ނ. މާޅެންދޫ ކައުންސިލްގެ ހަތަރު ވަނަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޓެމަރާރިއޯސް އިން ހޯދައިފި އެވެ.
ޖުމްލަ ތިން ޓީމަކުން ވާދަކުރި މި މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފް ޓެމެރާރިއޯސްއިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަބަޓާން އެސްސީ 2-3 އިން ބަލިކުރުމަށްފަހު އެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑު ހޯދީ ކަބަޓާން އެސްސީންނެވެ. ފުރަތަމަ ހާފު ނިމިނިމި އޮއްވައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒަޔާނެވެ. ފުރަތަމަ ހާފުގައި ޓެމެރާރިއޯސް އަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ޓީމުން ވަނީ ކަބަޓާންގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު ހާފު ފަށައިގެން މާ ގިނައިރު ތަކެއް ނުވެ ޓެމެރާރިއޯސް އަށް ކުޅެމުން އަންނަ މުހައްމަދު އިޝާމް (ޝަންޓޭ) ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި އޭގެ ތިން މިނެޓް ފަހުން ޓެމެރާރިއޯސްގެ ކެޕްޓަން އަލީ ފާރިޝް ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑް ހޯދައިދިނެވެ.
އެ ލަނޑާއެކު ކަބަޓާން އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ކަބަޓާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކް ހެދި އަލީ އަލްސަން އެވެ.
އެ ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވެގެން ޕެނަލްޓީ އަށް ދާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ މުޅި މަންޒަރު ބަދަލުކޮށްލީ މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޓެމެރާރިއޯސްގެ އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) ކާމިޔާބުކުރި ލަނޑާއެކު އެވެ. އެ ލަނޑަށް ފަހު އިތުރު ފުރުސަތެއް ކަބަޓާނަށް ނުލިބި މެޗުގެ ވަގުތު ހަމަވި އެވެ.
މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ކަބަޓާން އެފްޓީގެ މުހައްމަދު އަފްޝާން ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ޓެމެރާރިއޯސްގެ އައްޒާމް އަބްދުﷲ އަށެވެ.
https://www.fahuminet.com/tournaments/maalhendhoo-council-futsal-tournament-2026
މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޓެމަރާރިއޯސްގެ ރާއްކޮ އާއި ޝަންޓޭގެ އިތުން ކެޕްޓަން އަލީ ފާރިޝް އާއި ގޯލްކީޕަރު އަމީޝް ޔަހްޔާ އަދި ކަބަޓާން އެސްސީގެ އަލްސަން އެވެ.
މިއަދު ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްކޮ އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ކަބަޓާން އެފްޓީ އެވެ.