ވިލުފުށީގައި މިހާރު ކުރިއަށްދާ ދަ ޔުނިޓީ ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން ސަނދަރަ ގޯޅި އާއި ސަހަރާ ކަންމަތި މޮޅުވެއްޖެ އެވެ.
މިއަދު ހަވީރު ފުރަތަމަ ކުޅުނު މެޗުގައި ސަނދަރަ ގޯޅިން ޔުނައިޓެޑް މަރުހަބާ ބަލިކުރީ 8-1 އިންނެވެ. މިއީ ސަނދަރަ ގޯޅި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގައި އެޓީމުގެ 8 ގޯލުގެ ތެރެއިން މުހައްމަދު ޝާން ވަނީ ހަތަރު ގޯލު ޖަހައި ހެޓްރިކް ވެސް ފުރިހަމަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ޝާން އެވެ. ޝާންގެ ހަތަރު ގޯލުގެ ތެރެއިން އެއް ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
ސަނދަރައިގެ ބާކީ ގޯލުތައް ޖެހީ، ހާތިމް އިފްރާހު އާއި އިބްރާހީމް އަޝްހަމް އަބްދުﷲގެ އިތުރުން އަހުމަދު ގާބިލް އަދި ހުސައިން ޒުހޫރު އިސްމާއީލް އެވެ. ޔުނައިޓެޑް މަރުހަބާގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ސުހައިލް އެވެ.

ހަވީރު ކުޅުނު ދެ ވަނަ މެޗުގައި ބައްދަލުކުރީ މުބާރާތަށް އެންމެ ވަރުގަދަކޮށް ތައްޔާރުވި، އަދި އެންމެ ވާދަވެރި ދެ ޓީމެވެ. އަހަރުން ހިސާބާ ވާދަކޮށް ސަރަހާ ކަންމަތި މި މެޗު ކާމިޔާބުކުރީ 1-2 އިންނެވެ.
މެޗުގައި ސަހަރާ ކަންމަތީގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ އަލީ ހާފިޒް (ހާއްޕެ) އެވެ. އޭގެ ދެ މިނެޓު ފަހުން ދެ ވަނަ ގޯލު ޖެހީ އިބްރާހީމް ރިޝާމް އެވެ. އަހަރުން ހިސާބުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ އިބްރާހީމް ރިމާހު (ރިމޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހާއްޕެ އެވެ.
ލީގު އުސޫލުން ކުޅޭ މުބާރާތުގެ އެއް ވަނައިގައި މިވަގުތު އޮތީ ދެ މެޗު ވެސް ކާމިޔާބުކުރި ސަހަރާ ކަންމައްޗެވެ. ދެ މެޗުން މޮޅުވުމާ އެކު ލީގު ބުރުގެ އެއް ވަނަ ހޯދައި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރުމުގެ އަމިއްލަ ބާރު އެޓީމަށް ވަނީ ލިބިފަ އެވެ.
ދެ ވަނައިގައި އޮތް އަހަރުން ހިސާބާއި ތިން ވަނައިގައި އޮތް ސަނދަރަ ގޯޅި އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެކަމަކު ސަނދަރަ އަދި ކުޅުނީ އެއް މެޗެވެ. ހަތަރު ވަނައިގައި އޮތް އިމްޕީރިއަމް އާއި ފުލުގައި އޮތް ޔުނައިޓެޑް މަރުހަބާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
https://fahuminet.com/tournaments/the-unity-futsal-championship-vilufushi
މުބާރާތުގައި މާދަމާ ހަވީރު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އިމްޕީރިއަމް އާއި އަހަރުން ހިސާބު ވާދަކުރާއިރު ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ސަހަރާ ކަންމަތި އަދި ސަނދަރަ ގޯޅި އެވެ.