DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފޭދޫ ކައުންސިލް ކަޕް: ސެމީ ފައިނަލަށް ނުކުންނައިރު އެންބްލެކާއި ބަފަނަ ވެސް ބޮޑު އުންމީދެއްގައި
ފޭދޫ ކައުންސިލް ކަޕް:  ސެމީ ފައިނަލަށް ނުކުންނައިރު އެންބްލެކާއި ބަފަނަ ވެސް ބޮޑު އުންމީދެއްގައި
އެންބްލެކާއި ބަފަނަ ލީގު ބުރުގައި ވާދަކުރި މެޗުގެ ތެރެއިން. ސެމީގެ ވާދަވެރި މެޗު މިރޭ ކުޅޭނެ. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ފޭދޫ ކައުންސިލް ކަޕް: ސެމީ ފައިނަލަށް ނުކުންނައިރު އެންބްލެކާއި ބަފަނަ ވެސް ބޮޑު އުންމީދެއްގައި

ފަހުމިނެޓް
ފަހުމިނެޓް
18 ގަޑިއިރު ކުރިން • 21 އޮކްޓޫބަރު 2026

މިހާރު ކުރިއަށްދާ ށ. ފޭދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ އެންބްލެކް އެފްސީ އާއި ބަފަނަ ސްޕޯޓްސް ކްލަބް ވާދަކުރާއިރު މިއީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދަން އެންބްލެކް ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް އިމްތިހާނަށް ވާނެ އެވެ.

ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުން އަންނަ ފޭދޫ ކައުންސިލް ކަޕް ރޭވިފައި އޮތް ގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދި ކްލަބް ޑާކްވުޑަށް އިތުރު މެޗެއް ނުކުޅެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެފައިވާއިރު އެންބްލެކާއި، ބަފަނައަށް ސެމީ ފައިނަލުން ފުރުސަތު ލިބިފައި ވަނީ ގްރޫޕް ސްޓޭޖުން ދެވަނަ އަދި ތިންވަނަ އަށް އައި ޓީމުގެ ގޮތުގަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު ވާދަކުރި މެޗު 2-8 އިން އެންބްލެކް ކާމިޔާބުކޮށްފައިވިޔަސް އެ މެޗާ ނުކުތް އިރު ދެ ޓީމަށްވެސް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފައި އޮތުމުން އެ މެޗު އެއްވެސް ޓީމަކުން ސީރިއަސްކޮށް ނެގި ކަމަކަށް ނުބެލެވެ އެވެ.

ފޭދޫ ކައުންސިލް ކަޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފައިވާ ބަފަނައާ ދެކޮޅަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެންބްލެކް މިރޭ ނުކުންނައިރު އެ ޓީމުގެ ނަތީޖާތައް މިފަހަރުގެ މުބާރާތުގައި ފެންނަން ހުރީ ބަފަނައަށްވުރެ މާ ބޮޑަށްވެސް ރަގަޅަށެވެ. މުބާރާތުގައި މިހާތަނަށް އެންބްލެކް ބަލިވެފައި ވަނީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލްގެ ޖާގަ ކަށަވަރުކުރި ކްލަބް ޑާކްވުޑް އަތުން އެކަންޏެވެ. މުބާރާތުގައި އެންބްލެކުން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި 25 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ 10 ގޯލެވެ.

އަނެއް ކޮޅުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިފަހަރުގެ މުބާރާތަށް އަލުން އެނބުރި އައި ބަފަނައިން މުބާރާތުގައި ކުޅުނު ދެ މެޗުގައި ރަގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ފަހު ދެ މެޗުގައި އެ ޓީމަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. މުބާރާތުގައި ޖުމްލަ 16 ގޯލް ބަފަނައިން ކާމިޔާބުކޮށްފައިވީ ނަމަވެސް އެ ޓީމު ކޮޅަށް 20 ގޯލް ވަނީ ވަދެފަ އެވެ. ނަތީޖާތައް އެހެން ހުއްޓަސް ބަފަނައިގެ މެނޭޖަރު ހަސަން ރިޝްފާން ހުރީ ޓީމު މުބާރާތުގައި ދައްކަމުން އަންނަ ކުޅުމާ މެދު ހިތްހަމަޖެހިފަ އެވެ.

