ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ އަންހެނުންގެ ހޭންޑްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ކަމަނަ ބަލިވުމާއެކު މުބާރާތުގެ ފައިނަލުން ޗެލެންޖާސް އަށް ޖާގަ ލިބިއްޖެ އެވެ.
ހަތަރު ޓީމަކުން ވާދަކުރަމުން އައި މާޅެންދޫ ކައުންސިލްގެ ދެވަނަ ހޭންޑްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗަށް ކަމަނަ ނުކުތްއިރު މެޗުން މޮޅުވެގެން ފައިނަލްގެ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އެ ޓީމަށް އޮތް ނަމަވެސް މުބާރާތުގައި މިފަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގުޒެލްއިން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކަމަނަގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ގުޒެލްއިން މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުވެފައި އޮތް ނަމަވސް މިއަދު ހަވީރު ކުޅުނު މެޗު އެ ޓީމު ފަސޭހައެއް ނުކުރެ އެވެ. މި މެޗު 16-32 އިން ގުޒެލް ކާމިޔާބުކުރި އިރު މެޗުގައި ގުޒެލްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާއިޝަތު ސާއިނާ އެވެ. މި މެޗުގައި ސާއިނާ 15 ގޯލް ކާމިޔާބުކުރި އިރު މި މުބާރާތުގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވާ ގުޒެލްގެ އާމިނަތު މަލާޒާ ވަނީ 14 ގޯލް ކާމިޔާބުކޮށްފަ އެވެ.
މިއަދު ހަވީރު ގުޒެލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަނައަށް އެންމެ ގިނަ ގޯލް ކާމިޔާބުކުޮށްފައިވަނީ އެ ޓީމުގެ ތަރި އީމާނާ އަލީ އެވެ. މި މެޗުގައި އީމާނާ ވަނީ ޖުމްލަ 13 ގޯލް ކާމިޔާބުކޮށްފަ އެވެ.
https://fahuminet.com/tournaments/maalhendhoo-council-handball-tournament%202026
ހޭންޑްބޯލް މުބާރާތުގެ ފައިނަލުން ޗެލެންޖާސް އަށް ފުރުސަތު ލިބުނު އިރު އެ ޓީމު ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގައި ޗެލެންޖާސް ހަމައެކަނި ބަލިވެފައިވަނީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލްގެ ޖާގަ ހޯދި ގުޒެލް އަތުންނެވެ.
މިދިޔަ އަހަރުވެސް ވާދަކުރި ޗެލެންޖާސް އާއި ގުޒެލް ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ.