ށ. ފޭދޫ ކައުންސިލް ކަޕްގެ ލީގު ބުރުގެ ކުޅުން މިރޭ ނިމިއްޖެ އެވެ.
މިރޭ ފަހު ދެ މެޗު ކުޅުނުއިރު ފުރަތަމަ ކުޅުނީ ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރަން ކުޅޭ ސެމީ ފައިނަލް މެޗުގައި ވާދަކުރާނެކަން ޔަގީންވެފައިވާ އެންބްލެކް އެފްސީ އާއި ބަފަނަ ސްޕޯޓްސް ކްލަބެވެ. މި ދެޓީމުގެ ކުރިމަތިލުން 2-8 އިން ކާމިޔާބުކުރީ އެންބްލެކެވެ.
މިރޭގެ މެޗުގައި އެންބްލެކުގެ އަހުމަދު އަފްލާޒް އާއި ހަސަން ނިޝާހު ވަނީ ހެޓްރިކް ހަދައިފަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން ހުސައިން ސާވިން ވެސް ގޯލު ޖެހި އެވެ. އަނެއް ގޯލަކީ ބަފަނައިގެ މުހައްމަޒު ނަވީޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބަފަނައިގެ ދެ ގޯލު ޖެހީ އިސްމާއީލް މުނީޒް އާއި އަބްދުއްލަތީފް މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަފްލާޒެވެ. މިހާތަނަށް ޖެހި 12 ގޯލާ އެކު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް ހުނަރުވެރި ފުޓްސަލް ތަރި އަފްލާޒް އެވެ.
ލީގު ބުރުގެ ފަހު މެޗުގައި ވާދަކުރީ މެޗަށް ނުކުތްއިރު ވެސް މުބާރާތުން ކަޓާފައިވާ އެޑީ ސްޕޯޓްސް ކްލަބާއި ޑާކް ވުޑް ސްޕޯޓްސް ކްލަބެވެ. މި މެޗު 4-6 އިން ކާމިޔާބުކުރީ އެޑީ ސްޕޯޓްސް ކްލަބެވެ. މެޗުގައި އެޑީ ސްޕޯޓްސްގެ އަލީ އަލްސަން ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އެޓީމުގެ މުހައްމަދު އަރުޝަދު ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ އަހުމަދު މާކިން މައުރޫފް އެވެ.

ޑާކް ވުޑް ސްޕޯޓްސް ކްލަބުގެ ހަތަރު ގޯލުގެ ތެރެއިން ހުސައިން ޝާމިހު ދެ ގޯލު ޖެހި އެވެ. ދެން ގޯލު ޖެހީ އާދަމް އަފްރާޒް އާއި މުހައްމަދު ސާމިހު ފަތުހުﷲ އެވެ.
ލީގު ބުރުގެ އެއް ވަނަ ހޯދީ ހަތަރު މެޗުން ވެސް މޮޅުވި ކްލަބް ޑާކް ވުޑް އެވެ. އެއް ވަނަ މަގާމާ އެކު ފައިނަލުގެ ސީދާ ޖާގައެއް އެޓީމަށް ވަނީ ލިބިފަ އެވެ. ދެ ވަނަ ލިބުނީ 9 ޕޮއިންޓް ހޯދި އެންބްލެކަށެވެ. ތިން ވަނަ ލިބުނީ 6 ޕޮއިންޓާ އެކު ބަފަނަ ސްޕޯޓްސް ކްލަބަށެވެ. ފައިނަލުގެ ޖާގައަކަށް މި ދެޓީމު ނުކުންނާނީ އަންގާރަ ދުވަހުގެ ރެ އެވެ. އެހެންވެ މިރޭގެ މެޗަކީ އެމެޗުގެ ކުރިން ދެޓީމުގެ ތައްޔާރީ މެޗެކެވެ.
ލީގު ބުރުގެ ހަތަރު ވަނަ ލިބުނީ 3 ޕޮއިންޓާ އެކު އެޑީ ސްޕޯޓްސް ކްލަބަށެވެ. ފުލަށް ދިޔައީ ހަތަރު މެޗުން ވެސް ބަލިވި ޑާކް ވުޑް ސްޕޯޓްސް ކްލަބެވެ.
https://www.fahuminet.com/tournaments/sh-feydhoo-council-cup-2026
މަޝްހޫރު ފުޓްސަލް ތަރިން ވެސް ކުޅެމުން އަންނަ ފޭދޫ ކައުންސިލް ކަޕްގެ ވާދަވެރި ސެމީ ފައިނަލް މެޗު ބުދަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ.