DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ އިން ކުރިއެރުން ހޯދިއިރު، ނިއު އަށް އަނެއްކާވެސް ބުރަކި ޖައްސަން ޖެހިއްޖެ
މާޒިޔާ އިން ކުރިއެރުން ހޯދިއިރު، ނިއު އަށް އަނެއްކާވެސް ބުރަކި ޖައްސަން ޖެހިއްޖެ
ޓީސީ ކޮޅަށް ގޯލު ޖެހުމަށް ފަހު ފޭދޫ އިއްބެ އުުފާފާޅުކުރަނީ. މާޒިޔާ އިން ލީގުގައި އިއްޔެ ހޯދީ މުހިއްމު މޮޅެއް. ފޮޓޯ: އެފްއޭއެމް

މާޒިޔާ އިން ކުރިއެރުން ހޯދިއިރު، ނިއު އަށް އަނެއްކާވެސް ބުރަކި ޖައްސަން ޖެހިއްޖެ

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން • 16 އޮކްޓޫބަރު 2026

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޓީސީ ސްޕޯޓްސް ބަލިކުރިއިރު، މާޒިޔާއާ ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ރޭ އޮޑި ސްޕޯޓްސް ކްލަބާ ވާދަކުރި އެއްވަރުވެއްޖެ އެވެ. 

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން ޓީސީ ސްޕޯޓްސް ބަލިކުރީ 0-3 އިންނެވެ. މި މެޗުގައި މާޒިޔާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ބިދޭސީ ކުޅުންތެރިޔާ ނިމެންޔާ ރަވްކޮވިޗް އަދި ބެންޔަމިން ތޯމަސް ކޫކޫ އެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފޭދޫ އިއްބެ އެވެ. 

ލީގުގެ މި މެޗުގެ ކުރިން މާޒިޔާ އިން ވިކްޓްރީއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންވެ ލީގުގައި ކުރިއަށް ޖެހިލަން އިއްޔެގެ މެޗުގައި ޓީސީ ބަލިކުރުން އެޓީމަށް މުހިއްމުވި އެވެ. 

ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް އެއްވަރުވި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް
ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް އެއްވަރުވި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނިއު ރޭޑިއަންޓް ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މި މެޗުގެ ކުރިން މިދިޔަ ހަފްތާ ހއ. ދިއްދޫގައި އެރަށާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިއު ނިންމާލީ 2-2 ގެ ނަތީޖާއަކުންނެވެ. އެހެންވެ ޖެހިޖެހިގެން ދެ މެޗުގައި އެއްވަރުވުމާ އެކު ނިއުގެ ޓާގެޓަށް ދިއުމަށް ކުރާ މަސައްކަތުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. 

ރޭގެ މެޗުގައި އޮޑި ސްޕޯޓްސް އަށް ފުރަތަމަ ގޯލު ޖަހައިދިނީ އަހުޒަމް ރަޝީދު އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ނިއު ރޭޑިއަންޓަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ފޯވާޑް ޑޮރިއެލްޓަން ގޮމޭސް އެވެ. 

އޮޑިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 57 ވަނަ މިނެޓުގައި މުޒްދާން ހަސަން ޖެހި ގޯލުންނެވެ. މި ލީޑުގައި އޮވެ އޮޑި މޮޅުވާން ދަނިކޮށް ނިއު އަށް ނަތީޖާ ހަމަހަމަކޮށްދިނީ 88 ވަނަ މިނެޓުގައި ޑިފެންޑަރު އަމްދާން އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮޑި ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ މާވިން ލެބީ އެވެ. 

އިއްޔެގެ މެޗުތަކަށް ފަހު މާޒިޔާ ވަނީ 7 ޕޮއިންޓާ އެކު ފަސް ވަނަ އަށް ކުރިއަށްޖެހިލާފަ އެވެ. ނިއު ރޭޑިއަންޓް 8 ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ. އޮޑި ސްޕޯޓްސް އޮތީ 7 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. މި ތިން ޓީމު ވެސް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. 

މާޒިޔާ އަތުން ބަލިވި ޓީސީ ސްޕޯޓްސް 3 ޕޮއިންޓާ އެކު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. 

https://www.fahuminet.com/tournaments/dhivehi-premier-league-202627

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅޭނީ ތާވަލުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އާއި ހަތް ވަނައިގައި އޮތް ދިއްދޫ އެވެ. މި މެޗު ކުޅޭނީ ދިއްދޫ ދަނޑުގަ އެވެ.

މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ އެއް ވަނައިގައި އޮތް ވިކްޓްރީ ފަހަތަށް ޖައްސާލައި އީގަލްސް އަށް އެއް ވަނަ އަށް އެރޭނެ އެވެ. އަނެއްކޮޅުން އީގަލްސް ބަލިކޮށްފި ނަމަ ދިއްދޫ އަށް ތާވަލުގައި ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Predict
Settings