ފުރަތަމަ ސަފްޙާ / ޚަބަރު / ތިން ވަނަ ތަށީގެ އުންމީދުގައި ކަބަޓާން އޮތްއިރު ޓެމެރާރިއޯސް އިން ދިނީ ޔަގީންކަން
ތިން ވަނަ ތަށީގެ އުންމީދުގައި ކަބަޓާން އޮތްއިރު ޓެމެރާރިއޯސް އިން ދިނީ ޔަގީންކަން
މާޅެންދޫ ކައުންސިލްގެ ހަތަރު ވަނަ ފުޓްސަލް މުބާރާތުގެ ލީގު އުސޫލުން ކުޅުނު ބުރުގައި ޓެމެރާރިއޯސް އާއި ކަބަޓާން އެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މާޅެންދޫ ކައުންސިލް އިދާރާ

ތިން ވަނަ ތަށީގެ އުންމީދުގައި ކަބަޓާން އޮތްއިރު ޓެމެރާރިއޯސް އިން ދިނީ ޔަގީންކަން

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 5 ސެޕްޓެމްބަރު 2026

ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގައި ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކަބަޓާން އެސްސީ އާއި ޓެމެރާރިއޯސް މިއަދު ހަވީރު ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ ފުޓްސަލް މުބާރާތުގެ ފައިނަލުން ކަބަޓާން އެސްސީ ޖާގަ ހޯދައިފައިވަނީ ތިން ޓީމު ވާދަކުރި ލީގު ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަނެއްކޮޅުން ޓެމެރާރިއޯސް އިން ވަނީ މި މުބާރާތުގައި މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

ޗެމްޕިއަން ޓީމަށް 35,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 23,000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ ލީގު އުސޫލުން ކުޅުނު ބުރުގައި ކަބަޓާން އެސްސީއާ ދެކޮޅަށް ޓެމެރާރިއޯސް އިން ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 0-4 އިންނެވެ. މުބާރާތުގައި ޓެމެރާރިއޯސް އިން ކުޅުނު ދެ މެޗުގައި ޖުމްލަ 12 ގޯލް ޖަހާފައިވާއިރު އެއްވެސް ޓީމަކަށް އަދި އެ ޓީމުގެ ގޯލް ފޫއަޅުވާލެވިފައެއް ނުވެ އެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދަން ނުކުންނަ ކަބަޓާން އެސްސީއިން މުބާރާތުގައި މިހާތަނަށް 8 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ހަ ގޯލް ވަނީ ވަދެފަ އެވެ. މިއީ މި ދެ ޓީމު މި މުބާރާތުގެ ފައިނަލްގައި ވާދދަކުރާ ދެވަނަ ފަހަރެވެ. މި މުބާރާތުގެ ފައިނަލްގައި 2024 ވަނަ އަހަރު މި ދެ ޓީމު ވާދަކޮށްފައިވާއިރު ކަބަޓާނުން ވަނީ އެ މެޗުގައި ޓެމަރާރިއޯސް ކޮޅަށް 12 ލަނޑު ޖަހައިގެން މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ތަރިންނާ ދޭތެރޭ ޓެމެރާރިއޯސް އަށް އޮތީ ބޮޑު އިތުބާރެއް

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ޓެމެރާރިއޯސް އިން މިފަހަރުގެ މުބާރާތަށް ނުކުމެފައިވަނީ އެ ހިތްދަތި ތަޖުރިބާ އަލުން ކުރަން ނުޖެހޭނެ ވަރަށް ތައްޔާރުވެގެންނެވެ. މިފަހަރުގެ މުބާރާތަށް ޓެމެރާރިއޯސް އިން ނެރުނު ސްކޮޑްގައި ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ ދެ ތަރިން ހިމަނައިފައިވުމަކީ އޭގެ އެއް ހެއްކެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި މިއަހަރު ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި މުހައްމަދު އިޝާމު (ޝަންޓޭ) ވަނީ މި މުބާރާތުގެ ފައިނަލަށް ޓެމެރާރިއޯސް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޓެމެރާރިއޯސްގެ ޝަންޓޭ ބޯޅަ ހިފައިގެން. މާޅެންދޫ ފައިނަލުގެ ވާދަވެރި ފައިނަލް މެޗު މިއަދު ހަވީރު ކުޅޭނެ. ފޮޓޯ: މާޅެންދޫ ކައުންސިލް
ޓެމެރާރިއޯސްގެ ޝަންޓޭ ބޯޅަ ހިފައިގެން. މާޅެންދޫ ފައިނަލުގެ ވާދަވެރި ފައިނަލް މެޗު މިއަދު ހަވީރު ކުޅޭނެ. ފޮޓޯ: މާޅެންދޫ ކައުންސިލް

