ށ. ނޫމަރާގައި މިހާރު ކުރިއަށްދާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗުގައި، އިބްރާހީމް ފުއާދުގެ ހެޓްރިކާ އެކު ކަތިރިއަންސް ބޮޑު މޮޅެއް ހޯދައިފި އެވެ.
ނޫމަރާ ފުޓްސަލް ދަނޑުގައި ކުޅޭ މުބާރާތުގައި މިރޭ ކަތިރިއަންސް މޮޅުވީ ފެލްކަން ސްޕޯޓްސް ކްލަބާ ވާދަކޮށް 7-1 އިންނެވެ.
މެޗުގެ ތަރިއަކަށްވީ ހެޓްރިކް ހެދި ފުއާދު އެވެ. ފުއާދު ގޯލުތައް ޖެހީ މެޗުގެ 4، 19 އަދި 36 ވަނަ މިނެޓުގަ އެވެ. އެޓީމުގެ އަނެއް ހަތަރު ގޯލު ޖެހީ އިބްރާހީމް ފަހުމީ އާއި އިބްރާހީމް އައިމަން އެވެ. ފަހުމީ ދެ ގޯލު ޖެހީ 8 ވަނަ މިނެޓާއި 33 ވަނަ މިނެޓުގަ އެވެ. އައިމަން ގޯލު ޖެހީ 10 އަދި 27 ވަނަ މިނެޓުގަ އެވެ.

ފެލްކަންގެ ހަމައެކަނި ގޯލު މެޗު ފެށިގެން 3 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ރާއިދު އެވެ. ފެލްކަން އަކީ ނޫމަރާގައި ތިބި ޒުވާން ކުޅުންތެރިންނާ އެކު ނެރުނު ޓީމެކެވެ. އަނެއްކޮޅުން ކަތިރިއަންސް އަކީ އެންމެ ފަހުގެ ދެ މުބާރާތުގެ ފައިނަލުގައި ބަލިވުމާ އެކު، ސީދާ ތައްޓަށް އަމާޒުކޮށްގެން މިފަހަރު ވަރުގަދަކުރި ޓީމެކެވެ. އެހެންވެ ފުރަތަމަ މެޗުގައި ހޯދި ބޮޑު މޮޅާ އެކު އެޓީމަކީ ނުރައްކާ އޮތް ޓީމެއްކަން މިވަނީ ސާބިތުކޮށްދީފަ އެވެ.
https://www.fahuminet.com/tournaments/noomaraa-council-futsal-tournament
ނޫމަރާ ކައުންސިލް ކަޕްގައި ވާދަކުރަނީ ހަތަރު ޓީމެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ލިބެނީ ލީގު ބުރެއް ކުޅުމަށް ފަހު އެއް ވަނަ ލިބޭ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ހޯދަން ނުކުންނާނީ ދެ ވަނަ އަދި ތިން ވަނަ ޓީމެވެ.
ދުވާލަކު އެއް މެޗު ކުޅޭ ނޫމަރާ ފުޓްސަލް މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ، ކަތިރިއަންސް ޖޫނިއާސް އާއި ފެލްކަން އެވެ.