ތ. ވިލުފުށި ކައުންސިލުން އިންތިޒާމުކުރާ ދި ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގެ ކުޅުން މިއަދު ހަވީރު ފެށިއިރު، އެންމެ ފަހުގެ ޗެމްޕިއަން ސަހަރާ ކަންމައްޗާއި އަހަރުން ހިސާބުން ބޮޑު މޮޅެއް ހޯދައިިފި އެވެ.
ވިލުފުށީގެ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ ދެ މެޗު އެރަށު ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ވަނީ ކުޅެފަ އެވެ.
ފުރަތަމަ މެޗުގައި ސަހަރާ ކަންމަތިން ވަނީ އިމްޕީރިއަމް ސްޕޯޓްސް ކްލަބާ ވާދަކޮށް 1-8 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ޔުނައިޓެޑް މަރުހަބާއާ ވާދަކޮށް އަހަރުން ހިސާބު މޮޅުވީ 15-0 ގެ ބޮޑު ތަފާތަކުންނެވެ.
ފުރަތަމަ މެޗުގައި ސަހަރާ ކަންމަތިން ޖެހި 8 ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) އެވެ. އަދި އެޓީމުގެ މައިސަމް މުހައްމަދު ދެ ގޯލު ޖެހި އެވެ. އެޓީމަށް ދެން ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ރިޝާމް އާއި ހުސައިން ރިފާއު އެވެ. އިމްޕީރިއަމްގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ހާފިޒެވެ.
ހަތަރު ގޯލާ އެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހާއްޕެ ހޯދި އެވެ. ވިލުފުށީ މުބާރާތަށް ހާއްޕެ ދިޔައީ މިދިޔަ ހަފްތާ ކ. ގާފަރުގައި އޮތް ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ސަހަރާ ކަންމަތި ބެލެވުނަސް، ދެ ވަަނަ މެޗުގައި 15 ގޯލުގެ މޮޅެއް ހޯދައި އަހަރުން ހިސާބުން ދިނީ ވަރުގަދަ މެސެޖެކެވެ.
މެޗުގައި ޖެހި 15 ގޯލުގެ ތެރެއިން މަޝްހޫރު ފުޓްސަލް ތަރި ހުސައިން ޝަރީފް (އޮންލީ) ވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި އެޓީމުގެ އަބްދުﷲ ފައުޒާން އާއި އަހުމަދު ރައްޔާން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ގޯލު ޖެހީ ފުޓްސަލް ތަރި އިބްރާހީމް ރިމާހު (ރިމޭ) އާއި ސަލްމާން ސަދީފްގެ އިތުރުން މޫސާ މައުމޫން، އަހުމަދު އަޔާސް އަރީން އަދި އީސާ ޝައިމް ޒަމީމް އެވެ. މެޗުގައި ޔުނައިޓެޑް މަރުހަބާގެ ހުސައިން ޝަހުމީ އާއި އިސްމާއީލް ޝަފީން އަތުން ބައިކޮޅަށް ދެ ގޯލު ވަނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮންލީ އެވެ.
ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ވެސް ދެ މެޗު ކުޅޭނެ އެވެ. ހަވީރު 3:45 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް މަރުހަބާ އާއި ސަންދަރަ ގޯޅި އެވެ. ހަވީރު މެޗުގައި ވާދަކުރާނީ މިއަދު ބޮޑު ދެ މޮޅު ހޯދި ސަހަރާ ކަންމަތި އަދި އަހަރުން ހިސާބެވެ.
https://fahuminet.com/tournaments/the-unity-futsal-championship-vilufushi
މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.