DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ތާރީހީ ލީގު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފި
ތާރީހީ ލީގު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފި
ގައްދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ނިއު ރޭޑިއަންޓް ކުޅުންތެރިން އުފާފާޅުކުރަނީ. މިއީ މާލޭން ބޭރުގައި ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ކުޅުނު ފުރަތަމަ ފަހަރު. ފޮޓޯ: އެފްއޭއެމް

ތާރީހީ ލީގު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 13 ސެޕްޓެމްބަރު 2026

ރާއްޖޭގެ ތާރީހުގައި އަތޮޅުތެރޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ކުޅުނު ދިވެހި ޕްރިމިއާ ލީގު މެޗު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ. 

ދިވެހި ޕްރިމިއާ ލީގުގެ ތާރީހުން ޖާގަ ހޯދި މެޗު ކުޅުނީ އިއްޔެ ހަވީރު ގދ. ގައްދޫގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގަށް އަލަށް ކޮލިފައިވި ގައްދޫއާ ދެކޮޅަށް ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ 2-0 އިންނެވެ. 

ގައްދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދީ އަތޮޅުތެރޭގެ ޓީމުތައް ހިމެނޭހެން ކުޅުނު ކޮލިފައިން ބުރުން މޮޅުވެގެންނެވެ. 

ގައްދޫ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. އެރަށުން ބެހެއްޓި މެހެމާންދާރީއަށް ނިއު ރޭޑިއަންޓުން ވަނީ ޝުކުރުއަދާކޮށްފަ. ފޮޓޯ: އެފްއޭއެމް
ގައްދޫ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. އެރަށުން ބެހެއްޓި މެހެމާންދާރީއަށް ނިއު ރޭޑިއަންޓުން ވަނީ ޝުކުރުއަދާކޮށްފަ. ފޮޓޯ: އެފްއޭއެމް

ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗަށް އެރަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ފުރަތަމަ މި މެޗު ކުޅޭގޮތަށް ހަމަޖެއްސީ ހުކުރު ދުވަހު އެވެ. އެކަމަކު އެދުވަހު ވިއްސާރަވެ މެޗު ކުރިއަށްގެންދެވޭގޮތް ނުވުމުން ހޮނިހިރު ދުވަހަށް ބަދަލުކުރީ އެވެ. 

ތާރީހީ މެޗުގައި ނިއު ރޭޑިއަންޓުގެ ދެ ގޯލު ވެސް ޖެހީ އެޓީމުގެ ބިދޭސީ ފޯވާޑް ޑޮރިއެލްޓަން ގޮމޭސް އެވެ. ޑޮރިއެލްޓަން ފުރަތަމަ ގޯލު 8 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. 

ގައްދޫ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. ފޮޓޯ: އެފްއޭއެމް
ގައްދޫ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. ފޮޓޯ: އެފްއޭއެމް

ގައްދޫ އަށް ބޮޑު ސަޕޯޓެއް އޮތް މެޗުގެ ދެ ވަނަ ހާފުގައި އެޓީމުން ވަނީ ނިއު ރޭޑިއަންޓް އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. 

ގައްދޫގައި ކުޅުނު މެޗަށް ނިއު ރޭޑިއަންޓް ދިއުމުން އެރަށުން ކީ މަރުހަބާ އަށް ނިއު ރޭޑިއަންޓުން ވަނީ ޝުކުރުއަދާކޮށްފަ އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި 10 ޓީމު ކުޅޭއިރު އަތޮޅުތެރެއިން ހިމެނެނީ ގައްދޫގެ އިތުރުން ހއ. ދިއްދޫ އެވެ. ދިއްދޫ ވަނީ ފުރަތަމަ މެޗުގައި ރޭ ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށްފަ އެވެ. 

ކޮމެންޓްސް

Matches
8
Ongoing
1
Upcoming
Predict
Settings