ނ. މާޅެންދޫގައި ކުރިއަށްދިޔަ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ގުޒެލް ހޯދައިފި އެވެ.
މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ ހޭންޑްބޯލް މުބާރާތުގައި މިފަހަރު މުޅިން އަލަށް ބައިވެރިވި ގުޒެލްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ރަނަރަޕް މަގާމު ހޯދި ޗެލެންޖާސްއާ ވާދަކޮށް 7-31 އިން މޮޅުވެގެންނެވެ.
މިފަހަރުގެ މުބާރާތުގައި ގުޒެލްއިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލްތަކެއް ކާމިޔާބުކޮށްފަ އެވެ. ރޭގެ ފައިނަލާއެކު މި މުބާރާތުގައި ގުޒެލް އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ވަނީ 30 ގޯލަށްވުރެ އިތުރަށް ސްކޯ ކޮށްފަ އެވެ.
ޖުމްލަ ހަތަރު ޓީމަކުން ވާދަކުރި މި މުބާރާތުގައި މިދެ ޓީމު ލީގު ބުރުގައި ވާދަކުރި މެޗުގައިވެސް ގުޒެލް އިން ވަނީ 21 ގޯލްގެ ތަފާތެއް ނެރެފަ އެވެ. ގުޒެލް އިން މި މުބާރާތުގައި ކުޅުނު އެހެން ހުރިހާ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގައިވެސް އެންމެ ގިނަ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އާމިނަތު މަލާޒާ މުހައްމަދެވެ. ރޭގެ މެޗުގައި މަލާޒާ 18 ގޯލް ކާމިޔާބުކުރި އިރު މުބާރާތުގައި މަލާޒާ ކާމިޔާބުކުރި ގޯލްގެ އަދަދު ވަނީ 69 އަށް އަރައިފަ އެވެ.
ރޭ ކުޅުނު ފައިނަލްގައި ޗެލެންޖާސްގެ ފަރާތުން ގިނަ ގޯލްތަކެއް ނުފެނުމުގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ އެ ޓީމަށް މި މުބާރާތުގައި 30 ގޯލް ކާމިޔާބުކޮށްދިން މަރިޔަމް ލަހުފާ ރޭގެ މެޗުގައި ކުޅެފައި ނުވުމެވެ.

މާޅެންދޫ ކައުންސިލުން މިދިޔަ އަހަރު ބާއްވަން ފެށި ހޭންޑްބޯލް މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި މިފަހަރު ހިމެނުނީ ގުޒެލްގެ މަލާޒާގެ އިތުރުން މި މުބާރާތުގައި 48 ގޯލް ކާމިޔާބުކުރި އެ ޓީމުގެ އާއިސަތު ސާއިނާ އާއި، ގޯލްކީޕަރު ޝަފީނާޒް އަބްދުއްރަހީމް އަދި ކަމަނަ ޓީމުގައި ވިދާލި އީމާނާ އަލީގެ އިތުރުން ޗެލެންޖާސްގެ ތިން ކުޅުންތެރިން ކަމަށްވާ މަރިޔަމް ލަހްފާ، ސާމިހާ އަބްދުއްރަހީމް އަދި ޝަޒްލީން ހަސަން އެވެ.
ރޭ ނިމުނު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ކަމަނަ ޓީމުގެ ޖައުޒާ ހަސަން ހޮވުނު އިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ކަމަނަ އެވެ.
https://www.fahuminet.com/tournaments/maalhendhoo-council-handball-tournament%202026
މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ގުޒެލްގެ މަލާޒާ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް30,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 18,000 ރުފިޔާ ދީފައިވެ އެވެ.