުމަށްޓަކައި އަހަރުން ހިސާބުން ވަނީ މުބާރާތް ކާމިޔާބުކުރަން ނުކުންނަ ޓީމަކުން ކުރާނެ ހުރިހާ ކަމެއް ކޮށްފަ އެވެ.
މިފަހަރުގެ މުބާރާތަށް އަހަރުން ހިސާބުން ނެރެފައިވާ ޓީމަށް ބަލާލުމުން އެކަނި ވެސް އެކަން ސާބިތުވެ އެވެ. ޓީމުގައި ތިބި ވިލުފުޓަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރޭގައި ގިނައީ ބޮޑެތި މުބާރާތްތަކުގައި ރަށް ތަމްސީލްކޮށްފައި ތިބި ކުޅުންތެރިންނެވެ. މީގެ އިތުރުން އަހަރުން ހިސާބަށް ރަށުން ބޭރުން ގެނެސްފައި ތިބި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްސަލްގައިވެސް އެންމެ ނަން ހިނގާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.
އަހަރުން ހިސާބުން ޓީމު ވަރުގަދަ ކުރުމަށްޓަކައި ގެނެސްފައިވާ ދެ ކުޅުންތެރިންގެ ތެރެއިން ހުސައިން ޝަރީފް (އޮންލީ) އަކީ މިއަހަރުގެ ޖެނުއަރީ މަހު ތައިލެންޑްގައި ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕްް ފުޓްސަލް މުބާރާތުގެ ތަށި ރާއްޖެއަށް ހޯދައިދިން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭގެ އިތުރުން އަހަރުން ހިސާބުން ޓީމުގައި ދެން ހިމަނާފައިވާ އިބްރާހިމް ރިމާހު (ރިމޭ) އަކީ މިއަހަރު މާލޭގައި ބޭއްވި އޮފީސް ލީގާއި، ކިންގްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާ އެވެ.
ދި ޔުނިޓީ ޗެމްޕިއަންޝިޕަށް އަހަރުން ހިސާބުން ތައްޔާރުވި އިރު އެ ޓީމުން މަސައްކަތްކުރީ މުބާރާތް ކާމިޔާބުކުރެވޭ ފެންވަރުގެ ކުޅުންތެރިން ހޯދުމަށް އެކަންޏެއް ނޫނެވެ. ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށާއި، ޓީމުގެ އެކުލެވުން ރަގަޅުކުރުމަށްވެސް އަހަރުން ހިސާބުން ވަނީ ދުރާލާ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މި މުބާރާތަށް އަޅުގަނޑުމެން ތައްޔާރުވާން ފަށައިފިން މީގެ ދެ މަސް ކުރިން. އެ ހިސާބުން ފެށިގެން ގަވައިދުން ހުރިހާ ކުޅުންތެރިން ގެންދިޔައީ ޕްރެކްޓިސް ކުރަމުން.
އަހަރުން ހިސާބުގެ މެނޭޖަރު އުސްމާން ޖަޒްލާން ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
ޖަޒްލާން ބުނިގޮތުގައި އިއްޔެގެ މެޗުން އެ ފެނުނު ނަތީޖާއަކީ ވަކި ޓީމެއް މާ މޮޅުވެގެން ނުވަތަ ވަކި ޓީމެއް މާ ދަށްވެގެން ނުކުތް ނަތީޖާއެއް ނޫން ކަމަށާއި، އެއީ މިދިޔަ ދެ މަސްދުވަހުން އަހަރުން ހިސާބުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ވަރަށް ގަޔާވެގެން ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރަމުން އައީ. ކުޅުންތެރިން އަމިއްލައަށް ދަނޑު ހޯދަން ކޮންޓްރިބިއުޓްކޮށްގެން. އެ ޕްރެކްޓިސްތަކުގައި ކުރި މަސައްކަތުގެ ނަތީޖާ އަސްލު އިއްޔެ އެ ފެނުނީ." ޖަޒްލާން ބުނެފައިވެ އެވެ.
މިފަހަރުގެ މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކޮށްގެން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ކަށަވަރުކުރެވޭ ގޮތަށް އޮތްއިރު، ފައިނަލުން އެ ޖާގަ ހޯދަން އަހަރުން ހިސާބަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ޗެލެންޖަކަށް ޔަގީނުންވެސް ވާނީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ސަހަރާ ކަންމައްޗެވެ.
https://www.fahuminet.com/tournaments/the-unity-futsal-championship-vilufushi
މިއަދު ހަވީރު ކްލަބް ސަހަރާ ކަންމައްޗާއި ދެކޮޅަށް އަހަރެން ހިސާބުން ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ފައިނަލްގެ އޮޓަމެޓިކް ޖާގަ ޔަގީންވުމާ ގާތަށް ދާނެ އެވެ.
މުބާރާތުގެ ކުރިން ސަހަރާ ކަންމަތީގެ ކޯޗު ރީޝަން ހަސަން ވެސް ބުނެފައިވަނީ މިފަހަރުގެ މުބާރާތުގައި ތަށި ދިފާއުކުރަން އެޓީމަށް ފަސޭހަ ނުވާނެ ކަމަށާއި، އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނެ ކަމަށް ބެލެވޭ އެއް ޓީމަކީ އަހަރުން ހިސާބު ކަމަށެވެ.