ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ ސްޕޯޓްސް ފިއެސްޓާގެ ބަށި މުބާރާތް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެ އެވެ.
ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފޯރިގަދަ ފުޓްސަލް މުބާރާތް މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ނިމިފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުނިޓީ ރެކްރިއޭޝަން ކްލަބް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އެފްސީ ޔުނީކް ބޯއީޒް އެވެ.
ބަށި މުބާރާތުގެ ކުޅުން މިއަދު ހަވީރު ފަށާއިރު، ހަތަރު ޓީމަކުން މުބާރާތުގައި ވާދަކުރާނެ އެވެ. އެއީ އަޒުމް، ވީރު، އޯކިޑް އަދި ގްރީން ވިންގްސް އެވެ.
ބަށި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ އަޒުމް އާއި ވީރު އެވެ.
ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމުގެ މެޗުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 4:30 ގަ އެވެ.
ށ. ގޮއިދޫ އަކީ ބަށި ކުޅުމުގައި ފާހަގަކޮށްލެވޭ ރަށެވެ. ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވެވި ބަށި މުބާރާތުގެ ސަރަހައްދީ މެޗުތައް 2017 ވަނަ އަހަރު ކުޅުނީ ށ. ގޮއިދޫގަ އެވެ. އަދި އޭގެކުރިން އެރަށުގައި ވަނީ ށ. ކަނޑިތީމު ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި ބަށި މުބާރާތެއް ވެސް ބާއްވައިފަ އެވެ.
ކައުންސިލް މައުލޫމާތުދިން ގޮތުގައި، ށ. ގޮއިދޫގައި ބަށި މުބާރާތެއް ބާއްވަން ނިންމީ، އަންހެން ކަނބަލުންގެ މެދުގައި ކުރިން އޮތް ޖޯޝާއި ފޯރި އަލުން ގެނައުމަށެވެ.
އެރަށުގައި ސްޕޯޓްސް ފިއެސްޓާއެއް ބޭއްވުމުގެ މަގްސަދަކީ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި ކުޅިވަރު ކުޅުމަށް ލޯބި ޖެއްސުމާއި، ހުނަރު ތަރައްގީކުރަން ފުރުސަތު ފަހިކޮށްދީ، ސިއްހީގޮތުން ދުޅަހެޔޮކަން އާލާކުރުން ކަމަށް ށ. ގޮއިދޫ ކައުންސިލުން ބުނެފައިވެ އެވެ.
ގޮއިދޫގައި ކައުންސިލުން ބޭއްވި ނުވަ ވަނަ ފުޓްސަލް މުބާރާތަށް ފަހު ކައުންސިލުން މިހާރު ތައްޔާރުވަމުން އަންނަނީ ސްޕޯޓްސް ފިއެސްޓާގައި ފުރަތަމަ ފަހަރަށް ހިމަނައިގެން ބާއްވާ ބަށި މުބާރާތުގެ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށެވެ.
ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާގެ މިއަހަރުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.