ދެ އަހަރަށް ފަހު އަލުން އެނބުރި އައިސް ޓީމު ދައްކަމުން އަންނަ ކުޅުމާ ދޭތެރޭ އަޅުގަނޑު ހަމަ ގައިމުވެސް ހިތްހަމަޖެހޭ. ސެމީ ފައިނަލަކީ އަޅުގަނޑުމެން ކަނޑައެޅި އެންމެ ދަށް ޓާގެޓް. ދެން އެންމެ ފަހުން ކުޅުނު މެޗުގަ އަޅުގަނޑުމެން ބެލީ ގިނަ ކުޅުންތެރިންނަށް ރެސްޓް ދޭން ސެމީ ފައިނަލް ޔަގީންވެފަ އޮތީމަ. 

ސެމީ ފައިނަލް މެޗުގެ ކުރިން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ރިޝްފާން ބުންޏެވެ.

ރިޝްފާން ފާހަގަކުރި ގޮތުގައި އެންބްލެކަކީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކަމަށްވުމާއެކު އެ ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، އެކަމަކު ބަފަނައަށް އެއީ ބަލި ނުކުރެވޭނެ ޓީމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އެންބްލެކަކީ ވަރުގަދަ ޓީމެއް. އެ ޓީމުގެ ކުޅުންތެރިން ވަރަށް ފާސްޓް. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންނަށް  ޗެލެންޖް ނުކުރެވޭ ވަރިގެ ޓީމެއް ނޫން. އިރާދަކުރެއްވިއްޔާ ސެމީ ފައިނަލް މެޗުން މޮޅުވެވޭނެ." ރިޝްފާން ބުންޏެވެ.

https://www.fahuminet.com/tournaments/sh-feydhoo-council-cup-2026

މުބާރާތުގެ ތާރީހުގައި ރަން އަކުރުން އެންބްލެކްގެ ނަން ލިޔަން އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާނެ އެންމެ ވަރުގަދަ އެއް އިމްތިހާނަށް މިރޭ އެންބްލެކް ނުކުންނައިރު ރަގަޅު ފޯމެއްގައި އޮތަސް ވިސްނަންޖެހޭ ކަންކަން އެބަހުރި ކަމަށް އެ ޓީމުގެ މެނޭޖަރު އާހިލް އަހްމަދު މުހައްމަދު ވަނީ ފާހަގަކޮށްފަ އެވެ.

މިހާތަނަށް ޓީމު ކުޅެފައިވާ ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްމަހަޖެހޭ. އެކަމަކު ފަހަތަށްދާ ބޯޅަތަކުގައި އެބަ ޖެހޭ މިހާރަށްވުރެ ބޮޑަށް ޓީމުން ވިސްނަން. 

މިރޭގެ ސެމީ ފައިނަލް މެޗުގެ ކުރިން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި އާހިލް ބުންޏެވެ.

އާހިލް ފާހަގަކުރި ގޮތުގައި މިރޭ އިދިކޮޅުން ނުކުންނަ ބަފަނަ އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި ސަމާލުވާންޖެހޭ ބައެއް ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށެވެ. 

"ބަފަނައަށް ކުޅެމުން އަންނަ ޝާއިންޓޭ އަކީ ވަރަށް މޮޅު ކުޅުންތެރި އެއް. އޭނައާ ދޭތެރޭ ވަރަށް ބޮޑަށް އަހަރެމެން ސަމާލުވާން ޖެހޭ." އާހިލް ބުންޏެވެ.

މިރޭ އެންބްލެކާއި ބަފަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ފަށާނީ 8:15 ގަ އެވެ.

 

 

 

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings