ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުތައް ބ. އޭދަފުއްޓާއި އެ އަތޮޅު ތުޅާދޫ އިން ކާމިޔާބުކޮށްފި އެވެ.
ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިއަދު މުބާރާތް ފެށީ ބ. އަތޮޅުގެ މެޗުތަކާ އެކު އޭދަފުށީގަ އެވެ.
އޭދަފުށީ ފުޓްސަލް ސްޓޭޑިއަމްގައި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި އެރަށުން ވަނީ ފަހަތުން އަރައި ގޮއިދޫގެ މައްޗަށް 1-4 އިން ކުރި ހޯދައިފަ އެވެ.
މެޗުގެ ކުރީކޮޅު ލީޑު ނެގީ ގޮއިދޫ އިންނެވެ. އެކަމަކު ކުޅުން ރަނގަޅުކޮށް އޭދަފުށި މެޗު ނިންމާލީ ހަތަރު ގޯލު ޖަހައިގެންނެވެ. އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ މުއާޒް އަލީ އާއި އަހުމަދު ސުހައިލްގެ އިތުރުން މުހައްމަދު ފާސިރު އަދި އިޝާން އިބްރާހީމް އެވެ.
އޭދަފުއްޓަށް ގޯލު ޖަހައިދިން ހަތަރު ކުޅުންތެރިންގެ ތެރެއިން މުއާޒް އަކީ މިއަހަރުގެ އޮފީސް ލީގުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ. ސުހައިލް ވަނީ މިއަހަރު ކުޅުނު ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ފާސިރު އާއި އިޝާން އަކީ ފުޓްބޯޅަ އާއި ފުޓްސަލްގައި ރާއްޖޭގައި މަޝްހޫރު ދެ ނަމެވެ.
ބ. އަތޮޅު ބުރުގެ ދެ ވަނަ މެޗުގައި މިރޭ ތުޅާދޫ ވަނީ ފެހެންދޫއާ ވާދަކޮށް 2-3 ގެ ހަނި ނަތީޖާއަކުން މޮޅުވެފަ އެވެ. މެޗުގައި ތުޅާދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ހުސައިން އާއި އާދިލް އަބްދުއްރަހްމާންގެ އިތުރުން އީމާން އިލިޔާސް އެވެ.
ފެހެންދޫގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ތުޅާދޫގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ ހަސަން ސާޖިދު އެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ބ. އަތޮޅު ބުރުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި އޭދަފުއްޓާއި މާޅޮަސް ވާދަކުރާއިރު، އެރޭ ކުޅޭ މެޗުގައި ތުޅާދޫ ނުކުންނާނީ ދޮންފަނާ ދެކޮޅަށެވެ.
ބ. އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް އޮގަސްޓް 12 ވަނަ ދުވަހު ކުޅޭގޮތަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15 ވަނަ ދުވަހު އެވެ.
https://fahuminet.com/tournaments/fam-b-atoll-futsal-championship
އެފްއޭއެމް އިން ބާއްވާ ފުޓްސަލް ޗެމްޕިއަންޝިޕްގައި މުޅި ރާއްޖޭން 59 ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށްދަނީ އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ޒޯން ބުރު އަދި ރީޖަނަލް ބުރު ކުޅޭ ގޮތަށެވެ. ހަތަރު ރީޖަން އަށް މުޅި ރާއްޖެ ބަހާލާފައިވާއިރު، ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު ވާދަކުރާނީ ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ކްލަބް މޯލްޑިވްސް ކަޕްގައެވެ.