ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ކިރްގިސްތާނާއި ލެބަނަންއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
ކިރްގިސްތާންގެ ބިޝްކެކްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތަކުގެ ތެރެއިން ރާއްޖެއިން ކިރްގިސްތާނާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ދެވަނަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހު ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.
ފީފާއިން އަންނަ މަހު ކަނޑައަޅާފައިވާ ބްރޭކް ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް އޮތްއިރު، މި މަހުގެ 10 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ކަލަންޑަރުގައިވާ ގޮތުން ގައުމީ ޓީމުގެ ބްރޭކް އޮންނާނީ މި މަހުގެ 25 އިން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ރާއްޖެ މޮޅުވެފައިވާއިރު، އެންމެ ފަހުން 2014 ގެ އޭއެފްސީ ޗެލެންޖު ކަޕްގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ދެ ލަނޑުން ރާއްޖެ ވަނީ 2-0 އިން މޮޅުވެފަ އެވެ.
މީގެ ކުރިން ލެބަނަންއާ ދެކޮޅަށް ކުޅުނު ފަސް މެޗުންވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. އެގޮތުން އެންމެ ފަހުން 2023 ގެ ސާފް ޗެމްޕިއަންޝިޕްގައި ލެބަނަންއިން ވަނީ 1-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކީ އިސްތަވާން އުރުބާނީ އެވެ. އެކުވެރިކަމުގެ ދެ މެޗަށް ފަހު ގައުމީ ޓީމު ދެން ނުކުންނާނީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށެވެ.
ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅޭ ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ޕާކިސްތާނާއެކު އެއް ގްރޫޕެއްގަ އެވެ.
ރާއްޖެ އެންމެ ފަހުން ކުޅުނު ރަސްމީ މުބާރާތަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން އެވެ. ކޮލިފައިންގައި ކުޅުނު ހަ މެޗުން ރާއްޖެ އަށް ލިބުނީ އެންމެ މޮޅެކެވެ. އެ މޮޅު ހޯދީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ އެކު ހިމެނުނީ ޓިމޯ ލެސްޓޭގެ އިތުރުން ތަޖިކިސްތާން އަދި ފިލިޕީންސް އެވެ.
ކޮލިފައިންގެ އިތުރުން މި އަހަރުގެ ޖޫން މަހު ރާއްޖޭގައި ވަނީ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތެއް ބާއްވާފަ އެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުޅުނު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ވަނީ ކަޓައިފަ އެވެ.