"މިފަހަރު ތަށި ހޯދޭނެ ކަމާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. މި ޓީމުގައި މި ތިބީ މިވަގުތު ރާއްޖޭގައި ތިބި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިން ހިފަހައްޓާކަށް ފަސޭހައެއް ނުވާނެ. އެ ކުޅުންތެރިން މިތަށި ހޯދައިދޭނެކަން ޔަގީން." މިއަދު އޮންނަ ފައިނަލް މެޗާ ގުޅޭ ގޮތުން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ޓެމެރާރިއޯސްގެ މެނޭޖަރު ހަސަން ފިރުޝާން ބުނެފައިވެ އެވެ.

ފިރުޝާން ފާހަގަކުރި ގޮތުގައި މި މުބާރާތުގައި ޓެމެރާރިއޯސްގެ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބެމުން އަންނަ ބޮޑު ތަރުހީބަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މިއަދުގެ މެޗުގައި އެކަން އަދި މާ ބޮޑަށް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަކުރަން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އެބަދޭ. މިއަދު މާ ބޮޑަށްވެސް ސަޕޯޓަރުންގެ ފޯރި ގަދަވާނެ ކަމަށް މި ބަލަނީ.

ކަބަޓާނުން ބުނަނީ  ފައިނަލް މެޗު ތަފާތުވާނެ ކަމަށް

ކަބަޓާން އެސްސީއިން މި މުބާރާތަށް ނެރުނު ޓީމުގައިވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުލުންތެރިޔަކު ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަލީ އަލްސަން އާއި މިހާތަނަށް ރާއްޖެ ގެނައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކިރްގިސްތާނުގެ އުލާން ކަބަޓާން އެސްސީއަށް މި މުބާރާތުގައި ކުޅެމުން އަންނައިރު އަލްސަން ވަނީ ފުރަތަމަ މެޗުގައި ހެޓްރިކް ހަދައި އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ކަބަޓާން އެސްސީގެ އަލްސަން ބޯޅަ ހިފައިގެން. ލީގު ބުރުގެ މެޗުން ބަލިވިޔަސް ޓެމެރާރިއޯސް އަށް މިއަދު ދުލެއް ނުދޭނެ. ފޮޓޯ: މާޅެންދޫ ކައުންސިލް
ކަބަޓާން އެސްސީގެ އަލްސަން ބޯޅަ ހިފައިގެން. ލީގު ބުރުގެ މެޗުން ބަލިވިޔަސް ޓެމެރާރިއޯސް އަށް މިއަދު ދުލެއް ނުދޭނެ. ފޮޓޯ: މާޅެންދޫ ކައުންސިލް

 މުބާރާތުގައި ކުޅުނު ދެވަނަ މެޗާ ހަމައިން ކަބަޓާންއާ ގުޅުނު އުލާން އަށް ޓެމެރާރިއޯސްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އެއީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލުމުގައި އެހީތެރިވެދިވުމުގެ ކޮލިޓީ ހުރި ކުޅުންތެރިއެކެވެ.

https://fahuminet.com/tournaments/maalhendhoo-council-futsal-tournament-2026

ލީގު އުސޫލުން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ޓެމެރާރިއޯސް އިން އަތުން ބަލިވި ނަމަވެސް މިއަދު ކުޅޭ ފައިނަލް މެޗުގައި އެ މެޗުގައި ހެދުނު ގޯސްތައް ރަގަޅުކޮށް މެޗަށް ޓީމު ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމަށް ކަބަޓާން އެސްސީގެ މެނޭޖަރު މުހައްމަދު އިސްމާއިލް "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

"އެ މެޗުގެ ނަތީޖާއާ މެދު މާ ބޮޑު ފަރުވާލެއް ނެތް. އެ މެޗުގެ ނަތީޖާ އެގޮތަށް ނުކުތަސް މިއަދުގެ މެޗު ނެގޭނެ ކަމަށް މި އުންމީދު ކުރަނީ." މުހައްމަދު އިސްމާއިލް ބުނެފައިވެ އެވެ.

ޓެމެރާރިއޯސްއާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. އެ ޓީމުގައި ތިބި ޝަންޓޭ މެން ފަދަ ކުޅުންތެރިން ހުއްޓުވުމަށްޓަކައި ޑިފެންސަށް ވަރަށް ބޮޑަށް ވިސްނައިގެން މިއަދުގެ މެޗު ކުޅޭނީ.

ޓެމެރާރިއޯސް އާއި ކަބަޓާން އެސްސީ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 4:15 ގަ އެވެ.

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Predict
Settings