އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ބްރޫނާއީ ދާރުއްސަލާމް ބަލިކޮށްފި އެވެ.
މިޔަންމާގައި ކުރިއަށްދާ މި ގްރޫޕުގެ ފުރަތަމަ މެޗުގައި މިޔަންމާއިން ވަނީ 4-0 އިން ސްރީ ލަންކާ ބަލިކޮށްފައެވެ.
މި ފަހަރުގެ އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު މުބާރާތް ކުރިއަށްދަނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް ވަކިންނެވެ. ރޭންކިންގެ ދަށުގައިވާ ގައުމުތައް ވާދަކުރާ ޑިވެލޮޕްމަންޓް ފޭސްގެ ތިން ގްރޫޕުގެ ތެރެއިން ރާއްޖެ ހިމެނޭ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ދެން އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސްއިން ޖާގަ ލިބިގެންދާނެއެވެ.

ރާއްޖޭގެ ޒުވާން ޓީމުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި ޖެހީ ޒުވާން ތަރި އީތަން އިބްރާހީމް ޒަކީ އެވެ. ދެ ވަނަ ގޯލު 31 ވަނަ މިނެޓުގައި ޖެހީ ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ. މި ދެކުޅުންތެރިންނަކީ ވެސް މިހާރު ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ މޮޅު ދެ ކުޅުންތެރިންނެވެ.
މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަނުގައި އިލާން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅޭއިރު އީތަން ކުޅެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ.
https://www.fahuminet.com/tournaments/afc-u20-asian-cup-2027-qualifiers
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެ ވަަނ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ގްރޫޕުގެ ފަހު މެޗުގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އާދީއްތަ ދުވަހު އެވެ. މިޔަންމާ އަކީ މި ގްރޫޕުގެ މެޗުތައް ހޯސްޓްކުރާ ގައުމެވެ.