ށ. ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފޭދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް މިރޭ ފަށާއިރު މުބާރާތުގައި ބައިވެރިވާ ފަސް ޓީމުގެ ތެރޭގައި ގިނައީ މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފް ހޯދައިފައިވާ ޓީމުތަކެވެ. އޭގެ ތެރެއިން އެއް ޓީމަކީ ފޭދޫ ކައުންސިލް ކަޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރި ބަފަނަ ސްޕޯޓްސް ކްލަބެވެ.
ފޭދޫ ކައުންސިލް ކަޕް 2022 ވަނަ އަހަރު އުފަންވުމުގެ ކުރިން ވެސް ބަފަނައިން ވަނީ ރަށު ފެންވަރުގައި ބާއްވަމުން އައި ފުޓްސަލް މުބާރާތްތަކުން ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ފޭދޫ ނުފޫޒް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ރަށުގައި ބާއްވަމުން އައި ފޯރިގަދަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފައިވާ ބަފަނައިން ކައުންސިލް ކަޕްގެ ފުރަތަމަ މުބާރާތުގައި އެ ކާމިޔާބީ ތަކުރާރު ކުރި ނަމަވެސް އޭގެ ފަހުން އެ ޓީމުގެ ނަން މުބާރާތުން އައީ ފަނޑުވަމުންނެވެ.
ކައުންސިލް ކަޕްގެ ދެ ވަނަ މުބާރާތުގެ ސެމީ ފައިނަލްގައި އެފަހަރުގެ ޗެމްޕިއަން ކްލަބް ޑާކްވުޑް އަތުން ވީ ބައްޔާއެކު ކައުންސިލް ކަޕުން ގެއްލުނު ބަފަނައިން އަލުން މުބާރާތަށް އެނބުރި އެއައީ ފޭދޫގެ ފުޓްސަލްގައި އަނެއްކާ ވެސް ގަދަ ބާރަކަށް ވުމުގެ ފޮނި އުންމީދާ އެކު އެވެ.
މީގެ 11 އަހަރު ކުރިން ވުޖޫދުވި ބަފަނަ ސްޕޯޓްސް ކްލަބުން މިފަހަރުގެ ކައުންސިލް ކަޕަށް ނެރެން ތައްޔާރުކޮށްފައިވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއި، ޒުވާން ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. ފޭދޫގެ ފުޓްބޯޅައިގައި މީގެ ކުރިން އެންމެ ނަން ހިނގާ ކުޅުންތެރިންގެ ގޮތުގައި ތިބި އަލީ ނަސީރު މޫސާ އާއި އަބްދުއްލަތީފް މުހަންމަދު ބަފަނަ ޓީމުގައި މިފަހަރު ހިމަނައިފައިވާއިރު ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ބަފަނައިން ވަނީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ގުނޭނެ ދެ ކުޅުންތެރިއަކު ވެސް ހިމަނައިފަ އެވެ.
ބަފަނައިން މިފަހަރުގެ މުބާރާތަށް ރަށުން ބޭރުން ގެނައި ދެ ކުޅުންތެރިންގެ ތެރެއިން ތިމަރަފުށްޓަށް އުފަން އިސްމާއިލް މުނީޒްއަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ މަގްބޫލް ފުޓްސަލް މުބާރާތްތަކުގައި ގިނަ އަހަރުތަކެއް ވަންދެން އެއް ފެންވަރެއްގައި ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ފުންނާބު އުސް ކުޅުންތެރި އެކެވެ. މީގެ އިތުރުން އެ ޓީމުގައި ދެން ހިމަނާފައިވާ މުހައްމަދު ޝާއިން (ޝައިންޓޭ) އަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް މިއަހަރު ކާމިޔާބު ކުރި ނައިވާދޫ ޓީމަށް މި މަހު ނިމުނު އެފްއޭއެމް ޒޯން ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރި އެކެވެ.
ކައުންސިލް ކަޕަށް ނުކުންނައިރު އަހަރުމެންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ޓީމުގައި ފޭދޫގެ ފުޓްބޯޅައިގައި އެންމެ ތަޖުރިބާހުރި ދެ ކުޅުންތެރިންނާ އެކު ރާއްޖޭގެ މޮޅު ދެ ފުޓްސަލް ކުޅުންތެރިން ތިބުން. މި ހަތަރު ކުޅުންތެރިންގެ އެހީތެރިކަމާއެކު މުބާރާތުގައި ރަގަޅު ނަތީޖާއެއް ހޯދޭނެ ކަމަށް މި އުންމީދު ކުރަނީ ބަފަނަ ސްޕޯޓްސް ކްލަބްގެ މެނޭޖަރު ހަސަން ރިޝްފާން
"ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
ރިޝްފާން ފާހަގަކުރި ގޮތުގައި މިފަހަރުގެ މުބާރާތް ވަރަށް ވާދަވެރި މުބާރާތަކަށް ވާނެ ކަމަށް ބެލެވޭ ކަމަށާއި، ކަން އެހެން އޮތް ކަމުގައިވިޔަސް ބަފަނައިގެ އަމާޒަކީ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކުރުން ކަމަށެވެ.
"މި ޓީމުގައި އެބަތިބި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ޓީމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިއަކުވެސް. އަދި، ބަފަނައިގެ ޖޫނިއާ ޓީމުން އައިސް ތިބި ދެ ކުޅުންތެރިއަކު ވެސް އެބަ ހިމެނޭ. މި ހުރިހާ ކުޅުންތެރިންނާއި ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ މަސައްކަތުން އެ ހިސާބަށް ދެވޭނެ ކަމަށް އަހަރެމެން މި ބަލަނީ." ރިޝްފާން ބުންޏެވެ.
https://fahuminet.com/tournaments/sh-feydhoo-council-cup-2026
މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ފޭދޫ ކައުންސިލް ކަޕްގައި ބަފަނައިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ މި މުބާރާތުގައި މިފަހަރު މުޅިން އަލަށް ބައިވެރިވި އެޑީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކުޅިވަރަށް ލޯބިކުރާ ހަތަރު އެކުވެރިއަކު އިސްނަގައިގެން 2015 ވަނަ އަހަރު އުފެއްދި ބަފަނަ ސްޕޯޓްސް ކްލަބުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރަށަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއްވެސް ކުރިއަށްގެންގޮސްފަ އެވެ.